މާލެއާއި އަތޮޅުތަކުގައި ޑެންގީހުން ފެނިގެން ރިޕޯޓްތައް ލިބެމުންދާ އަދަދުތައް އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މަދިރީގެ ސަބަބުން ފެތުރޭ ބަލި ކޮންޓްރޯލްކޮށް ރައްކާތެރިވުމަށްޓަކައި އީދު ބަންދާއި ގުޅުވައި ދަތުރުވެރިންގެ ސަމާލުކަމަށް އެދި ނެރިފައިވާ މި އިއުލާނުގައި ބަލި ޖެހިއްޖެ ހާލަތުގައި ކަންކަން ކުރަންވާ ގޮތުގެ އިރުޝާދުތަކެއް ހިމަނާފައިވެެއެވެ.

މިގޮތުން މި އިއުލާނުގައި، ޑެންގީ ހުންޖައްސާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތެއްގައިވެސް އުޅޭ މަދިރިއެއްކަމުން އިރުއޮއްސޭ ވަގުތުތަކުގައި އާއި ފަތިސް ގަޑީ ގޭގޭގެ ދޮރުތައްލެއްޕުން އަދި ހަށިގަނޑު ރަނގަޅަށް ނިވާވާކަހަލަ ހެދުން އެޅުން، އަދި ފެންހެދޭ ކަހަލަ އާލާވާތަންތަން ފެނިއްޖެ ނަމަ ނައްތާލުން ފަދަ އިރުޝާދުތައް ހިމެނެއެވެ. އަދި މި ބައްޔަކީ ކުޑަކުދިންނާއި މާބަނޑު މީހުންނަށް އަދި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް ނުރައްކާ ހުރި ބައްޔެއް ކަމަށްވެސް މި އިއުލާނުގައިވެއެވެ.

https://twitter.com/HPA_MV/status/1519230519208144896

މީގެ އިތުރުން އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފަދަ ބަލިތައް ފެތުރިދިއުމުގެ ފުރުސަތު އޮތުމުން އާއްމުންގެ ސަމާލުކަމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އެހެން ކަމުން އަރިދަފުސް އަދި ވައިރަލް ހުމުން ރައްކާތެރި ވުމަށް ސައިބޯނިލައިގެން އަތްދޮތުން އަދި އަލާމާތެއް ވާ ނަމަ ކެއްސާއިރު އަންގަމަތީ އަތް އެޅުން ނުވަތަ ރުމާލެއް ބޭނުން ކުރުން އަދި މީހުން އެއްވާ ތަންތަނަށް ނުދިއުން ހިމެނެއެވެ.