އީރާނުން އިޒްރޭލުގެ މަތިން ދްރޯން ދުއްވައި އިޒްރޭލުގެ ސްޓްރެޓިޖިކް ހަތިޔާރު ގުދަންތަކާއި ނިއުކްލިއަރ ރައްކާ ކޮށްފައި ހުރި ތަންތަނުގެ ފޮޓޯތަކެއް ނަގައިފިއެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ޤުދުސް ފޯސްގެ ކޮމާންޑަރު ހުސައިން ސަލާމީ މިއަދު ވިދާޅުވީ އީރާންގެ ޑްރޯންގެ ސަބަބުން އިޒްރޭލުން ނުތަނަވަސްވެ ޓެލްއަވީވްގައި ކުއްލި އަސްކަރީ ތަމްރީނުތަކެއް އިޢުލާނު ކުރި ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އީރާނުން ދުޝްމަނުން ކަމުގައި ދެކޭ ހުރިހައި ފަރާތެއްގެ ވާނުވާވެސް ބަލަމުން ގެންދާ ކަމަށެވެ.

އީރާނުގެ މަސްދަރަކުން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އީރާނުން ނަގާފައިވާ އިޒްރޭލުގެ ނިއުކްލިއަރ، ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު ގުދަންތަކުގެ ފޮޓޯތަކާއި ޗާޓުތައް ހިމެނޭ ފައިލެއް ޔޫރަޕްގެ ގައުމެއް މެދުވެރިކޮށް އިޒްރޭލަށް ފޮނުވި ކަމަށެވެ.

އެފަރާތުން އިތުރަށް ބުނީ މިއިން ގިނަ ފޮޓޯތައް ނަގާފައިވާނީ ބިންމަތިން ނެވެ. ވައިގެ ތެރެއިން ނުވަތަ ސެޓެލައިޓަކުން ނޫން ކަމަށެވެ.

އިޒްރޭލުން ވަނީ މީގެ ކުރިން އެގައުމުގެ ސްޓްރެޓީޖިކް އަސްކަރީ ހަތިޔާރު ގުދަންތައް ހުރި ތަން ބަދަލުކޮށްފައެވެ. އީރާނުން އިޒްރޭލަށް ފޮނުވި ފައިލްގައި ހިމަނާފައި ވާނީ އިޒްރޭލުން އަލަށް ހެދި ގުދަންތަކުގެ ފޮޓޯތަކެވެ.