އެެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެސްޓީއޯގެ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ހިސާބުތައް 30 އޭޕްރިލް 2022 ވަނަ ދުވަހު ވަނީ އާއްމުކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެސްޓޯއޯގެ ޖުމްލަ އާމްދަނީ 4 ބިލިއަން ރުފިޔާއަށް އެރިއިރު، މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު 23 އިންސަައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއެކު، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 14 އިންސައްތަ އިތުރުވެފައިވުމެވެ. އެސްޓީއޯއަށް ލިބުނު އާމްދަނީ އިތުރުވުމާއެކު، ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 71.6 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 18 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ ހިންގުމުގެ ޚަރަދު، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު ގާތްގަނޑަކަށް 10 އިންސައްތަ އިތުރުވެފައެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން، އެސްޓީއޯގެ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ފައިދާއަކީ 177 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 15 އިންސައްތައިގެ އިތިރުވުމެކެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު މި ކުއާޓާރގެ ސާފު ފައިދާއަކީ 150 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާރ އާއި އަޅާބަަލާއިރު 14 އިންސައްތައިގެ އިތިރުވުމެކެވެ.