ކަރާޗީގައި ދީފައިވާ ޓެރަރިސްޓް ހަމަލާގައި ޗައިނާގެ ތިން ރައްޔިތަކު މަރާލި ހަމަލާ ޗައިނާއިން ކުށްވެރިކޮށް، އެކަމުގައި ޝާމިލުވާ ފަރާތްތަކާ ދެކޮޅަށް އިސްލާމްއާބާދުން ވަގުތުން ފިޔަވަޅު އެޅުމަށް ޗައިނާއިން އެދެފިއެވެ.
ކަރާޗީގައި އަންހެނަކު ޖާނު ގޮއްވާލައިގެން ދީފައިވާ ހަމަލާ އަމާޒުކޮށްފައި ވަނީ ކަރާޗީ ޔުނިވަރސިޓީގައި ހުންނަ ކުންފޫޝިއަސް އިންސްޓިއުޓްގައި ކިޔަވައިދޭ ޗައިނާ ޕްރޮފެސަރުންނަށެވެ. މިތިން މީހުންނާއެކު އެމީހުންގެ ޕާކިސްތާން ޑްރައިވަރުވެސް މަރުވިއެވެ.
މި ހަމަލާއަށް ޒިންމާ އުފުލާފައި ވަނީ ބަލޯޗް ލިބަރޭޝަންއާމީންނެވެ. މިމީހުން ބުނެފައި ވަނީ ޗައިނާއިން ބަލޯޗް ސަރަހައްދުގެ ނާޖާއިޒް ފައިދާ ނަގާނަމަ އަދިވެސް ހަމަލަ ދެމުންދާނެ ކަމަށެވެ.
މިއީ ސިޔާސީ ހަލަބޮލިކަމަށް ފަހު އައި އައުސަރުކާރަށް ދިމާވެގެން ދިޔަ އިތުރު ގންޖެހުމެކެވެ. ޗައިނާއިން ދަނީ ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި އކިންވެސްޓް ކުރަމުންނެވެ. ޕާކިސްތާންގައި މަނާކޮށްފައިވާ ބަލޯޗް ލިބަރޭޝަން އާމީން ދަނީ ޗައިނާ އިންވެސްޓްމަންޓާ ފާޅުގައި ދެކޮޅު ހަދަމުންނެވެ. އެމީހުން ބުނަނީ މިއިންވެސްޓްމެންޓްތަކުން އެމީހުންގެ ދަރިކޮޅުގެ މީހުންނަށް ފައިދާއެއް ނުވާ ކަމަށެވެ.
ކުންފޫޝިއަސް އިންސްޓިޓިއުޓްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗައިނާގެ ސޮފްޓް ޑިޕްލޮމަސީ ސްޓްރެޓެޖީ ހިންގުމުގެ މުހިންމު ބައެކެވެ.