އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑަށް އައު އަސްކަރީ ފުޅަދުތަކެއް ކަނޑައެޅުމަށް އެމެރިކާއިން ނިންމައިފިއެވެ. ޖަޕާނާއި އޮސްޓްރޭލިއާއިން އަސްކަރީ އެއްބަސްވުމެއް އެކުލަވާލިތާ ގިނަ ދުވަހެއް ނުވަނީސް އެމެރިކާއިން ބުނެފައިވަނީ، ޖަޕާނުގައި އޮންނަ 7 ވަނަ ފްލީޓަށް މުޅި އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑު ބެލެހެއްޓުން ފަސޭހައެއް ނުވާނެ ކަމަށެވެ. އެހެންވެ އެއް ވަނަ ފްލީޓް އުފައްދަނީ ކަމަށެވެ.

އެއްވަނަ ފްލީޓަކީ، 1973 ގައި އުވާލާފައިވާ ފްލީޓެކެވެ.

އިތުރަށް ކިޔާލުމަށް: ސްޓްރޭލިއާ ޖަޕާން އަސްކަރީ އެއްބަސްވުމަށް އެމެރިކާ އޯކޭ

ޖަޕާނުން އޮޕަރޭޓް ކުރާ އެމެރިކާ ސިފައިންގެ މަނަވަރު ފުޅަނދުތަކުގެ 7 ވަނަ ފްލީޓްގެ ސަރަހައްދު ފެށެނީ އިންޓަރނޭޝަނަލް ޑޭޓް ލައިން އާ ހަމައިންނެވެ. އަދި ނިމެނީ، އިންޑިއާ ޕާކިސްތާންގެ ކަނޑުގެ ބޯޑަރު ނިމޭ ހިސާބަށެވެ.

އަދި ތިން ވަނަ ފްލީޓްގެ ސަރަހައްދު އެމެރިކާގެ ހުޅަނގު އައްސޭރިން ފެށިގެން އިންޓަރނޭޝަނަލް ޑޭޓްލައިން އާ ހަމައަށް އޮވެއެވެ.

އަލަށް އެކުލަވާލާ އެއް ވަނަ ޕްލީޓްގެ މަރުކަޒު ސިންގަޕޯރގައި ބަހައްޓާ ގޮތަށް އެމެރިކާއިން ހުށަހަޅާފައި ވެއެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ސެކެޓްރީ ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލާގައި އިތުރަށް އިންޑިއާއާ މަޝްވަރާ ކުރެއްވުމަށް ނިއުދިއްލީއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ބެލެވޭ ގޮތުގައި ނިމިގެންދާ ޓްރަމްޕްގެ ސަރުކާރުން މިފްލީޓް އެކުލަވާލުމަށް ހުށަހެޅިނަމަވެސް ބައިޑަންގެ ސަރުކާރުންވެސް ޗައިނާގެ ނުފޫޒު ކުޑަ ކުރުމުގެ ސިޔާސަތެއް ގެންގުޅޭނެތީ، މިފްލީޓް އެކުލަވާލުމުގެ މަސައްކަތް އެގޮތަށް ކުރިއަށް ދާނެ ކަމަށެވެ.

މުހައްލިލުންގެ ލަފައަކީ، އިންޑިއާއިން މި އައު ފްލީޓާ މެދު މާބޮޑު ފޯރިއެއް ނުދައްކަފާނެ ކަމަށެވެ. އިންޑިއާ އިން ދެކޭ ގޮތުގައި އިންޑިއާ ކަނޑުގެ ބާރަކީ އިންޑިއާ ކަމުން، އިންޑިއަން އޯޝަން ރީޖަން އަކީ އިންޑިއާގެ ނޭވީގެ ސަރަހައްދު ނިމޭ ހިސާބުކަމަށް ބަލާ ސަރަހައްދަށް ވާތީ މި ސަރަހައްދުގައި އިތުރު ބާރަކަށް މަނަވަރު ފުޅަނދުތައް ބާއްވާކަށް އިންޑިއާ އެހާ ގަޔައެއް ނުވާނެއެވެ.

އަނެއްކޮޅުން އިންޑިއާއިން ވަނީ ރަޝީޔާއަށް އިންޑިއާ ކަނޑަށް ވަދެގަތުމަށް މަރުޙަބާ ކިޔާފައެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވަނީ ޗެންނާއިން ރަޝިޔާގެ ވްލާޑިވޮސްޓޮކްއަށް ކަނޑުދަތުރުފަތުރުގެ މަގެއް ހުޅުވާލުމަށްވެސް މަޝްވަރާ ކުރައްވާފައެވެ.

ނޯޓް: މިސްޓޯރީއަކީ ޑިވެލޮޕިންގ ސްޓޯރީއެއްކަމުން މިކަމާ ގުޅޭ ރަސްމީ ބަޔާންތައް ހާމަކޮށްފައި ނުވާތީ އަދި ޕޮލިސީ މަސްރަހު މުޅިއަކުން ސާފެއް ނުވެއެވެ.