ފުޓްބޯލް ރައިޓަރސް އެސޯސިއެޝަނުން ހޮވި މިހާރު ކުރިއަށްދާ އިނގިރޭސި ފުޓްބޯޅަ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ލިވަޕޫލްގެ މިސްރުގެ ތަރި މުހައްމަދު ސަލާހް ހޮވައިފިއެވެ.
ނޫސްވެރިންގެ ވޯޓުގެ %48 ސަލާހަށް ލިބުނުއިރު އޭނާއާ އެންމެ ކައިރިން ވާދަކުރީ މެންޗެސްޓަރ ސިޓީގެ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާއެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓް ލިބުނީ ވެސްޓްހޭމްއަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރީސްއަށެވެ.
މިސީޒަނުގައި ސަލާހް ވަނީ ޕްރިމިއަރ ލީގުގައި މިހާތަނަށް 22 ލަނޑު އަދި ޗެމްޕިއަންސް ލީގުގައި 8 ލަނޑު ވަނީ ކާމިޔާބު ކޮށްފައެވެ. ހަތަރު ތަށި ކާމިޔާބު ކުރުމަށް ލިވަޕޫލްއިން މިސީޒަނުގައި ފުރުސަތު ހޯދާފައިވާއިރު ސަލާހްގެ ދައުރު ވަރަށް ބޮޑެވެ.
ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަންގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސަލާހް ހޯދި މިއީ ދެވަނަ ފަހަރެވެ. މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯއަށްވެސް
މިއެވޯޑް ހޯދިފައި ވަނީ 2 ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.
މިދިޔަ ސީޒަނުގައި ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަނުން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއަސްއަަށެވެ.