ތައިލެންޑް ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ހައި ސްކޫލް ކިޔަވާކުދިންވެސް މަގުތަކަށް ނުކުމެއްޖެއެވެ.
ހައި ސްކޫލް ކިޔަވާކުދިން އިސްވެ ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާގައި އެތައްހާސް ކިޔަވާކުދިން ބައިވެރިވިއެވެ.
އެކުދިން އަޑު އުފުލަމުން ގެންދިޔައީ، ތައުލީމީ ދާއިރާއަށް ބޮޑެތި އިސްލާހީ ބަދަލުތައް ގެނައުމަށެވެ.
ހަމަ އެއާއެކު، ތައިލެންޑްގެ މިހާރުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން-އޮޗާއާއި އޭނާގެ ސަރުކާރު އިސްތިއުފާ ދިނުމަށާއި ތައިލެންޑްގެ ރަސްކަން އިސްލާހްކުރުމަށް ތައިލެންޑްގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތަކަށް ތާއީދުކުރާކަންވެސް ކިޔަވާކުދިން ހާމަކޮށްފައި ވެއެވެ.
ހައި ސްކޫލް ކިޔަވާކުދިން މަގުތަކަށް ނުކުމެފައި މިވަނީ، މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ފުލުހުން ގާނޫނީގޮތުން ބޭނުން ކުރެވެންހުރި ހުރިހާ ބާރެއްގެ ބޭނުންކުރާނޭ ކަމަށް ބޮޑުވަޒީރު ޕްރަޔުތު މިދިޔަ ބުރާސްފަތި ދުވަހު އިންޒާރު ކުރައްވާފައި ވަނިކޮށެވެ.
ބޮޑުވަޒިރު ޕްރަޔުތާއި، އޭނާގެ ސަރުކާރު އިސްތިއުފާ ދިނުމަށާއި، އަދި ރަސްކަން އިސްލާހްކުރުމަށް ތައިލެންޑްގެ އެތައްހާސް ބަޔަކު ޖުލައިމަހުން ފެށިގެން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތަކީ، ޕްރަޔުތުގެ ސަރުކާރަށް މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
ހައި ސްކޫލް ކިޔަވާކުދިން މަގުތަކަށް ނުކުމެ ކުރި މުޒާހަރާއަށް ނިސްބަތްކޮށް ފުލުހުން ބުނެފައިވަނީ، އެއީ "ގޯސް ކުދިންތަކެއް" ކުރާ މުޒާހަރާއެއް ކަމަށެވެ.
ނަމަވެސް، މުޒާހަރާ ރޫޅާލަން ފުލުހުން މަސައްކަތް ނުކުރާ ކަމަށް ވެއެވެ.
އޭގެ ބަދަލުގައި، މުޒާހަރާ ބޭއްވުމުގެ އެއްދުވަސް ކުރިން ފުލުހުންވަނީ އެކަމުގައި އިސްކޮށް އުޅުނު 2 ކިޔަވާކުދިން ފުލުހަށް ހާޟިރުކޮށްފައެވެ. އެއީ، ކުރިން ބޭއްވި މުޒާހަރާއެއްގައި ބައިވެރިވެގެން ކަމަށް ބުނެއެވެ.
ތައިލެންޑްގެ އާންމުން، މިހާރުއޮތް އަސްކަރީ ސަރުކާރާއި އަދި ނުފޫޒުގަދަ ރަސްކަމާ ދެކޮޅަށް ބިރު ފަހަނައަޅައި މަގުތަކަށް ނުކުތީ މައިގަނޑު 3 ޑިމާންޑެއް ކުރުމަށެވެ.
އެއީ، މިހާރު ބޮޑުވަޒީރުކަމުގައި ހުންނެވި ކުރީގެ އަސްކަރީ ލީޑަރު ޕްރަޔުތު މަގާމުން ދުރުކުރުމާއި، އައު ގާނޫނުއަސާސީއެއް ހެދުމާއި، އަދި މިހާރުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯރންއަށް އޮންނަ ބާރުތައް ހަނިކުރުމެވެ.
މިކަންކަމުގެ އިތުރުން، މަގުތަކަށް ނުކުތް ހައި ސްކޫލް ކިޔަވާކުދިން ގެންދަނީ ތައުލީމީ ނިޒާމަށް މިނިވަންކަމާއި، ހަމަހަމަކަމާއި، ދެޖިންސަށް ހަމަހަމ ފުރުސަތު ދިނުންފަދަ އިސްލާހީ ބަދަލުތައް ގެނައުމަށްވެސް ގޮވާލަމުންނެވެ.