ބާސެލޯނާ ދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން އޭނާގެ އެދުމަކީ ބާސެލޯނާގައި ލިއޮނަލް މެސީ ކެރިއަރ ނިންމާލުން ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މެސީއަށް 2008 އިން 2012 އަށް ބާސެލޯނާގައި އިރުޝާދު ދީފައިވާ ގާޑިއޯލާ މިހެން ބުނެފައި މިވަނީ، މެންޗެސްޓަރ ސިޓީއާއެކު ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން 2023 ސީޒަނުގެ ނިޔަލަށް އިތުރު ކުރުމުން ބައެއް މީޑިޔާތަކުން މެންޗެސްޓަރ ސިޓީއަށް މެސީ ބަދަލުވުމުގެ ފުރުސަތު ބޮޑުވެއްޖެ ކަމަށް ހަބަރުތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

"ބާސެލޯނާ ދެކެ ލޯބިވާ އެކްލަބުގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން އަހަރެންގެ އެދުމަކީ ބާސެލޯނާގައި މެސީ ކެރިއަރ ނިންމާލުން. މެންޗެސްޓަރ ސިޓީއާއި މެސީއާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގޭ. މެސީއަކީ ބާސެލޯނާގެ ކުޅުންތެރިއެއް. މެސީގެ ޓްރާންސްފާ ކަންތައްތަކަކާ އަހަރެން ނުވިސްނަން. އަހަރެންގެ ވިސްނުން ހުރީ މިސީޒަނުގައި ކުރިއަށް ހުރި މެޗުތަކަށް" ގާޑިއޯލާ ބުންޏެވެ.

މެސީ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތަކަކީ ގާޑިއޯލާ ބާސެލޯނާއަށް އިރުޝާދު ދިން ހަތަރު އަހަރެވެ. އެހަތަރު އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް މެސީ ހޯދިއިރު މިހާރުވެސް ގާޑިއޯލާ އާއި މެސީއާ ދެމެދު ގާތް ގުޅުމެއް އެބައޮތެވެ.

ބާސާގެ މެނޭޖްމަންޓާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން އެންމެފަހުގެ ޓްރާންސްފާ މާކެޓުގައި މެސީ ވަނީ ބާސާއިން އޭނާ ދޫކޮށްލުމަށް ރަސްމީކޮށް އެދިފައެވެ. މީގެ އިތުރުން ނިމިދިޔަ ހަފްތާގައި މެސީ ބުނެފައި ވަނީ ބާސާގައި ކަމެއް ގޯސްވާއިރަށް އެހުރިހާ ކަމެއް އޭނާގެ ބޮލުގައި އަޅުވާ ކަމަށާއި އެހުރިހާކަމަކާހުރެ މިހާރު ވަރުބަލިވެއްޖެކަމަށެވެ.