ހަނާގެ މޫނު ދިއްލިފައިވަނީ އުޖާލާ ދިއްލުމަކުންނެވެ. ވިދާ ބަބުޅަމުންދާ އަލި މަހެއް ފަދައިންނެވެ. އުޑުގައި ފިޔަ ޖަހަމުންދާ ތަރިއެއް ފަދައިންނެވެ. މިނިވަންކަމާއެކު ޖައްވުގައި އުދުހެމުންދާ ކޮކާލެއް ފަދައިންނެވެ. ފެންނަ ފަށުގައި ކުޅެމުން ދިޔަ ނިބޫ ދެ ދަރިންނަށް ބަލަހައްޓައިގެން ހަނާއަށް އިނދެވުނީ އުފާވެރި ހިނިތުންވުމަކާ އެކީއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އޭނާ އުޅެން ޖެހިފައިވާ ނިކަމެތި ހާލު މަތިން ހަނދާން ނެތުނު ކަހަލައެވެ. އެ ތުއްތު ދެ ދަރީންނަކީ އޭނާގެ ހުރިހާވެސް ހިތްހަމަ ޖެހުމެވެ. ލޯބީގެ މޭވާއެވެ. ލޮލުގެ ފިނިކަމެވެ. އަދި ދިރިހުރުމުގެ އުއްމީދު ވެސްމެއެވެ.

އުމުރުން އެންމެ ދެ އަހަރުގެ ފާއިޒާއި ފައުޒާން ބެލުމުގެ ޒިންމާ އުފުލަން ޖެހިފާވަނީ ހަނާ އެކަނިމާ އެކަންޏެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އެ ދެކުދިންގެ ބައްޕަ ނިޔާވުމަށްފަހު އާއިލާ ހިންގުމަށް ހުރި ހަމައެކަނި މީހަކީ އޭނާއެވެ. ގޭގޭގައި މަސައްކަތް ކުރަމުން، ދަރިން ބަލަމުން އޭނާގެ ދިރިއުޅުން ކޮންމެވެސް ގޮތެއްގައި ފަރުޖައްސާލެވޭތޯ ބަލައެވެ. ބޮޑުވަމުންދާ އޭނާގެ ފުރާނަފަދަ ދެދަރީންނަށް އުޖާލާ މުސްތަގުބަލެއް ހޯދާ ދިނުމަށްޓަކައި އޭނާއަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރެއެވެ.

ދެކުދިންވެސް ބޮޑުވަމުން ދިޔައީ ހަނާ އުންމީދު ކުރިގޮތަށް ބަސްއަހާ ކިޔަމަންތެރި ދަރިންތަކެއް ގޮތުގައެވެ. ލިބޭ މިންވަރަށް ޝުކުރުކޮށް ލިބޭ އެއްޗަކުން އުފާ ހާސިލްކުރަމުންނެވެ. އެގޮތުން މި ދެކުދިން އެންމެ ކުރާ ހިތުން ކުރާ އެއްކަމަކީ ކުރެހުމެވެ. އެއާއިލާ ދިރިއުޅެމުންދިޔަ ކުޑަ ގޭގެ ފާރުތަކުގައި މުޅިންވެސް ފެންނަން ހުންނާނީ އެދެކުދީންގެ މަސައްކަތެވެ. އެއްވެސް ތަމްރީނެއް އަދި އެހީއެއް ނެތި ކޮށްފައިވާ މަސައްކަތްތަކެކޭ ނުބުނެވޭހާ ފުރިހަމަ މަސައްކަތްތަކެކެވެ. ނަމަވެސް މިކުދީންގެ ނަސީބުގައި ނެތީ މި މަސައްކަތް ކުރިއަރުވާނޭ ގޮތެވެ. ނުވަތަ ވަސީލަތްތަކެވެ.

ފާއިޒާއި ފައުޒާނަށް ފަނަރަ އަހަރު ފުރުނު ދުވަހެވެ. އަނަރޫފަވެފައިވާ މަންމަ، ހަނާ އޮތީ ލަކުޑި އެނދެއްގެ މަތީގައެވެ. ގޮދަޑިގަޑެއްހައި ހިސާބުވެސް އެނދުމަތީގައި ނެތެވެ. ހަނާގެ ގަޔަކު އެއްވެސް ބާރެއްނެތެވެ. އަތްފައި ހިއްލާލާނެހާ ވަރެއްވެސްނެތެވެ. މަންމަ އެހާލުގައި އޮންނަ ދެކޭކަށް އެދެބެންގެ ލަގޮނޑިއަކަށް ކެތެއް ނުކުރެވުނެވެ. މަންމައަށް ފަރުވާ ކޮށްދޭނެ ހާކިމެއް ދިމާވޭތޯ ދެކުދިން އުޅެގަތެވެ. ފެންނަ މީހަކުވެސް އެ ގެޔަށް ވަނުމަށް އިންކާރު ކުރެއެވެ. ސަބަބަކީ އެ އަވަށު މީހުން ގަބޫލު ކުރާގޮތުގައި ފިރިމަރުވެފައިވާ އަންހެނުންނަކަށް ދިރިހުރުމުގެ ހައްގު ލިބިގެނެއްނުވެއެވެ. މަގުމަތީގައި އެހީއަށް އެދެމުން ރޮމުން ގެންދިޔަ ދެޒުވާނުންގެވެސް އެދުމުގައި އެމީހުން ކޮޅުފައިން ޖެހީ އެއްވެސް ރަހުމެއް އަދި ކުލުނެއްނެތިއެވެ.

ހަދާނެގޮތް ހުސްވެފައި ފައުޒާން އިނީ އޭނާގެ މަންމަގެ ކައިރީގައި އިށީދެލައިގެންނެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް މަންމައަށް ވަންހަނާ ކުރުމަށްޓަކައި އޭނާ މޫނުގައި އަތް އެޅިއެވެ. ހިކި އަނަރޫފަވެފައިވާ އަތެއް ބަލިކަށިކަމާއެކީ އޭނާގެ އަތުގައި ހިފިއެވެ. އަދި މަޑުމަޑުން އޭނާގެ އަތް އެއްފަރާތްކޮށްލިއެވެ.

"ދަރިފުޅާ!" ކުރަކިވެފައިވާ އަޑަކުން އޭނާގެ ލޯބިވާ މަންމަ ގޮވާލިއެވެ.

"ބޭބެ ކޮބާތަ؟" މިހެން ބުނުމާއެކު އޭނާ ދުވެފައިގޮސް އޭނާއަށްވުރެ ދެ މިނެޓް ދޮށީ ފާއިޒަށް ގޮވާފައި މަންމަ ގާތަށް ގެނައެވެ.

ދެކުދިން ފެނުމާއެކު ހަނާގެ ކޯތާފަތް ތެމުނެވެ. ކަރުނަތައް ފައިބައިގަތެވެ. އޮހޮރެމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު އޭނާ ގާތުގައި ދެކުދިން އިށީނުމަށް އެދުނެވެ. އަދި ބުންޏެވެ.

"މަންމަ ދެން މާ ގިނަ ދުވަހަކު މިހެނެއް ނޯންނާނެ. މަންމަ ނެތް ދުނިޔެއެއްގައި ވެސް ދެކުދިން އެކަކު އަނެކަކާ ގުޅިގެން އުޅޭތި. ދުވަހަކުވެސް ދެކުދިން ވަކި ނުވާތި. މިއީ މަންމަގެ އެންމެ ފަހުގެ ވަސިއްޔަތް. މަންމަ އަބަދުވެސް ތި ދެކުދިން ދެކެ އިންތިހާއަށް ލޯބިވަން." ވަރަށް ހާލުން ހަނާ އޭނާގެ ދަރިންނަށް ނަސޭހަތްދިނެވެ. އަދި ބާލިސް ދަށުން އެކުދީން މަންމައަށް ޓަކައި ކުރަހާފައިވާ ތަސްވީރެއް ނަގާ ދިއްކޮށްލިއެވެ. އަދި ހަނދާނެއްގެ ގޮތުގައި ބޭއްވުމަށް އެދުނެވެ. މަންމަގެ ވާހަކަ އަޑު އެހުމަށްފަހު ދެކުދީން ވެސް ކަރުނަ އަޅާ ރުޔެވެ. އަދި މަންމަ ގައިގައި އޮޅުލައިގަތެވެ.

ދެތިން ދުވަސް ނުވެ މަންމަ ނިޔާވެއްޖެއެވެ. ދެކުދިން މުޅިން ނިކަމެތި ވެއްޖެއެވެ. އަޅާލާނެ މީހެއްނެތެވެ. އާއިލީ އިތުރު މީހެއްވެސް ހުރީއެއްނޫނެވެ. ކައިބޮއި ހަދާނޭގޮތް ހުސްވެއްޖެއެވެ. ބިކަވެ ހާލުގައި ޖެހިއްޖެއެވެ. އެހެންކަމުން ޒުވާން މި ދެކުދިންނަށް ޖެހުނީ އަމިއްލަ ފައި މައްޗަށް ތެދުވާށެވެ. މަންމަ ދީފައިވާ ނަސޭހަތާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރެވޭތޯ ދެކުދިން ވެސް އަޒުމު ކަނޑައެޅިއެވެ. ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ދެބައިންގެ ހުވަފެންތަކުގައި ވެސް ކުލަ ޖެއްސުމަށް ޓަކައި އައު ހިއްވަރެއްލައި ދިރިއުޅެން ފެށިއެވެ. ނަމަވެސް މިކަން ވެގެންދިޔައީ އުންމީދު ކުރިވަރަށްވުރެ ބުރަ ކަމަކަށެވެ.

ޒުވާން ޅަ ޢުމުރުގައި އާމްދަނީ ހޯދުމަށްޓަކައި މަސައްކަތް ކުރުން މިއީ އެހާގިނަ ބަޔަކު ބަލައިގަތް ކަމެއްނޫނެވެ. އެހެންކަމުން މި ދެޒުވާނުން އެންމެ ފުރަތަމަ މަސައްކަތް ފަށަންޖެހުނީ ވަރަށް ކުޑަ އުޖޫރައަކަށެވެ. ނުވަތަ އެއްވެސް އެއްޗެއް ނުލިބޭގޮތަށެވެ. ނަމަވެސް މުސްތަގުބަލުގައި ރަގަނޅު ވާނޭކަމަށް އުންމީދުކޮށް ދެ ކުދީންވެސް ބުރަކޮށް މަސައްކަތް ކުރިއެވެ. ދަނޑުގޮވާން ކުރުމާއި މަސްބޭނުމާއި ވަޑާމުގެ މަސައްކަތުންފެށިގެން ނުކުރާކަށް ކަމެއްނެތެވެ. މަޑުމަޑުން ދެބެއިންގެ ދިރިއުޅުން އުޖާލާވާން ފަށައިފިއެވެ. ނަމަވެސް ކުރާ މަސައްކަތާ އެކަށޭނަ އަގެއް ލިބޭނެ ގޮތެއް ނުވެއެވެ.

އެއްދުވަހަކު މަސައްކަތުން އަވަދިވެގެން ދެބެއިން ރަށުތެރެއްށް ޖެހިލިއެވެ. ގޯޅިއެއްގެ ކަންމަތީގައި މާ މީހުން ތޮއްޖެހިފައިވާތަން ފެނުމުން ދެ ކުދީން ވެސް މިސްރާބުޖެހީ އެދިމާއަށެވެ. މާ ގިނަ ބަޔަކު ޝައުގުވެރިކަމާއެކު މިބަލަނީ ކޮންމަންޒަރެއްތޯ ބަލާލުމުގެ ނިޔަތުގައެވެ. ފައުޒާން ހަލުވިކަމާއެކު މީހުންގެ ތެރެއަށް ދެމިގަތެވެ. ފާއިޒު ތަންކޮޅެއްފަހަތުގައި އެމަންޒަރު ބަލަން ހުއްޓިލައިގެން ހުއްޓެވެ.

އެހާ ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ތިބީ މޮޅު ކުރެހުން ތެރިއަކު އޭނާގެ ހުނަރު ދައްކަމުން ދާތީއެވެ. އާޝޯޚްވެފައި އެދިމާއަށް ބަލަހައްޓައިގެން ފާއިޒާއި ފައުޒާންވެސް ތިއްބެވެ. މިމީހަކީ ގައިމުވެސް މިކަމުގައި ފުންނާބު އުސްމީހެއްކަން ކަށަވަރެވެ. އޭނާގެ ކުރެހުމުގައިވާ ފުރިހަމަކަމުން މިކަން ހާމަކޮށްދެއެވެ. ކުރެހުން ނިންމާލުމަށްފަހު އޭނާ ބެލުން ތެރިންނާ މުޚާތަބު ކުރިއެވެ. އަދި ރަނގަޅުފުރުޞަތެއް ހުޅުވާލަދިނެވެ.

ކުރެހުންތެރިޔާއަކީ އެމަސައްކަތައް ޝައުގު ހުންނަ، މީހުން ހޯދައި އެމީހުންގެ ހުނަރު އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރާ މީހެކެވެ. އަމާޒަކީ މޮޅު ކުރެހުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމެވެ. އެގޮތުން އޭނާ އެރަށުގެވެސް ކޮންމެވެސް އެއްރައްޔިތަކަށް އޭނާގެ ކުރެހުމަށް ޚާއްޞަ ޔުނިވާރސިޓީގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމަށް ވަޢުދުވިއެވެ. މިފުރުސަތު ލިބޭ މީހަކުގެ ކިޔެވުމުގެ ހުރިހާ ކަމެއް އޭނާގެ ޚަރަދުގައި ކޮށްދޭނެކަމަށްވެސް ބުންޏެވެ. އެންމެންވެސް ކެތްމަދުވެފައި ތިބީ އޭނާ ހޮވާނީ ކާކުތޯ ބެލުމަށެވެ. އަދި މި ކުރެހުންތެރިޔަކު ހޮވުމަށްޓަކައި ކުޑަ މުބާރާތެއް ބޭއްވުމަށް ހަމަޖެހުނެވެ.

ފާއިޒާއި ފައުޒާން ވެސް މި ރަނުގެ ފުރުސަތުގެ ބޭނުން ހިފާ މިމުބާރާތުގައި ބައިވެރިވިއެވެ. މުބާރާތް ކުރިއަށްދިޔައީ އެދުވަހު ހަވީރު ރަށުގެ ބަނދަރު ސަރަޙައްދުގެ ހިތްފަސޭހަ ހިސާބެއްގައެވެ. ކޮންމެ ބައިވެރިއަކަށްވެސް ކުރެހުމަށް ބޭނުންވާނޭ ސާމާނާއި އިށީންނާނެ ގޮޑިއަކާއި މޭޒެއް ދެވުނެވެ. ގަޑިޖެހުމާއެކު މުބާރާތް ފެށުނެވެ. ހުރިހާ ބައިވެރިން ވެސް އެމީހަކާށް އެންމެ ކަމުދާ އެއްޗެއްގެ ތަސްވީރު ކުރަހަމުން ދިޔައެވެ. ފާއިޒާއި ފައުޒާނަށް އިއްތިފާގުން ނަމަވެސް ކުރެހުނީ އެކައްޗެކެވެ. އެހެން ބައިވެރިންނާ މުޅިން ތަފާތު ކުރެހުމެކެވެ. އެ ކުދީންގެ މަންމަގެ ލޮބުވެތި ތަޞްވީރެވެ. ދިވެހި ލިބާހަކާއި ފޭއްޔެއް އަނދެގެން ދެ ފިރިހެން ކުދީން ކިހިލި ޖަހާލައިގެން ހުރި ކުރެހުމެކެވެ. ދެގަޑިއެއްހާއިރަށް ދެމިގެންދިޔަ ވަގުތުގައި ދެބެއިން ވެސް އާދަޔާޚިލާފަށް މޮޅަށް ކުރަހާ ނިންމާލިއެވެ.

މުބާރާތުގެ ނަތީޖާގެ ގަޑިވެސް އައިސް ކުޑަތަންވެއްޖެއެވެ. ނަސީބުގެ ތަޅުދަނޑި ލިބޭނީ ކޮންބައިވެރިއަކަށްތޯ ބެލުމަށް ކެތްމަދުވެފައި ބައިވެރިން ތިއްބެވެ. ނަތީޖާ އިއުލާން ކުރީ ބޭރުން އައިމޮޅު ކުރެހުންތެރިޔާއެވެ. ރަށުގެ ރައްޔިތުން އަންތަރީސްވެފައި ބަލަހައްޓައިގެން ތިބެވުނީ ފައުޒާން އިނާމާ ހަވާލުވާތަނެވެ. އެ ނިކަމެތި ކުއްޖާ އެ އެންމެން ބަލިކޮށް އެ ބޮޑު ޝަރަފު ހާސިލު ކުރިކަން ގަބޫލު ނުކުރެވިފައިތިބި ކަހަލައެވެ. މިމަންޒަރު ބަލަން އެންމެ އުފަލުން ހުރީ ފާއިޒެވެ. އޭނާގެ ބޭބެއަށް އެފަދަ ފުރުސަތެއް ލިބުނީތީ ﷲއަށް ޙަމްދު ކުރިއެވެ.

އިނާމާ ހަވާލުވުމަށްފަހު ފައުޒާން އައިސް ފާއިޒުގެ ގައިގައި ބައްދައިގަތެވެ. އޭނާހުރީ އުފަލުން ފޮޅިފައެވެ. ހަޔާތަށް އަލިކަމެއް އަންނަން އުޅޭކަން ޔަޤީންވި ކަހަލައެވެ. ކުޑައިރުއްސުރެ ދެބެއިން އެކުގައި ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވަނީއެވެ. އޭނާއަށް އިހްސާސްވީދެނެވެ. އޭނާ ޔުނިވާރސިޓީއަށް ހިނގައްޖެނަމަ އޭނާގެ ކޮއްކޮ އެކަނިވެރިވާނެއެވެ. އަދި އޭނާގެ ކިޔެވުންނޫން އެހެން ޚަރަދުތައް ކުރާނީ ކާކުހެއްޔެވެ؟ ހަމަކޮއްކޮއެވެ. އޭނާ ފާއިޒަކަށް އެހެނެއް ނުހަދާނެއެވެ. ފާއިޒަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. ފައުޒާން އޭނާގެ ސްކޯލާރޝިޕް އޭނާއަށް ހަދިޔާކުރުމުންނެވެ. އެއީ ފާއިޒުގެ ހުވަފެން ހަގީގަތަކަށް ހެދޭނެ މަގު ކަމުގައިވިނަމަވެސް ބޭބެގެ ފުރުޞަތު އޭނާ ނަގައެއް ނުލާނެއެވެ. އޭނާ އެހާވެސް އަމިއްލަ އެދުން ކުޑައެވެ. ނަމަވެސް ފައުޒާންގެ ބޯ އެއަށްވުރެ ހަރެވެ. ފާއިޒު ނުގޮސްފިނަމަ އޭނާވެސް ނުދާނެ ކަމަށް ހުވާކުރިއެވެ. އަދި އެ ސްކޮލާރޝިޕް ބޭކާރުކޮށް ނުލުމަށްޓަކާވެސް ފާއިޒު ދިއުމަށް އެދުނެވެ. އަދި ފާއިޒް ކިޔަވައި ނިމުމުން އޭނާވެސް ކިޔަވާނެކަމަށް ވަޢުދުވިއެވެ.

ފާއިޒު ފުރާދުވަސް އަތުވެއްޖެއެވެ. ބޭބެއަށް ހިތްހެޔޮކޮށް ސަލާމްގަލާން ކުރަނީއެވެ. އަދި ބޭބެވެސް އަވަސް މުސްތަގުބަލެއްގައި އޭނާއެކޭ އެއްފަދައިން ކިޔަވަން ދާނޭކަމަށް ބުނެ ވަޢުދުވިއެވެ. ދެބެއިން އެކަކު އަނެކަކަށް އެތައް ވަޞިއްޔަތެއް ކުރުމަށްފަހު އަލްވަދާޢު ކިޔައިފިއެވެ. ފައުޒާން އެކަނިވީއެވެ. ނަމަވެސް ކޮއްކޮއަށްޓަކައި އޭނާ ގަދައަޅާ މަސައްކަތް ކުރިއެވެ. ކަނބުރުވެރިކަމުގެ މަސައްކަތް އޭނާ ފެއްޓީ އެއިން ލިބޭ އާމްދަނީ ރަނގަޅުވުމުންނެވެ. އަދި އޭނާއަށާއި ފާއިޒަށް ޚަރަދުކުރަން ހުރި މީހަކީ ހަމައެނި އޭނާ ކަމަށްވީތީއެވެ.

ތިން އަހަރު ފަހެވެ. ފާއިޒް ހުރީ ރަށަށް ދިޔުމަށް ކެތް މަދުވެފައެވެ. އޭނާ ކިޔެވުން ފުރިހަމަ ކުރުމަށްފަހުގައި އޭނާގެ ލޯބިވާ ބޭބެ ކައިރިއަށް ދިއުމުގެ ދުވަސް މިއޮތީ އައިސް ޖެހިފައެވެ. އޭނާގެ ޚިޔާލަށް އަންނަން ފެށީ ފައުޒާންގެ ޒުވާން މޫނެވެ. ބޭބެއާ އެކުގައި ދުވަސްތައް ހޭދަކުރިގޮތުގެ އުފާވެރިކަމެވެ. މޮޅެތި ކާނާއާއި ވަސީލަތްތައް ނުލިބުނު ކަމުގައިވިނަމަވެސް ދެބެންނަށް ލިބުނު އެއްޗަކުން އުފާ ހާސިލްކުރިއެވެ. ހަނދާނުން ފުހެލަން ދަތި ތަސްވީރުތަކެއް ކުރެހިއެވެ.

ރަށަށް އެރުމާއެކު ފާއިޒް ގެއާ ދިމާއަށް ދުއްވައިގަތެވެ. ބޭބެ ދެކިލުމަށްޓަކައި އޭނާގެ ދެލޯވަނީ ކެތް މަދުވެފައެވެ. އަދި ބޭބެއަށް ކިޔެވުމުގެ ފުރުސަތު ލިބުނުކަމުގެ އުފާވެރި ޚަބަރު ދިނުމަށްވެސް އޭނާ އަވަސްވެގަތެވެ. ގެއާ ހިސާބަށް ފޯރުމުން އޭނާ ހުއްޓިފައި ގެއަށް ބަލައިލިއެވެ. އެ ކުޑަކުޑަ ޖިފުޓިގަނޑު ހުރީ އަދިވެސް އެ ހުރިގޮތަށެވެ. އޭނާ އަރާމާއި އުފަލުގައި ތިން އަހަރު ދުވަސް ހޭދަކޮށްފައި އައިއިރުވެސް ބޭބެ އަދިވެސް ދިރި އުޅެމުން އެދަނީ އެ ނިކަމެތި ހާލުގައެވެ.

ހިތަށްވެރިވި ހިތާމައިގެ ރާޅު ބޮޑުވިޔަ ނުދިނުމަށްޓަކައި އޭނާ ގެއަށްވަނެވެ. އަދި ފައުޒާނަށް ގޮވާލިއެވެ. ބާރު ދުވެއްޔެއްގައި އައި ފިރިހެނަކު އޭނާގެ ގައިގައި ހިފާ ބައްދައިގަތެވެ. އުފަލުންގޮސް އޭނާއަށް ހިނިގަނޑެއް ޖަހާލެވުނެވެ. ކުރިމަތީގައި ހުރީ އޭނާގެ ބޭބެ ފައުޒާނެވެ. ހަމަ ފާއިޒެކޭ އެއްފަދަ މޫނެކެވެ. ތުބުޅި ތަންކޮޅެއްދިގެވެ. ކުރިއަށްވުރެ ހިއްކެވެ. މީހާ ވަރަށް އަނަރޫފަ ވެފައިވާހެންވެސް ހީވެއެވެ. ފާއިޒު ލަސްކުރުމެއްނެތި ފައުޒާނަށް ލިބިފައިވާ ކިޔެވުމުގެ ފުރުޞަތު އެންގިއެވެ. އޭނާ އުންމީދު ކުރިގޮތާ ޚިލާފަށް ފައުޒާންގެ މޫނުމަތިން ފެނިގެންދިޔައީ ނުތަނަވަސްކަމެވެ. ކިހިނެއްވީތޯ އޭނާ ބޭބެއާ ސުވާލުކުރިއެވެ. ނުކެރިފަ ހުރެ ފައުޒާން ބުންޏެވެ. ބޭބެއަކަށް ދެނެއް ކުރަހައެއް ނޫޅެވޭނެއެވެ. ޙައިރާންވެފައި ފާއިޒު ބަލަހައްޓައިގެން ހުރީ އެކިޔާއެއްޗެއް ނޭނގިފައެވެ.

ފައުޒާން މަޑުމަޑުން އޭނާގެ ދެއަތް ނަގާ ފާއިޒަށް ދައްކާލިއެވެ. އަތުގެ ބަނޑުފުށް ފެންނަ ގޮތަށެވެ. ބޭބެގެ އަތް ފެނިފައި ފާއިޒުގެ ލޮލުން ކަރުނަ އޮހިގަތެވެ. ކަބުރުވެރިކަމުގެ މަސައްކަތުގައި އުޅުމުގެ ސަބަބުން ބޭބެގެ މުޅި އަތްވަނީ މަށާ ކޮށިފައެވެ. އަތުގެ ހަންގަނޑު ބޯވެ ކުރަކިވެފައެވެ. އޭނާއަށް ކިޔަވާ ދިނުމަށްޓަކައި އޭނާގެ ބޭބެގެ ހުވަފެންތައް ގުރުބާން ކުރީއެވެ. އެވަރުން ނުވެގެން އޭނާއަށް ޚަރަދު ކުރުމަށްޓަކައި ދުވާލުދާ ހަތަރުދަމު މަސްކަތްކުރީއެވެ. އޭނާ ބޭބެއަށް ޝުކުރު އަދާކުރާނީވެސް ވަކި ކިނިނެއް ހެއްޔެވެ؟ މިއަދު އޭނާ މީހަކަށް ހަދާ ދިނީ އެބޭބެއެވެ.

ފާއިޒުގެ ކަރުނަތައް ނުހުއްޓުނެވެ. އޭނާއަށްޓަކައި މިފަދަ ގުރުބާނީއެއްވީ ބޭބެގެ ޙަޔާތް ބާއްޖަވެރި ކޮށްދިނުމަކީ އޭނާގެ ޒިންމާއެކެވެ. އޭނާ ފައުޒާންގެ އަމިއްލަވަންތަ ކަމެއްނެތް ދީލަތްތެރި އަތުގައި ބޮސްދިނެވެ. އަދި ފަށްފަށުން ޝުކުރު އަދާކުރިއެވެ. ފައުޒާން ކޮށްދިން ކަންތައްތަކުގެ އަގު އަދާ ނުކޮށްދެވުނު ކަމުގައިވި ނަމަވެސް ފާއިޒުގެ ހުރިހާ އެއްޗަކީވެސް ހަމަ ބޭބެގެ އެއްޗެހި ކަމުގައި ބުންޏެވެ. އަދި އޭނާއާއެކު އުޅުމަށް އައުމަށް އެދުނެވެ.

ފައުޒާން މި އެދުން ގަބޫލު ކުރީ އުފަލާ އެކުގައެވެ. އޭނާ ފަޚުރުވެރިވާފަދަ މީހަކަށް ފާއިޒުވުމުންނެވެ. އޭނާ ދެކެމުން އައި ހުވަފެނުގައި އޭނާގެ ކޮއްކޮ ކުލަޖައްސަދީފިއެވެ. މަންމަ ވަސިއްޔަތްކުރި ފަދައިން ފާއިޒު އަމަލު ކުރުމުން އޭނާގެ ހިތަށް ލިބުނު ތަސައްލީ ބަޔާންވެސް ކޮށްނުދެވޭނެއެވެ.

-ނިމުނީ