އެމެރިކަން މޮޑެލް ހައިލީ ބީބާ އަށް ސްޓްރޯކެއް ޖެހުމަށްފަހު ބަލިން ފަސޭހަ ވެގެން އޭނާ ފުރަތަމަ ފަހަރަށް އެވާހަކަ ފޭނުންނާ ހިއްސާކޮށްފިއެވެ.

އުމުރުން 25 އަހަރުގެ ހައިލީ ބުނީ، އޭނާ ގެ ފިރިމީހާ ޖަސްޓިން ބީބާ އާއި އެކު ހެނދދުނުގެ ނާސްތާ ނަގަން އިންދާ ކުއްލިއަކަށް ކަނާތު އަތް އައްސިވާން ފެށިކަމަށެވެ. އަދި އެ އަތުގެ އިނގިލި ތައްވެސް އައްސިވެ ކަނާތު ކޮލަށް އުނދަގޫތަކެއް ވެ އަނގަ އިން ވާގި ދިޔަހެން ހީވި ކަމަށެވެ. އަދި ތަކުރާރުކޮށް ޖަސްޓިން އޭނާ ގާތު ހުރިހާ ކަމެއް ރަނގަޅުހޭ އަހަމުން ދިޔަ އިރު އޭނާ އަށް އަނގައިން ވާހަކަ ވެސް ނުދެއްކުނުކަމަށް ހައިލީ ބުންޏެވެ. އެވަގުތު ޖަސްޓިން އެމަޖެންސީ ނަމްބަރ 119 އަށް ގުޅައި އެހީ އަށް އެދި ހައިލީ ހޮސްޕިޓަލްގައި އެޑްމިޓު ކުރިކަމަށެވެ.

ހައިލީ އަށް ދިމާވި ކަންތައް ކިޔައި ދެމުން އޭނާ ބުނީ، ހޮސްޕިޓަލަށް ގެންދިޔަ އިރު އެންޒައިޓީ އާއި ހެދި އޭނާގެ ހާލަތި އިތުރަށް ގޯސްވިކަމަށެވެ. ޑޮކްޓަރުން އޭނާ އަށް ދިމާވި ކަންތައް ތަހުލީލު ކުރުމަށް ފަހު ބުނެފައިވަނީ އޭނާ އާށް ޖެހުނީ މިނި ސްޓްރޯކެއް ކަމަށެވެ.

ޑޮކްޓަރުން ބުނެފައިވަނީ ހައިލީ އުފަންވީއިރު ހިތުގައި އުފެދިފައިވާ ލޯވަޅަކުން ގަނޑުވެފައިވާ ލޭކޮޅެއް ސިކުނޑިއާ ހަމައަށް ދަތުރު ކޮށް މިނި ސްޓްރޯކެއް ޖެހުނީ ކަމަށެވެ.

ހައިލީ ބުނީ މިހާރު އޭނާގެ ހިތުގައިވާ ލޯވަޅު ސާޖަރީ ކޮށް ސިކުނޑީގައިވާ ގަނޑު ލޭކޮޅަށް ބޭސްކޮށް އަދި އެންޒައިޓީ އިންވެސް ސަލާމަތް ވެފައިވާ ކަމަށެވެ. އަދި އޭނާ ދަނީ މިވަގުތު ލޭ ދިޔާ ކުރާ ބޭސްބޭނުން ކުރަމުން ކަމަށްވެސް ބުނެފައިވެއެވެ. ހައިލީގެ ބަލިހާލަތު ދިމާވި ދުވަހުން ފެށިގެން ޖަސްޓިން އެނާ އެންމެ ހިނދު ކޮޅަކަށްވެސް އެކަނި ކޮށް ނުލާކަމަށް މި ދެތަރިންގެ ގާތް މީހުން ބުނެފައިވެއެވެ. އަދި ހައިލީ ބަލިވެ އުޅުނު ދުވަސް ކޮޅު ޖަސްޓިން ވަރަށް ހިތާމަ ކުރި ކަމަށްވެސް އޭނާގެ ގާތް މީހުން ބުންޏެވެ.

ހައިލީ އާއި ޖަސްޓިން ކައިވެނިކޮށްފައިވަނީ 4 މަސްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެވެ. މި ދެތަރިން ކައިވެނިކުރީ 2018 ވަނަ އަހަރުއެވެ.