ޗައިނާއިން ސްރީލަންކާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް ފަށާފައި ވަނީ 2015ން ފެށިގެންނެވެ. މިއަދާހަމައަށްވެސް މިމަޝްވަރާތަކަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ޗައިނާއިން ވަނީ މިހާރު ސްރީލަންކާގެ އިގްތިސާދީ ދަތިހާލުގައި އެހީ ވުމަށް ޝަރުތެއް ކޮށްފައެވެ. އެއީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ސޮއިކުރުމެވެ.

ޗައިނާގެ ބޮޑުވަޒީރު ލީ ކެކިއާންގް، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއެކު އޭޕްރިލް މަހުގެ 22 ވަނަ ބޭއްވި މަޝްވަރާތަކުގައި ވިދާޅުވީ، ސްރީލަންކާގެ އިގުތިސާދީ ހާލަތަށް ޗައިނާއިން ހަމްދަރުދީވާ އިރު، ޗައިނާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ، އަދި ދެ ގައުމުގެ ގުޅުން އިތުރަށް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

ލީ ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގައި ދިގު ދެމިގެންދަނީނަމަ ސްރީލަންކާއަށް ޗައިނާއިން ވާ އެހީތެރިކަމަށްވެސް އޭގެ އަސަރު ކުރާނެ ކަމަށެވެ. މަހިންދަ ރާޖަޕަކްސަ ވިދާޅުވެފައި ވަނީ މާލީ، އިގުތިސާދީ އަދި ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ޗައިނާއާއެކު ގުޅުން ބަދަހިކޮށް، މިނިވަން ވިޔަފާރިއަކަށް މަޝްވަރާ ކުރުމަށް ސްރީލަންކާ އޮތީ ތައްޔާރަށް ކަމަށެވެ.

ރާޖާޕަކްސަ މިހެން ވިދާޅުވިނަމަވެސް ސްރީލަންކާގެ މުއައްސސާތަކާއި ސިޔާސީ ފަރާތްތަކުން މިފަދަ އެއްބަސްވުމަކާ ދެކޮޅު ހަދަމުންދާއިރު ރާޖާޕަކްސައަށް މިކަން ކުރިއަށް ގެންދިއުމަށް ފަސޭހަފުޅެއް ނުޥާނެއެވެ.

ޗައިނާއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކީ ޒެންހޮންގްވެސް ފޮރިން މިނިސްޓަރ ޖީއެލް ޕީރިސްއާ މި އެއްބަސްވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. ޕީރިސް ވިދާޅުވީ، މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގެ ހަތް ވަނަ ބުރު ގުޅުން ހުރި މިނިސްޓްރީތަކާއެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ޗައިނާއިން ވަނީ ތަފާތު ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ 26 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޗައިނާއިން ވަނީ 2013 ވަނަ އަހަރުން ފެށިގެން އެގައުމުގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ސްރީލަންކާގައި އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކޮށްފައެވެ. މި އިންވެސްޓްމެންޓްގެ ދަށުން ބަނދަރުތަކާއި އެއާޕޯޓްތަކާއި މަގުތަކާއި އިންޖީނުގެތައް ބިނާކުރަމުން ގެންދެއެވެ. އޭގެ ލޯނުތަކަކީ ސްރީލަންކާގެ ބޭރުގެ ދަރަނީގެ 10.5% އެވެ.

ޗައިނާ އެމްބެސެދަރާއެކު 11 ޕާޓީގެ ޕާލަމެންޓްގެ މެމްބަރުން ބޭއްވި ބައްދަލުވުމެއްގައި ޗައިނާ އެމްބެސެޑަރު ވިދާޅުވެފައި ވަނީ ސްރީލަންކާގައި ޗައިނާގެ އިންވެސްޓްމެންޓްގެ އަގު ވަޒަން ނުކުރާ ކަމަށެވެ.

ސްރީލަންކާއިން ޗައިނާއާ ވާހަކަ ދައްކަން ހައްސާސްވެފައި ވަނީ ޗާއިނާއިން އންތިހާއަށް އެދުން ބޮޑުވުމުންނެވެ. ޗައިނާއިން ވަނީ ސްރީލަންކާ ފަސް ޖެހޭ ދެކަމެއް ހުށަހަޅާފައެވެ.

އެއް ކަމަކީ ސްރީލަންކާ އިސްވެ އޮންނަ ޖަޒީރާ ގައުމުތަކުގެ ޖަމާއަތެއް އެކުލަވާލުމެވެ. މިކަމަކީ ސަރަހައްދީ މަސްހަލަތަށްޓަކައި ސްރީލަންކާއިން ކުރަން ފަސްޖެހޭ ކަމެކެވެ. ދެވަނަ ކަމަކީ މިހާރު އޮތް ބައިނަލްއަގްވާމީ ނިޒާމުގެ ބޭރުން ޑިސްޕިއުޓް ސެޓެލްމެންޓް މެކެނިޒަމެއް އެކުލަވާލުމެވެ. އިސް ޑިޕްލޮމޭޓަކު ވިދާޅުވި ގޮތުގައި، ޗައިނާއިން ހުށަހެޅި ދެ ހުށަހެޅުމަކަށް ކޮލަމްބޯއިން އިޖާބަ ދީފައެއް ނުވެއެވެ.

އަނެއްކޮޅުން ޗައިނާއަށް ފެނިގެން ދިޔައީ ގޯޓާބަޔަ ރާޖަޕަކްސަގެ ސަރުކާރުން އިންޑިއާއާ ގާތްވެ، ޚާއްސަކޮށް މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ކާރިސާގެ ތެރޭގައި، އިންޑިއާއިން މާލީ އަދި މާއްދީ އެހީގެ ގޮތުގައި 3.4 ބިލިއަން އެމެރިކާ ޑޮލަރު ހޯދި ތަނެވެ.

ހަގީގަތަކީ ޗައިނާއިން ވަނީ ސްރީލަންކާގެ ކާރިސާގައި ފެއަށް ޖެހިފައި ކަމަށް ނިއުސް އޭޝިއާއިން ރިޕޯޓް ކުރެއެވެ. އެފަރާތުގެ ރިޕޯޓެއްގައި ބުނެފައި ވަނީ ޗައިނާގެ ލޯނުތައް އަނބުރާ ދެއްކުން އަލުން ޝެޑިއުލް ކުރުމަށް ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މިދިޔަ ޖެނުއަރީ މަހު ޚާރިޖީ ވަޒީރު ވަންގް ޔީއަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެފަރާތުން ވަނީ ދެކޮޅު ހައްދަވާފައެވެ.

ޗައިނާއިން ލޯނާއި މުދާ ގަތުމަށް ކްރެޑިޓްގެ ގޮތުގައި ދޭ ފައިސާ 2.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އިއުލާނުކުރި ނަމަވެސް އެ ފައިސާ ޑެލިވަރީ ކުރުމުގައި ވަނީ ބެއިޖިންގ ވަނީ ނާކާމިޔާބުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު، އައިއެމްއާއެކު އޮތް މަޝްވަރާތަކަށް ފަހު ސްރީލަންކާ އިން ހުޅަނގުގެ ގައުމުތަކާއި އިންޑިއާގެ ކޭމްޕަށް ހިނގައިދާނެ ކަމުގެ ބިރު ހީވުމުން، ޗައިނާއިން ވަނީ 31 މިލިއަން އެމެރިކާ ޑޮލަރުގެ އިމަޖެންސީ އެހީއެއް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި 5000 ޓަނުގެ ހަނޑުލާއި ފާމަސޫޓިކަލްސް އާއި ޕްރޮޑަކްޝަން މެޓީރިއަލްސް އަދި އެހެނިހެން ޒަރޫރީ ތަކެތި ދިނުން ހިމެނެ އެވެ. އެކަމަކު މިއީ ލަންކާއަށް މިވަގުތު ދިމާވެފައިވާ މުހިންމު ބޭނުންތަކަށް ބަލާއިރު ވަރަށްވެސް ކުޑަ މިންވަރެކެވެ.

ކޮންމެއަކަސް ޗައިނާއާއި ލަންކާގެ މިނިވަން ވިޔަފާރި އެއްބަސްވުން ކުރިއަށް ގޮސްފައި ނުވަނީ، ޗައިނާއިން ދޫދޭން އެއްބަސްނުވުމުންނެވެ. ދެ ފަރާތުން ބެއްވި މަޝްވަރާތައް 2017 ވަނަ އަހަރު މަޝްވަރާތައް ރޫޅިގެން ދިޔައިރު، ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން ދިޔައީ އެފްޓީއޭ އަލުން މުރާޖައާ ކުރުމަށް ކޮލަމްބޯއިން ކުރި ޑިމާންޑަށް ބެއިޖިން އިން ދެކޮޅު ހަދަމުން ދިޔަ ކަމެވެ.