ރިޔާސާ އޮފީހުން ނިމިގެން ގެއަށް އައިތަނުން ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ދޮރުމަތީގައި ހުރި ފައިވާން ޖޯޑުގައެވެ. މި ގަޑީގައި އަނެއްކާ ގޭގައި ކާކު އުޅެނީބާވައޭ ހިތަށް އެރިއެވެ. ރާއިފުގެ ޓިއުޝަނެއް ވެސް މިގަޑިއަކު ނޯންނާނެއެވެ. ޓިއުޝަން ޓީޗަރު ގަޑި ބަދަލުކުރިޔަސް އޭނާއަށް ގުޅާނެއެވެ. އަދި މެސެޖު ވެސް ކުރާނެއެވެ. އަމުދުން މިގަޑީގައި ރާއިފު ގެއަކު ނުވެސް ހުންނާނެއެވެ. މިއީ އެސޮރުގެ ފުޓްބޯޅަ ޕްރެކްޓިސް ގަޑިއެވެ. މި ޚިޔާލުގައި ހުރެ ދޮރު ހުޅުވާލުމާއެކު ރިޔާސާ ލޮލުގައި އަޅައިގަތީ ސިޓިންރޫމްގައި ހުރި ފޮށި ދަބަސް ތަކުގައެވެ. ކުއްލިއަކަށް ކޮޓަރިން ނިކުތް ފިރިމީހާ ރޫޙާން ފެނިފައި އޭނާއަށް ކުއްލި ޙައިރާންކަމެއް ލިބިގެން ދިޔައެވެ.

"ރޫޙާން!. އަންގާ ވެސް ނުލާ ތިޔަ އައީ ދޯ!"

"ސަޕްރައިޒް!...." ރޫޙާން ހެވިފައި ބުނެލިއެވެ.

" ކޮބާ ރާއީ....."

"އެއްވެސް މީހަކު ނެތް."

"ދެން ކިހިނެއް ގެއަށް ވަނީ....."

"އަވަށްޓެއްސަކާ ދިމާވެގެން ވަދެވުނީ..." ރޫޙާން ހިތްހަމަ ނުޖެހިފައި ހުރިއިރު ވެސް އުޅުނީ ސަމާސާއެއް ކޮށްލާށެވެ.

"ރާއީ ކޮންތާކަށް ދިޔައީ....ޔަޤީނޭ ފުޓްބޯޅައަށް އެދާނީ..." ރާއިފު ދާނެ ތަނަކާމެދު ކުރިންވެސް ރިޔާސާއަށް އޮތީ އެނގިފއެވެ.

"ކީއްވެ މާ ގިނަ ސުވާލު ތި ކުރަނީ....." ފޫހި ފާޑަކަށް ރޫޙާން ބުނެލިއެވެ.

"އެއްވެސް ކަމެއް ވީކީ ނޫން." ލޮނު މަޑު ގޮތަކަށް ރިޔާސީ ބުނެލިއެވެ.

ގެއަށް އައިސް ވަންތަނުން ރޫޙާންގެ ލޮލަށް ފެނުނު މަންޒަރު ރިޔާސާއަށް ޙިއްޞާ ކުރާކަށް އޭނާ ގަޞްދެއް ނުކުރިއެވެ. ރޫޙާން މަޑުމަޑުން އެހެން ދިމާއަކަށް މައުޟޫޢު ދީލާލިއެވެ.

"އަހަންނާމެދު ރިޔާސާ ވިސްނާވަރު އަހަންނަށް އެނގޭ."

"ރޫޙާން ކީކޭތަ ތި ކިޔަނީ...ތި ކިޔާ އެއްޗެއް ނުވިސްނުނު"

"އަޅާ ނުލާ... ރިޔާސާއަށް ނޭނގޭވަރު ވާހަކައަކަށް ވަނީނަމަ ދެން ރަނގަޅުވާނީ އެ ވާހަކައެއް ނުދެއްކުން." ދުރުދުރުން ވާހަކައެއް ފަށައިގަނެވޭތޯ ރޫޙާން ބެލިއެވެ.

އެވަގުތު ފުޓްބޯޅަ ޕްރެކްޓިހުން ނިމިގެން ރާއީ ގެއަށް އައިސް ވަނެއެވެ. ގަޑި ނިމިގެން ބަލާ ދާން ވެސް މިއަދު ރިޔާސާ ހަނދާނެއް ނެތެވެ. ކުޅެންދާ ސްޓޭޑިއަމް އޮންނަނީ ގެއާ ކައިރީގައިކަމުން އެކަނި ކުޅެން ފޮނުވަނީ އޮފީހުގައި އިނދެފައި ކުއްލިކުއްލިއަށް ނިކުންނަން އުނދަގޫވާތީއެވެ. އެހެންނަމަވެސް ނިމޭ ގަޑިއަށް ބަލާ ދިއުމަށް ރިޔާސާ އަބަދުވެސް ސަމާލުކަންދެއެވެ. ކިތަންމެ ކުޑަ ވަގުތުކޮޅެއް ލަސްވިޔަސް ކޯޗުގެ ފޯނުން އެ ސޮރު ގުޅާނެއެވެ. ގުޅާވެސް ނުލާ ގެއަށް އައިސް ވަންތަން ފެނުމުން ރިޔާސާ ވެސް ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ.

ރާއިފަށް ބައްޕަ ފެނުމުންވީ ބޮޑު ސަޕްރައިޒަކަށެވެ. އެކަމަކު ރޫޙާނަކަށް ސަޕްރައިޒަކަށް ވީކަމުގެ އުފަލެއް އޭނާގެ މޫނުމައްޗަކުން ނުފެނެއެވެ. ދަތުރު ކުރަންގޮސް މިހާ ގިނަ ދުވަސްކޮށްފައި އަންނަ އެހެން ފަހަރުތަކާ މިފަހަރު މުޅީން ތަފާތެވެ. ފުރަތަމަ ވެސް ދެބަފައިން އުޅެ ގަންނާނީ ފޮށިތައް ކަނޑާށެވެ. އޭގައި ހުރި އެއްޗެއް ހާވާށެވެ.

ރޫޙާނަށް ކޮންމެވެސް ބަދަލެއް އައިސްފައި ހުރިކަމުގެ އިޙުސާސް ރިޔާސާއަށް ފާހަގަ ކުރެވުނަސް އެކަން ފާޅުކުރާކަށް ރިޔާސާ ގަޞްދެއް ނުކުރެއެވެ. ގެނައި ފޮށިދަބަސްތައް ވެސް އެހުރި ތަނުގައި އެ ހުރީއެވެ. އެ ކަނޑާކަށް ނުވެސް އުޅެމެއެވެ. އައި ގޮތަށް ސޯފާގައި ގުޅައަކަށް ޖެހިފައި އޮތެވެ. ރާއިފު ފެންވަރަން ވަނުމުން ރިޔާސާ ރޫޙާނާ ކައިރިއަށް ޖެހިލިއެވެ. ކަޅަށްވުރެ އަޅިއަށް ބަދަލުވަމުންދާ ރޫޙާންގެ ފަން އިސްތަށިގަނޑުގައި ލޯބިން ފިރުމާލިއެވެ.

"ކިހިނެއްވެފަ ތި އޮންނަނީ... ދަތުރު ވަރުބަލީތަ މާބޮޑަށް...."

" ނޫން...." ރޫޙާންގެ އަނގައިން ނިކުތީ ހަމަ އެންމެ ދެ ލަފުޒެވެ.

"ހިތްހަމަ ނުޖެހޭ އެއްވެސް ކަމަކާ ދިމާވީތަ؟...." އޯގާވެރިކަމާއެކު ރިޔާސާ ބުނެލިއެވެ.

"އެއްވެސް ކަމެއްނުވޭ.... މާގިނަ ސުވާލު ތި ކުރަނީ.....؟"

" ސުވާލު މި ކުރެވެނީ ތި އޮންނަ ގޮތުން. ތީ ކުރިން އޮންނަ ގޮތެއްވެސް ނޫން."

"މީހުންގެ ތަބީޢަތް އަބަދު އެއްގޮތަކަށް ނުހުންނާނެދޯ."

"ތި ބުނީ ރޫޙާންގެ މޫޑް ގޯހޭތަ؟"

"ވެދާނެ ތިހެން ވެސް..."

"އެހެންވިއްޔާ އަރާމުކޮށްލަން ކޮޓަރިއަށް ގޮސް ޖައްސާލަންވީނު."

"ކޮޓަރި ނޫނަސް މިތަން ވެސް އެންމެ ރަނގަޅޭނު."

"އޯކޭ....އެންމެ ރަނގަޅު.." ރޫހާންގެ ސުވާލުތަކަށް ރިޔާސާ ޖަވާބު ދިނަސް ރޫޙާނަށް އިޙުސާސް ކުރެވެނީ މުޅިން އެހެން އިޙުސާސްއެކެވެ. އެހެން މީހުންނަށް ދެނެގަންނަންވެސް ނޭނގޭ މާނަވީ އިޙުސާސެކެވެ.

މަޣުރިބަށް ގޮވުމުން ރޫޙާން ސޯފާއިން ތެދުވެ ކޮޓަރިއަށް ވަނެއެވެ. އޭގެ ކުރިން ރޫޙާނަށް ނިދުނު ތަންވަޅު ބަލާފައި ރާއިފު އޮތީ ފޮށިތައް ކަނޑާ އެފުށް މިފުށަށް ޖަހާފައެވެ. ދެމައިނަށް ގެނައި އެއްޗެހި ބަލާފައެވެ. ރޫޙާންގެ ސަމާލުކަމެއް މިކަމަކަށް ނެތެވެ. ކިތަންމެ ފެންވަރަން ބޭނުންވިޔަސް ފެންވަރާ ހިތެއްވެސް ރޫޙާންގެ ނެތެވެ. މިއަދު މި ކޮޓަރި ތެރެއިން ފެނުނު މަންޒަރުން އޭނާގެ ހުރިހާ ކަމެއް މުޅިން ބަދަލުކޮށްލައިފިއެވެ. ރިޔާސާ އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް އަދިވެސް އޭނަގެ ހިތެއް ނުބުނެއެވެ. އެކަމަކު އަމިއްލަ ލޮލަށް ފެނުނީމަ ދޮގެކޭ ވެސް ބުނެވޭކަށް ނެތެވެ. އެއީ ކާކުކަމެއް އޭނާއަކަށް ނޭނގެއެވެ. ކޮންމެ މީހަކަށް ވިޔަސް މި ކޮޓަރިއަށް ވަދެވިގެން ނުވާނެއެވެ.

އެމީހަކު ރޫޙާން ފެނުމުން އިސްޖަހާލައިގެން އެދިޔަގޮތް މިހާރު ވެސް އޭނާއަށް ސިފަވެއެވެ. އޭނާ ހިތަށް އަރައެވެ. ރިޔާސާއަށް މިވީ ދުވަސްތަކުގައި ހާދަ ބަދަލެއް އަތުވެއްޖެއެވެ. ހިލޭ ފިރިހެނުން މިގެއަށް ވަދެ އުޅުމަކީ ކުރިން އެއްގޮތަކަށް ވެސް އޭނާއަށް ފާހަގަ ކުރެވިފައިވާ ކަމެއް ނޫނެވެ. އެ ފިރިހެން މީހާއަކީ ރިޔާސާ އާ އަޅާބަލާއިރު ތަފާތު މީހެކެވެ. ޒުވާން މީހެކެވެ. އެނޫން ނިޔަތެއް އޮވެގެން ނޫނީ އެފަދަ މީހަކު މިގޭތެރެއިން ފެނުމަކީ ސުވާލަކުން ނިންމާލެވޭވަރަށްވުރެ ބޮޑު ވާހަކައެކެވެ.

އެރޭ ހަތަރު ދަމު ވެސް ރޫޙާނަށް ފިކުރު ކުރެވެމުން ދިޔައީ އެކަމާ މެދުގައެވެ. މިހާ ދުވަސްކޮށްފައި އައުމުން ރިޔާސާ އޭނާއަށް ބޭނުންވާނެވަރު އޭނާއަށް އެނގެއެވެ. އެކަމަކު އޭނާގެ ޖަޒްބާތުތަކެއް އެކަމަކަށް ތަނެއް ނުދިނެއެވެ. ޚިޔާލުގައި އެނބުރެމުން ދިޔައީ މިއަދު ގެއަށް އައިސް ވަންތަނުން ފެނުނު މަންޒަރެވެ. ހިތް ނޭދޭ މަންޒަރެވެ. ގަބޫލުކުރަން އުނދަގޫވެފައިވާ ސުވާލުގެ ޖަވާބުތަކެވެ. ކިތަންމެ ފަހަރަކު އެ ވާހަކަ ފަށަންވީއޭ ރޫޙާން ހިތަށް އެރިއެވެ. ނަމަވެސް އިތުރު ހެކި ނެތިސް ފެށުމަކީ ގޯހެކޭ ހިތާ ހައްތަހާވެސް މަޑުކޮށްލެވެނީ އޭނާއަށް ކޮށްފައިވާ އަސަރު ކުޑަވެގެނެއްނޫނެވެ. އޭނާއަށް ކޮށްފައިވަނީ ފުން އަސަރެކެވެ. މިރޭ އެހެންނޫންނަމަ އޭނާ މިގޮތަށް ދުއްވައެއް ނުލާނެއެވެ. ރިޔާސާއާ އެކަހެރިވެފައި ނުއޮތީހެވެ. ޖަޒްބާތަކީ އެއަށްވުރެ ބާރުގަދަ އަސަރުގަދަ ދަމާ ބާރެކެވެ. އެ ލައްޒަތުން އެއްކިބާވުމަކީ އެއްވެސް މީހަކު އެދޭނޭ ކަމެއްނޫނެވެ. އެކަމަކު ބައެއް ފަހަރު ބައެއް ޙާލަތްތަކުގައި އޭގެ މައްޗަށް ތިމާ ގަދަފަދަކަން ދެއްކިޔަސް ކޮންޓްރޯލް ކުރުމަކީ ވެވޭ ކަމެއްވެސް ނޫނެވެ.

ޖެހިގެން އައި ހުކުރު ދުވަހެއްކަމުން ރިޔާސާ ވެސް ހުރީ ގޭގައެވެ. ގޭތެރޭގެ ކަންތައްތައް ތަރުތީބު ކޮށްލުމަށްފަހު ހެނދުނުގެ ނާސްތާ ތައްޔާރުކޮށް އަވަދިވެގެން އަދި ރޫޙާނާއި ރާއިފު ނުހޭލާތީ ރިޔާސާ ވަނީ ތާޒާވެލުމަށްޓަކައި ފާޚާނާއަށެވެ. އޭނާގެ ފޯން އެނދުމަތީގައި އޮވެ ވައިބްރޭޓްވަމުން ދިޔައެވެ. ރޫޙާންގެ ބަރު ދެލޯ ހުޅުވާލުމަށްފަހު ފޯނުގެ އިސްކްރީނަށް ބަލައިލިއެވެ. އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. ގުޅާފައި ހުރީ ކުރީ ދުވަހު މި ކޮޓަރިން ފެނުނު މީހާއެވެ. އަޑުއަހަން ފަސޭހަ ނަމެއްނޫނެވެ. ހީވަނީ ވަނަމެއްގެ ގޮތުގައި ބޭނުންކުރާ ނަމެއް ހެންނެވެ. ނޫނީ ރަމްޒީ އަކުރުތަކަކުން ހަދާފައިވާ ނަމެއް ބޭނުންކޮށްފައިވާ ހެންނެވެ.

"ބަޓްލޭ....." ރޫޙާން ދުލުން އެނަން ކިޔާލިއެވެ.

ރޫޙާނަށް ޔަޤީންކަން ލިބުނީއެވެ. ރިޔާސާގެ ފޯން ވައިބްރޭޓް މޯޑްގައި ބޭއްވުމުގެ ބޭނުމަކީ ވެސް ކޮބައިހެއްޔެވެ؟ އެ މީހަކު ގުޅާފާނެތީ އެހެން މީހަކަށް އެނގިދާނެތީބާވައެވެ؟ އަންހެނުންނަކީ ވެސް ހާދަ މަކަރުވެރި ބައެކެވެ. ބޮލުގެ ބޭނުންކުރަން ދަންނަ ބައެކެވެ. ކިރިޔާ ފިރިމީހާ ތަނަކަށް ކެހިލިޔަސް ތަފާތު މީހުންނާ ގުޅާލަނީއެވެ. ފޯނުން ގުޅުން ބަދަހި ކުރަނީއެވެ. އަނެއްކާވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފޯން ވައިބްރޭޓްވާން ފެށިއެވެ. މިފަހަރު ވެސް ރޫޙާނަށް ބަލައިލެވުނީ ފޯންގެ ސްކްރީނަށެވެ. އެއީ ހަމަ އެފޯޓޯއެވެ. ހަމަ އޭނާއެވެ.

ސިކުންތު ކޮޅަކަށްފަހު ވައިބްރޭޓްވުން ކެނޑިގެންދިޔައެވެ. ރޫޙާން ފޯނަށް ބަލައިލުމަށްފަހު ކުރިން އޮތްތަނުގައި އެ ބާއްވާލިއެވެ. ކުއްލިއަކަށް ނަމަވެސް ރިޔާސާ ނިކުމެދާނެތީއެވެ. އެއާއެކު ފޯނަށް ނޮޓިފިކޭޝަނެއްގެ އެލާމް އައިސް ކެނޑުނެވެ. ހިތާ ދެކޮޅަށް ނަމަވެސް ރޫޙާން އެ ބަލާލަން ހިތް އެދުނެވެ.

"ސޮރީ!....މިއަދު ދެވޭކަށް ނެތް....ކެންސަލް"

މެސެޖުގައިވާ ޢިބާރާތްކޮޅު ފެނުމުން ރޫޙާންގެ ލޭ ކެކިގެންދިޔައެވެ. އަތުގެ އިނގިލިތައް މުށްކަވާލެވުނެވެ. ނޭނގޭ ބާރެއް ހަށިގަނޑަށް ލެވުނެވެ. ލޭގެ ހިނގުން އަވަސްވަމުންދިޔަހެން ރޫޙާނަށް ހީވަމުން ދިޔައެވެ. އޭނާ ހިތަށް އަރާފައިބަމުންދިޔައެވެ. މިވީ ދުވަސްތަކުގައި އެ މީހަކާ ރިޔާސާވަނީ ހާދަވަރަކަށް ގުޅާލާފައެވެ. އެއީ ކާކުކަން އެނގޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ކޮންތާކުން ކިހިނެއް ހޯދި މީހެއްބާވައެވެ؟ މިކަމުގެ ޙަޤީޤަތް ހޯދަން ޖެހެއެވެ. އަވަސް އަރުވާލައިގެން އުޅެފިނަމަ މިކަން އަތަށް ގޮވާފާނެއެވެ. ޙިކުމަތްތެރި ގޮތަކީ މަޑުމަޑުން ހުރެ މިކަމުގެ ތެރެއަށް ވަނުމެވެ. ރޫޙާން ޚިޔާލީފޮލާ ކެއްކުމަށްފަހު ރިޔާސާ ފާޚާނާއިން ނިކުތުމުގެ ކުރިން އެނދުން ތެދުވިއެވެ. ރާއިފުގެ ކޮޓަރިއަށް ގޮސް މޫނު ދޮވެލައިގެން އަވަސް އަވަހަށް ޖެހިލީ ބޭރަށެވެ. އޭރު ދޮރާށި ދޮށުގައި ބަޝީރު އޭނާގެ ކާރުގައި ރޫޙާން ބަލާ އައިސް އޮންނަތާ ކިތަންމެ އިރެކެވެ.

ބަޝީރާއެކު ކާރު ދުއްވަން އިން އިރު ވެސް ރޫޙާން އިނީ ފިކުރެއްގެ މަތީގައެވެ. ކާރުގެ ކުޑަ ދޮރުން ލިބެމުންދިޔަ ތާޒާ ވައިން ހަށިގަނޑަށް ފިނިކަން ގެނެސްދިނަސް އޭނާގެ ސިކުނޑި އޮތީ ބަރުކޮށެވެ. ވަސްވާސްތަކުން ފުރިފައެވެ. ބްރޭކްފަސްޓްގައި އިންއިރު ވެސް އޭނާ އިނީ ނެގި މަޑުވެފައެވެ. ބަޝީރާ އެވާހަކަ ޙިއްޞާކޮށްލަން ބޭނުންވެފައެވެ. އެކަމަކު ހިތަށް އެރިއެވެ. ދެމަފިރިއެއްގެ ދޭތެރޭގައި ހުންނަ ޝައްކުތައް ކިތަންމެ ގާތް ރައްޓެއްސަކަސް ޙިއްޞާ ކުރެވިގެން ނުވާނެއެވެ. އަމިއްލަ ދިރިއުޅުމުގައި ހުރި މިސްޓޭކްސްތައް އަނެކާއަށް ކިޔައިދިނުމަކީ އަދި އެންމެ ރަނގަޅު ގޮތެއްވެސް ނޫނެވެ. އެކަން ދެވަނަ ފަރާތަކާ ޙިއްޞާ ކުރަންވާނީ ތިމާ އަމިއްލައަށް އެކަން ޙައްލު ނުކުރެވިއްޖެ ނަމައެވެ.

ބަޝީރަކީ ރޫޙާންގެ ބެސްޓް ފްރެންޑެވެ. ކޮންމެފަދަ ވާހަކައެއް ވެސް ޖެހިލުމެއް ނެތި ދައްކާލެވޭ ގާތް މީހެކެވެ. ބަޞީރުގެ ސުވާލުތައް ހުރީ ވެސް ރޫޙާން ދަތުރުކުރަންގޮސް ނެގި މަޖަލަށެވެ. ކުލަބުތަކަށް ގޮސް ރޫޙާން ޖެހި ސަކަރާތަށެވެ. ދަތުރެއް ނިންމާލާފައި މިހެން މާލެއިން ބައްދަލުވާ ކޮންމެ ފަހަރަކު އެ ފަދަ ވާހަކަތައް ބަޝީރު އަހާނެއެވެ. އަދި ތިމަންނަ ވެސް ޓެކްސީ ކުރުން ހުއްޓާލާފައި ތިކަމަށް ކުރިމަތިލާންވީއޭ ވެސް ބުނާނެއެވެ. ރޫޙާން ނެތް ދުވަސްތަކުގައި އެ ގޭގެ ކަންތައް ބަލަހައްޓާ މީހަކަށް ވެފައި އޮންނަނީވެސް ބަޝީރެވެ. ގެއަށް ގަންނަންޖެހޭ ތަކެތި ވެސް ގަނެދޭނީ ބަޝީރެވެ. ރާއިފުގެ ސުކޫލު ދޮށަށް ނިމޭ ގަޑިއަށް ބަލާ ނުދެވޭ ދުވަސްތަކުގަޔާއި ކުޅިވަރުގެ ޙަރަކާތްތަކަށް ނުދެވޭ ދަނޑިވަޅުތަކުގައި ރިޔާސާއަށް އެންމެ އެހީތެރިކަން ފޯރުކޮށްދޭ މީހަކަށް ވެފައި އޮންނަނީ ވެސް ބަޝީރެވެ. އެހެންކަމުން ބަޝީރާއި ރޫޙާންގެ ޢާއިލާ އޮންނަނީ އަބަދުވެސް އެކަތިގަނޑަކުން ބަދެހިކޮށެވެ.

ކުއްލިއަކަށް ރޫޙާންގެ ސަމާލުކަން ހުއްޓުނީ މޭޒުމަތީގައި އޮތް ބަޝީރުގެ ފޯން ރިންގުވާން ފެށުމުންނެވެ. ބަޝީރު ސްކްރީނަށް ބަލާލުމަށްފަހު އަވަސް އަވަހަށް ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. އެކޮޅުން ދައްކާ ވާހަކަ ސާފުނުވުމުން މިއުޓް މޯޑް ކަނޑާލުމަށްފަހު އަޑު ބަދަލުކޮށްލިއެވެ. ކޮންމެވެސް އަންހެނެއްގެ އަޑު ބާރުބާރަށް އިވިއިވި ހުއްޓެވެ. އެއާއެކު ބަޝީރުގެ އަތުގެ އަވަސް ޙަރަކާތަކައެކު އަޑު ބޭރުނުވާ ގޮތަށް ބަދަލުކޮށްލިއެވެ. ރޫޙާނަށް އިވުނީ ހަމަ އެންމެ ތަންކޮޅެކެވެ. އެމީހަކުގެ އަޑުން "...ބަޓްލޭ...." ބުނި އަޑެވެ.

ރޫޙާންގެ ޚިޔާލުތައް ދިޔައީ އުދުހިގެންނެވެ. އެ ނަން މީގެ ކުޑަ ހިނދުކޮޅެއް ކުރިން އޭނާގެ ކަންފަތަށް އިވުނު ގޮތަށް ރިޔާސާގެ ފޯނުން ވެސް ވަނީ ފެނިފައެވެ. އެކަމަކު ބަޝީރާމެދު އޭނާ އެގޮތަށް ޝައްކުކޮށްގެން ނުވާނެއެވެ. ބަޝީރު އޭނާއަށް އެވަރުގެ ކެއްސެއް ނުދޭނެއެވެ. އޭނާގެ އަމިއްލަ ދިރިއުޅުމަށް ވިހައެއް ނުލާނެއެވެ. އޭނަޔާ ދޭތެރޭ އެގޮތަށް ވިސްނައިގެން ވެސް ނުވާނެއެވެ. އެއަށްވުރެ އެ ދެމީހުންގެ ދޭތެރޭ އޮތް ގުޅުން ވަރުގަދައެވެ. އެކަމަކު އެ ނަން އޭނާގެ ހިތުން އެއް ފަރާތެއް ނުކޮށްލެވުނެވެ. އަދި ބަޝީރަށް ބަޓްލޭ ނަމުން މުޚާޠަބުކުރާ ކަން ވެސް މި އެނގުނީ އަދި އަލަށެވެ. އެކަން އިތުރަށް ސާފުކުރާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އިތުރު ހައިޖާނެއް ބޮލުގެ ތެރޭގައި އެނބުރުނަ ނުދިނުމަށެވެ. ޝައްކާއި ވަހުމަކީ ހާދަ ބޮޑު ބައްޔެކޭ ރޫޙާން އެވަގުތު ހިތަށް އެރިއެވެ. މިކަން ފުހެލަން ބޭނުންވިޔަސް ސިކުނޑިން ބޭރު ނުވުމަކީ ވެސް ވޭނެކެވެ. ހިތަށް ތަދުކުރާ ކަމެކެވެ. މިއަދު އޭނާ އެވަނީ އެ ހުރިހާ ކަމެއްގެ ޝިކާރައަކަށް ވެފައެވެ.

(ނުނިމޭ)