ފްރާންސް ލީގުގައި ތަރިންގެ މައްޗަށް އެކުލެވޭ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގެ މައްޗަށް މޮނާކޯގެ ޒުވާން ކުޅުންތެރިން ފަހަތުން އަރައި 3-2 އިން ރޭ ކުރި ހޯދައިފިއެވެ.
މޮނާކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗަށް ޕީއެސްޖީން ނިކުތީ ފާއިތުވެދިޔަ ދެހަފްތާއެއްހައި ދުވަހު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ނުރައްކާތެރި ފޯވާޑް ކިލިއަން އެމްބައްޕޭ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މީގެ އިތުރުން މަޝްހޫރު ތަރި ނޭމާ ވަނީ ދެވަނަ ހާފުގައި ކުޅެން ނިކުމެފައެވެ.
މެޗުގައި ފުރަތަމަ ދެލަނޑު ކާމިޔާބު ކުރީ ޕީއެސްޖީއިންނެވެ. ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ އެމްބައްޕޭއެވެ. ދެވަނަ ލަނޑު އެމްބައްޕޭ ކާމިޔާބު ކުރީ ޕެނަލްޓީއަކުންނެވެ.
ބަޔާން މިޔުނިކުގެ ކުރީގެ ކޯޗް ނިކޯ ކޮވެކުގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ މޮނާކޯއިން ދެވަނަ ހާފަށް ނިކުތީ ބާސެލޯނާ އާއި ޗެލްސީ އަދި އާސެނަލްއަށް ކުރިން ކުޅެފައިވާ ސްޕެއިނުގެ ތަޖުރިބާކާރު ޕްލޭމޭކަރ ސެސް ފެބްރެގަސް ހިމަނައިގެންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފެބްރެގަސްގެ ހިތްގައިމު ޕާސްތަކުން މޮނާކޯއިން މެޗުގެ ކޮންޓްރޯލް އަތުލުމެވެ. މޮނާކޯއަށް އުއްމީދު ލިބިގެންދިޔައީ މެޗުގެ 52 ވަނަ މިނެޓުގައި ޖަރުމަނުގެ ފޯވާޑް ކެވިން ވޮލާންޑް ކާމިޔާބު ކުރި ލަނޑުންނެވެ. މޮނާކޯއިން ނަތީޖާ ހަމަހަމަ ކުރީވެސް ވޮލާންޑުގެ ލަނޑަކުންވެ. މިލަނޑު ވޮލާންޑް ކާމިޔާބު ކުރީ ފެބްރެގަސް ތަނަވަސްކޮށްދިން ފުރުސަތަކުން 65 ވަނަ މިނެޓުގައެވެ. މޮނާކޯ މެޗުން މޮޅުކޮށްދިން ލަނޑު ފެބްރެގަސް ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުން 84 ވަނަ މިނެޓުގައެވެ.
އަނިޔާ އާއި ކޮވިޑް-19 އަދި ސަސްޕެންޝަނުގެ ސަބަބުން ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ ބޭނުން ހިފެން ނެތުމުން ކޯޗް ކޮވެކް މިމެޗުގެ ފުރަތަމަ އެގާރައިގައި ވަނީ 23 އަހަރުން ދަށުގެ 8 ކުޅުންތެރިން ހިމަނާފައެވެ. މިގޮތުން ކަނާތު ބެކުގައި މޮޅު ކުޅުމެއް ދެއްކީ އެންމެ 18 އަހަރުގެ މެޓްސީމާއެވެ.
މިމެޗުން ބަލިވިނަމަވެސް 24 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ޕީއެސްޖީއެވެ. މޮނާކޯ ދެވަނައިގައި އޮތީ 20 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ލިއްލެ އޮތީ މޮނާކޯއަށްވުރެ މަދުން އެއްމެޗް ކުޅެ 19 ޕޮއިންޓާއެކުއެވެ.