ބްރެކްފާސްޓުން ނިމިގެން ރޫޙާން އައީ ގެއަށެވެ. އޭރު ގަޑިން 10:30 ހިނގާ ބޮޑުވެއްޖެއެވެ. ގެއަށް ވަންއިރު ކާމޭޒު ދޮށުގައި ރިޔާސާއާއި ރާއިފު ސައިބޯން ތިއްބެވެ. ރިޔާސާ އެހާ ރަނގަޅަށް ސައި ތައްޔާރުކޮށްފައި ހުއްޓާ ވެސް ބޭރަށް ގޮސް ސައި ބޮވުން ރޫޙާނަކަށް ކަމަކަށް ނުވިއެވެ. ރޫޙާން ހީކުރީ ރިޔާސާ އެކަމާ ޝަކުވާ ކުރާނެ ކަމަށެވެ. ވަރުވަރުން ސުވާލުތައް ކުރިމަތި ކުރާނެ ކަމަށެވެ. އެކަމަކު ރިޔާސާގެ ފަރާތުން އެކަހަލަ އެއްވެސް ކަންފުޅެއްނެތެވެ.

ރާއިފުގެ ކޮލުގައި ހިފާލައި ރިޔާސާއަށް ނިތް އެއްލުމަށްފަހު ރޫޙާން މޭޒު ދޮށުގައި ހަމަނުޖެހެނީސް އިވިގެން ދިޔައީ ރާއިފުގެ ޝަކުވާއެވެ.

"ބައްޕަ ކޮންތާކަށް ދިޔައީ...؟ ރާއީމެން ވަރަށް ގިނައިރު ސައި ނުބޮން ތިބެފައި މިފެއްޓީ..."

"ބަޝީރުބެއާ އެކު ބައްޕައަށް ބޭރަށް ދެވުނީ. ސޮރީ! ޑާލިންގ." ރާއިފަށް ބަލާލަމުން ރޫޙާން ބުންޏެވެ.

"ބަޝީރުބޭ ކޮންއިރަކު އައީ؟. ކޮއްކޮވެސް ގެންދިޔަ ނަމަ ކާރު ދުއްވާލަން."

"އެހެން ފަހަރަކުން ދާނީ ދޯ. " ރާއިފުގެ ސުވާލަށް ޖަވާބު ދެމުން ރޫޙާން މޭޒުދޮށުގައި އިށީނެވެ.

"ސައިބޯންވީނު.؟" ރިޔާސާއަށް ރޫޙާން އެއައީ ސައިބޮއިގެންކަން އެނގޭއިރު ވެސް ނުދެނަހުރިކަމަށް ހަދާފައި މަޑުމައިތިރިކަމާއެކު ބުންޏެވެ.

"ބަނޑެއްގަ ނެތް ޖާގައެއް. ވަރަށް ރަނގަޅަށް ސައިބޮއިގެން މިއައީ." ރޫޙާން ގަޞްދުގައި ދޮގެއް ހަދާލިއެވެ.

ކާނިވަލަށް ސަޔަށް ދިޔަކަމުގައިވިޔަސް ރޫޙާނަކަށް މާ ރަނގަޅަކަށް ސައެއް ނުބޮވުނެވެ. ހިތުގައި ހުރި ވަހުމުތަކާއި ޝައްކުތަކުން އެހުރިހައި ކަމެއް ހުރީ ކެނޑިފައެވެ. އޭނާއަށް ބޯ ލެވުނީ ހަމަ އެކަނި ކިރު ކޮފީއެކެވެ. ދެން ކާ ލެވުނީ ސޭންޑްވިޗެކެވެ.

މޭޒުމަތީގައި ހުރި ނާސްތާ އައިޓަމްތައް ފެނުމުންވެސް އޭނާ ސައިބޯ ހިތެއްނުވިއެވެ. މުޅިން ވެސް ހުރީ އޭނާއަށް އެންމެ މީރު ތަކެއްޗެވެ. ރިޔާސާގެ އަމިއްލަ އަތުން ހަދާފައި ހުރި ތާޒާ ތަކެއްޗެވެ. ހުނި ރޮއްޓާއި މަސް ހުންޏެވެ. ބިސްގަނޑާއި ކޭކެވެ. ޖޭމާއި ބަޓަރާއި ޕާނެވެ. ތަފާތު މީރު މޭވާގެ ތަށިތަކެވެ. ޖޫހާއި ކޮފީއެވެ. ސައި ބޮއި ހިތް ނުވިޔަސް ހިތާއި ހިތުން ރިޔާސާއަށް ތަޢުރީފު ކުރެވުނެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ތައްޔާރު ކޮށްފައި ހުރި އައިޓަމްތައް ފެނިފައެވެ.

ރާއިފު ސައިބޮއިގެން ތެދުވުމާއެކު އެސޮރާއެކު ރޫޙާން ވެސް ތެދުވިއެވެ. ރާއިފު ގޮސް އިށީނީ ސޯފާސެޓްގައެވެ. ރޫޙާން ގޮސް ވަނީ ކޮޓަރިއަށެވެ. ހުކުރަށް ދިއުމުގެ ކުރިން ކުރު ނިދިގަނޑެއް އަޅާލެވޭތޯއެވެ. ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަން ފިލުވާލެވޭތޯއެވެ. ރޭގައި ރަނގަޅަށް ނުނިދުމުން އޭނާ ގަޞްދުކުރީ އޮށޯވެލާށެވެ. ނިތްކުރީގައި އަތް ބާއްވާލައިގެން އޭނާ އެނދުގައި ހަމަޖެހިލިއެވެ. އަނެއްކާވެސް ފިކުރުތަކުގެ ދުނިޔެއަށް ގެއްލި އަވަދިވިއެވެ.

ހޭލެވުނީ ރާއިފު އައިސް ގޮވަން ފެށީމައެވެ. ކިތަންމެ ވަގުތުކޮޅު ކުޑަނަމަވެސް ހުކުރަށް ދިއުމަށް ފިސާރި އަވަހަށް ތައްޔާރުވެ ނައްޓާލީ ރިޔާސާ ދެންމެ އިސްތިރިކޮށްގެން ގެނެސް އޮތް ހުދު ގަމީސް ލައިގެންނެވެ. ގަމީހުގެ ހޫނުކަން އޭނާގެ ހަށިގަނޑަށް ވެސް އިތުރު ތާޒާ ކަމެއް ލިއްބައިދިން ކަހަލައެވެ. ގަމީހުން ދުވި މީރު އަތަރު ވަހުން ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބުނު ކަހަލައެވެ. ރިޔާސާއަކީ ޒަމާނީ ކުއްޖެއް ކަމުގައިވިޔަސް މައިންބަފައިންގެ ފުށުން މި ކަހަލަ ޢާއިލީ ރީތި އާދަތައް އަބަދުވެސް ދަމަހައްޓައެވެ. ހުކުރު ހެދުން ތައްޔާރު ކުރުމާއި އެ ހެދުމުގައި މީރުވަސް ދުވާ ބާވަތްތަކުގެ އަތަރު އުނގުޅުމަކީ މީގެ ކުރިންވެސް އޭނާ ކުރަމުން އަންނަ ކަމެއްކަން ރޫޙާނަކަށް ނޯޅެއެވެ. މިފަދަ ކޮންމެ ޙަރަކާތަކުން ރޫޙާންގެ ހިތުގައި ރިޔާސާއަށް ދެވިފައިވާ ޤަދަރު ފަނޑުވާ ގޮތެއް ވެސް ނުވެއެވެ. އެ ލޯތްބަށް އެ އާދަތަކަކަށް ނިމުމެއް ނެތެވެ. އެކަމަށް ހިޔަނި އެޅިގެން މިއުޅެނީ ނޭނގޭ ކަންތައްގަނޑެއް ފެންމަތިވުމުންނެވެ. ހިތް ނޭދުނަސް ހިތްކުރާ ޝަކުވާތައް ބޮޑުވެގެންނެވެ. އަމިއްލަ ޟަމީރަށް އެއީ ދޮގެކޭ ބުނުމުގެ އެއްވެސް ޙައްގެއް އޭނާއަކަށް މިހާރު ލިބިގެނެއް ނުވެއެވެ. ނޭނގެނީ ހަމަ އެންމެ ކަމެކެވެ. އެއީ ކާކުކަމެވެ. ކީއްކުރަން ކޮން ބޭނުމަކު އައި މީހެއްކަމެވެ. އެކަން އަދި އެނގޭނެއެވެ. އެ މީހަކު ވެސް އޭނާއަށް ކަށަވަރުވާނެއެވެ. އަދި ވަގުތު ނުޖެހެނީއެވެ. ވަގުތު ޖެހުމުން ހުރިހައި ކަމެއްވެސް ފިލާ ދާނެއެވެ. ކެތްތެރިވުން ނޫން އެއްވެސް އަލިމަގެއް އޭނާއަކަށް ނެތެވެ. ރީތި ގޮތުގައި މިކަން ކުރިއަށް ގެންދިއުމަށް ފަށާނެ ހިސާބެއް ވެސް އޭނާއަކަށް ނޭނގުނެވެ. އަދިވެސް އިތުބާރު ކުރެވޭލެއް ބޮޑުކަމުންނެވެ. ބައެއް ފަހަރަށް މި ކުރެވެނީ ކީއްބާވައޭ ވެސް ހިތަށް އަރާ ފަހަރު އާދެއެވެ.

ހުކުރުން ފޭބިތަނުން ރޫޙާންގެ ދެތިން ރައްޓެހީންނާ ބައްދަލުވިއެވެ. އެއިން ކޮންމެ މީހަކު ވެސް އެ ގެއަށް ކާން ދިއުމަށް ދަޢުވަތު ދިނެއެވެ. މިފަހަރު އެ ދަޢުވަތުތައް ޤަބޫލުކުރަން ރޫޙާނަށް ވަރަށް އުނދަގޫވިއެވެ. ރިޔާސާ ހުކުރު ދުވަހު ވަރަށް ރަނގަޅަށް މެންދުރަށް ތައްޔާރުވާނެކަން އޭނާއަށް އެނގެއެވެ. ހެނދުނު އޭނާގެ ފަރާތުން ފެނުނު ފަރުވާކުޑަކަން އަލުން ތަކުރާރު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ބޭނުމީ ގެއަށް ދާށެވެ. ލަސް ހިނގުމެއްގައި އޭނާގެ ފިޔަވަޅުތައް އަޅަމުން ދިޔައީ ގެއާ ދިމާއަށެވެ. ކުރިން ބޮލުގައި ހުރި ރިހުންތައް ލުއިވެފައި ހުރުމުން ސިކުނޑި އޮތީ ތާޒާކޮށެވެ. ބަނޑުހައިކަން އޭނާއަށް އިޙުސާސްވިޔަސް އެކަން އެހުރީ ހިފަހައްޓައިގެނެވެ.

ގެއަށް ވަދެ ހުކުރު ހެދުން ބޭލުމަށްފަހު ކާމޭޒު ދޮށަށް ނިކުތުމުން ރޫޙާނަށް ލިބުނު ޙައިރާންކަން އިތުރުވެގެންދިޔައެވެ. އޭނާގެ އެއްބަފާ ތިން ބޭބެއިން އެއްފަހަރާ މި ގެއިން ފެނުމުން ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. ތިއްތިބެއާއި ދޮންބެއާއި ކުޑަބެ އައިސް އެތިބީ ރިޔާސާގެ ދަޢުވަތަކަށް ކަން ޔަގީން ކުރެވުނެވެ. ހުކުރު ދުވަސް ދުވަހަށް ޢާއިލާ އެންމެން އެއް ކުރުމަކީ ރިޔާސާގެ އާދައެކެވެ. ދެ ފަރާތުގެ ޢާއިލާގެ ކޮންމެވެސް ބަޔަކު މީގެ ކުރިން ވެސް މިގެއަށް ޒިޔާރަތް ކުރާނެއެވެ. އެކަމާ ރޫޙާންވީ އުފަލެވެ. ގާތް ތިމާގެ ގުޅުން ދެމެހެއްޓުމަށް ރިޔާސާ ވަރެއް ނޯންނާނެއެވެ. މީރު އެއްޗެއް ކައްކައިފިއްޔާ ޢާއިލާގެ ގޭގެއަށް ތަށިބަރި ފޮނުވާ ހަދާނެއެވެ. ޢާއިލާގެ މީހުންނަށް ގެއަށް އައުމަށް މާކުރިން ދަޢުވަތު ދޭނެއެވެ.

ބޭބެމެންނާ ރޫޙާން ބައްދަލުކުރީ އުފަލާއެކުގައެވެ. މިއީ އަނެއްކާވެސް ރިޔާސާގެ ރޭވުމެއްބާވައޭ ހިތަށް އެރިއެވެ. އޭނާގެ މޫޑް ރަނގަޅުކޮށްލުމަށް ޖެހި މަޅިއެއްބާވައޭ ވެސް ހީވިއެވެ. ސުފުރާ މަތީގައި ހުރި މީރު މީރު ކާނާތައް ފެނުމުން އޭނާގެ ހައިކަން އިތުރުވިއެވެ. ރަނގަޅަށް ކާލަން ބޭނުންވިއެވެ. ކެއުމުގެ ތެރޭގައި ނެގި މަޑުވެގެން ވެސް ނީދެވުނެވެ. އެއިން ކޮންމެ ބޭބެއަކާ ވާހަކަ ދައްކަން ޖެހުނެވެ. އެހެންކަމުން އިތުރު ޚިޔާލެއް އެވަގުތު އޭނާގެ ސިކުނޑިން ކުރާކަށް ފުރުޞަތެއް ވެސް ނުލިބުނެވެ. ކައި ނިމިގެން ބޭބެމެން ވެސް މާގިނައިރަކު ނުތިބެ އެ މީހަކު ގެއަށް އެ މީހަކު ގޮސް އަވަދިވެއްޖެއެވެ. ރޫޙާން ވެސް "ހޭޔާންބޯ" ބަލައިލަން ޓީވީ ދޮށުގައި މަޑުކޮށްލުމަށްފަހު ވަނީ ކޮޓަރިއަށެވެ. އޭރު ރާއިފު ވެސް ކިލާހުގެ ދެ ކުއްޖަކު އައިސްގެން އަލަށް ލިބުނު ގޭމްތައް ކުޅެން ކޮޓަރީގައި ތައްޔާރުވަމުންދެއެވެ.

ބަދިގެ ތެރެ ހަމައަކަށް އަޅުވާލުމަށްފަހު މަޑުނުކޮށް ރިޔާސާ ވެސް ވަނީ އަރާމު ކޮށްލުމަށް ކޮޓަރިއަށެވެ. ރޫޙާން އޭރު އެނދުގެ ބިއްދޮށް ފަރާތަށް އެނބުރި އޮތެވެ. ރޫޙާން އެ އޮތީ ނިދާފައިނޫންކަން ރިޔާސާއަށް އެނގެއެވެ. އެހެންކަމުން އޭނާގެ މަގަތުން ރިޔާސާ އޮށޯވެލީ މަޑުމަޑުންނެވެ. ރޫޙާންގެ ހަށިގަނޑުގެ ހޫނުކަން ރިޔާސާއަށް އެ ވަގުތު އިޙުސާސް ކުރެވުނެވެ. އެކަމަކު ރޫޙާނަށް އުނދަގޫ ކުރާކަށް އޭނާ ގަޞްދެއް ނުކުރިއެވެ. އޭނާގެ ޖަޒްބާތުތައް ކޮންޓްރޯލް ކުރިއެވެ. އަވަސްވެފައިވާ ހިތް މަތަކުރިއެވެ. އޭނާއަކީ ވެސް އަންހެނެކެވެ. މޭގައި ވިންދު ޖަހާ ހިތެއް ވެސް އޮތް އަންހެނެކެވެ. މި ހުރިހާ ދުވަސްކޮށްފައި ފިރިމީހާ އައުމުން އޭނާގެ ޖަޒްބާތުތަކަށް މި އެރި ލޮޅުން އޭނާ ޖެހުނީ ލެއާ ދިރުވާށެވެ. ކެތްތެރިކަމާއެކު އޮންނާށެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ތަފާތު ޚިޔާލުތަކެވެ. ޚިޔާލުތަކާއެކު އޭނާގެ ހިތް އަވަސްވާން ފެށިއެވެ. ބޭއިޚްތިޔާރުގައި އޭނާގެ އަތް ރޫޙާންގެ ބުރަކަށީގައި ބާއްވާލެވުނެވެ. ރޫޙާނަށް ހީވީ އެވަގުތު އިލެކްޓްރިކްޝޮކެއް ލިބުނު ހެންނެވެ. ރިޔާސާގެ އަތް ނަގާ ފޮޅުވާލިއެވެ. އެވަގުތު ރިޔާސާގެ ފުން ދެލޮލުން ކަރުނަތައް ހިލިގަތެވެ. މަޑު ގިސްލުމެއް އޭނާގެ ނޭވާއާއެކު އެތެރެ ހަށިން ނިކުމެ ހުއްޓެވެ.

" ކަލޭގެ ތި މުޑުދާރު ދެއަތުން މިހާރު އަހަރެންގެ ހަށީގައި ފިރުމުމުގެ ބޭނުމެއް ނެތް." ރޫޙާންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިގެން ދިޔައެވެ.

"ދޭދޭ. ދުރަށްދޭ. މިހާރު އަހަރެންނަކީ ރިޔާސާގެ ދިރިއުޅުމުގެ ބައެއް ކަމަކަށް ނުދެކެން. ތި ޒާތަށް އުޅެފާނެ ކަމަކަށް ހުވަފެނުން ވެސް ނުދެކެން."

"ރޫޙާނަށް މި ދެ ދުވަހު ތި އައިސްގެން އުޅޭ ބަދަލެއް އަހަރެންނަކަށް ވިސްނަވިސްނާ ވެސް ނޭނގުނު. އަހަރެން ރޫޙާނަށް ކޮން ކަމެއް ކުރީ؟." ރިޔާސާ ބާރަށް ރޮމުން ގެންދިޔައެވެ.

"ނުކުރަނީ ކޮން ކަމެއް؟. ހިލޭ ފިރިހެނުން މިގޭތެރެއަށް ވަންނަން ހުއްދަ ދިނީ ކާކު؟" ރޫޙާން އެކިޔާ އެއްޗެއް ރިޔާސާއަކަށް ހަމަ ނޭނގުނެވެ.

"ކޮންއިރަކު ކާކު ކުރި ކަމެއްގެ ވާހަކަ ރޫޙާން ތި ދައްކަނީ. ކައިވެންޏަށް ލޮޅުން އަރާވަރުގެ އެއްވެސް ކަމެއް އަހަރެން ނުކުރަން. ނިކަން ސާފުކޮށް ވެގެން އުޅޭ ގޮތެއް ބުނެދީބަލަ." ރިޔާސާ ބޭނުމީ ރޫޙާނަށް ވެގެން މި އުޅޭ ކަން އިތުރަށް ސާފު ކުރާށެވެ.

"ލޮލަށް ފެނުނީމާ ދެން އިތުރަށް ސާފުކުރާކަށް ނުޖެހޭ. އެއޮތީ ސާފު ހެކި" ރޫޙާންގެ އަޑު އައީ ޢާއްމުކޮށް އަންނަ ވަރަށްވުރެ ބާރަށެވެ.

"ކޮބާ ތިބުނާ ހެއްކަކީ؟" ރިޔާސާއަށް އަނެއްކާވެސް ކޮށްލެވުނީ ސުވާލެކެވެ.

ރޫޙާނަށް މިއައިސްގެން މިއުޅޭ ބަދަލު ރިޔާސާއަށް އެވަގުތު ސިފަވަމުންދިޔައެވެ. ކޮންމެވެސް ކަމެއް ހިނގައިފިއެވެ. ކޮންމެވެސް މީހަކު ކޮންމެވެސް ވާހަކަތަކެއް ރޫޙާންގެ ގާތުގައި ދައްކައިފިއެވެ. ނޭނގެނީ އެއީ ކޮން ވާހަކައެއް ކަމެވެ. އަދި ވެސް އޭނާ އެހުރީ އެ ޝައްކުމަތީގައެވެ. އެބުނާ ވަހުމްތައް އެއްކޮށްގެންނެވެ.

" ރޫޙާން! ތި ބުނާ ވާހަކައެއް ރިޔާސާއަށް ސާފުވާނެހެން ބުނެދީބަލަ!" ރޫޙާން އެހާ ރުޅި އައިސްފައިވާއިރު ވެސް ރިޔާސާ ވާހަކަ ދެއްކީ ލޯބިންނެވެ.

"އަހަންނަށް އެ ވާހަކަ ދެއްކިދާނެ. ތަކުރާރުކޮށްގެން ވެސް ދެއްކިދާނެ. އެކަމަކު ރިޔާސާ އެކަން ދޮގުފިއްޔާ....." ރޫޙާން ބުނަން އުޅުނު އެއްޗެއް ތާށިވި ކަހަލައެވެ.

"އަހަންނަށް ކުރެވުނު ކުށެއް ކުރެވިފައިވާނަމަ..... ތިޔައީ އަމުދުން ތެދަށް ކަމުގައިވާނަމަ ރޫޙާން ކިބައިން މާފަށް އެދެން. ﷲ ގަންދީ ހުވާކޮށްފައި ބުނަން. ހިލޭ އެއްވެސް މީހަކާ މިވީހާތަނަށް ގުޅުމެއް ހިންގާފައެއް ނޯންނާނެ. އެވަރުގެ އިތުބާރެއް ރޫޙާންގެ ކިބައިގައި ނެތުމުން އަހަރެން ޙައިރާން ވެއްޖެ." ރިޔާސާ އޭނާގެ ނަޒާޙަތްތެރިކަން ރޫޙާންގެ ކުރިމަތީގައި ބަންޑުން ޖަހާލިއެވެ.

" ތިޔައީ ތެދެއްކަމުގައިވާނަމަ...އަހަރެން މާލެ އައި ދުވަހު މި ކޮޓަރީގެ ލިޔާ މޭޒުމައްޗަށް ވެއްޓިފައި އެ އޮތީ ކާކުކަން ބުނެދީބަލަ. އެއީ ހަމަ ގައިމުވެސް ހިލޭ ފިރިހެނަކަށް ނޫނީ ނުވާނެ. ދެން ރިޔާސާގެ ފޯނަށް އޭނާގެ ފަރާތުން އެ އަންނަ މެސެޖުތަކަކީ ކީއްވެ އަންނަ އެއްޗެއްކަން ބުނެދިނުމުގެ ހިތްވަރު އެބަހުރިތަ؟ ރިޔާސާގެ އަމިއްލަ އެކައުންޓުން އެ މީހަކަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ބޭނުމަކީ ކޮބައިކަން ބުނެދީބަލަ؟ މިއީ ގުޅުމަކަށް ނުވަންޏާ ދެން ކިޔާނީ ކޭކޭ؟" ރޫޙާންގެ ހިތުގައި ހުރި ހުރިހާ އުދާހެއް ރިޔާސާގެ ކުރިމައްޗަށް އޮއްސާލީ ފައްޗަކަށެވެ.

ރިޔާސާއަށް މިހާރު ހުރިހާ އެއްޗެއް ސާފުވެއްޖެ ކަހަލައެވެ. ދެން އިތުރަށް ރޫޙާންގެ ކިބައިން ސާފު ކުރާނެ އެއްވެސް އެއްޗެއް ނެތް ކަހަލައެވެ. އޭނާ މިހާރު އެ ކުރިމަތިލަނީ ރޫޙާނަށް އެކަން ސާފުކޮށްދިނުމަށެވެ. ރޫޙާންގެ ހިތުގައި އުފެއްދި ވަހުމާއި ޝައްކު ފިލުވައިދިނުމަށެވެ.

"އެނގިއްޖެ... ވަރަށް ސާފުކޮށް އެނގިއްޖެ...."

"ކޮން އެއްޗެއް އެނގުނީ...." ރޫޙާން ހުރީ ރުޅިގަނޑު މަތީގައެވެ.

"ބުނަން ފުރަތަމަ އަޑު އަހާލާ! އޭގެ ފަހުގައި ރޫޙާން ކޮންމެ ގޮތަކަށް ކަން ކުރިޔަސް ރިޔާސާގެ އެއްވެސް ޝަކުވާއެއް ނެތް." ރުޙާން އޮތީ ރިޔާސާ ދައްކަން މިއުޅޭ ވާހަކައަށް ފުރުޞަތު ދީގެންނެވެ.

"ރޫޙާނަށް އެނގޭތަ ރުޅި އައިސްގެން....މޫޑް ގޯސްވެގެން.....މީހާ ނަފްސާނީވެގެން.... ހުރެ ތި ކުރެވުނީ ކީއްކަން...." ރިޔާސާ އޭނަ ދައްކަން އުޅުނު ވާހަކަ ދެއްކޭ ވަރެއްނުވިއެވެ. އޭނާގެ އަޑު ބެދެން ފެށިއެވެ. ތުރުތުރު އަޅަން ފެށިއެވެ. އަޑާއެކު ހަށިގަނޑަށް ވެސް އެކަމުގެ އަސަރު ކުރަން ފެށިއެވެ.

"އާނ! ތި ފެނުނު މަންޒަރަކީ ޙަޤީގަތެއް. ރޫޙާނަށް ތި މަންޒަރު ތި ފެނުނީ އެންމެ ދުވަހަކު.... އެންމެ ފަހަރަކު.... ތީގެ އެތައް މަންޒަރެއް ދަރިފުޅުގެ ފޯން ހުޅުވާލީމާ ފެނިދާނެ."

ރިޔާސާ ކިޔާ އެއްޗެއް ރޫޙާން އިނީ ކަނުލާ އަޑު އަހާށެވެ.

"އާނ. އެއީ އަހަރެމެންނާ ގުޅުން ނެތް މީހެކޭ ބުނެވޭކަށް ނެތް. އެއީ ރާއީ އަށް ޤުރުއާން ކިޔަވައިދޭން އަންނަ ޓިއުޝަން ޓީޗަރު....ބަޝީރު ސަރ." ރިޔާސާ ބުނި އެއްޗަކުން ރޫޙާން އިނީ ބަސް ހުއްޓިފައެވެ. ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.

"އަޑުއަހާ. ދެން ރޫޙާނަށް ޝައްކުވެގެން ތިއުޅެނީ މި ކޮޓަރި ތެރެއިން ފެނުނީމާ. އެދުވަހު ކޮޓަރީގައި ޓިއުޝަން ނަގަން ހުއްދަ ދިނީ އަހަރެން. އެއީ ސަބަބެއް ނެތިއެއް ނޫން. މިގޭ ފޮޅާ ސާފުކުރާ މީހާ އެ ދުވަހު ސާފުކުރުމުގެ މަސައްކަތުގައި އުޅޭތީ. މި ކަހަލަ ދަނޑިވަޅުތަކުގައި ކޮޓަރީގައި ޓިއުޝަން ނެގުން ނޫން އެހެން ގޮތެއް ނޯވޭ. ރާއީ ކޮޓަރިއަކީ އިތުރު މޭޒަކާއި ގޮނޑިއެއް ލެވޭވަރަށް ވުރެ ކުޑަ ކޮޓަރިއެއް." ރިޔާސާގެ ވާހަކައަށް ހުއްޓުން އެރިއެވެ.

"އަޑުއަހާ! އަހަރެން ބުނެދޭން މިއުޅޭ ވާހަކައެއް އަދިވެސް ނުބުނެވޭ. އެ ޓީޗަރަކީ ދާއިމީ ބައްޔަކަށް ވަރުގަދަ ބޭހެއް ބޭނުން ކުރަމުން އަންނަ ޓީޗަރެއް. އެވާހަކަ ޚުދު ޓީޗަރު ވެސް އޮތީ އަހަރެންނާ ޙިއްޞާ ކޮށްފާ. އެބަލީގައި ދޭތެރެ ދޭތެރެއިން ނިދި ޖެހިގެން ވެއްޓޭ. އެއީ އޭނާ އެ ބޭނުންކުރާ ބޭހުގެ ބާރުގަދަކަމުން ވާގޮތެއް. މި ގޭގައި ވެސް އެކަން އެގޮތަށް ވާތީ ރާއި އެޑްވާންޓޭޖް ނަގާ. ޓީޗަރު އެގޮތަށް ބާއްވާފައި އޭނާ އެހެން ކަމަކަށް ދާނެ. ބައެއް ފަހަރު ފުޓްބޯޅައަށް ނައްޓާލާ ވާހަކަ ވެސް ރާއީ ވެސް ބުނާނެ. އަދި ފޮޓޯ ނަގާ ވާހަކަ ވެސް ބުނާނެ. އޭގެ އެތައް ފޮޓޯއެއް އެސޮރުގެ ފޯނުގައި މިހާރު ވެސް ހުރޭ. އެ ދުވަހު ވެސް އެ ފެނުނީ އޭގެ މަންޒަރެއް." ރޫޙާން އިނީ ރިޔާސާ ދައްކާނެ ވާހަކައެއް ދައްކާ ނިމެން ދެން ހިމޭންވެފައެވެ.

"އާނ!. ދެން ތިބުނީ ފޯނަށް މެސެޖު އަންނަ ވާހަކަ. އެ ސަރ އަކީ މިފަދަ ބައްޔެއްގައި އުޅޭ މީހަކަށްވާތީ ގަޑިތައް ވަރަށް ގިނައިން ކެންސަލްވާނެ. ނާދެވޭ ފަހަރު ބުނާނެ. މެސެޖު ފޮނުވާނެ. އެކަމަކު މިކަމުގެ ސަބަބުން އަހަރެން އޭނާ ބަދަލު ކުރާކަށް ނުވިސްނަން. އޭނާ ކިޔަވާލެއް ރީތިކަމުން. ރާއީއަށް ވެސް އޭނާ ކަމުދާތީ. އެކަން އެހެން އޭނާގެ ކިބައިގައި ހުއްޓަސް އޭނާއަށް އަހަރެން އިޙުތިރާމު ކުރަން. އޭނާ އަކީ ބަލި މީހަކަށްވާތީ ކެންސަލްކުރާ ގަޑިތައް އަލުން ނަގާކަށްވެސް ނުޖައްސަން. ދެން ތި ފެނުނީ އަހަރެންގެ އެކައުންޓުން އޭނާގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކޮށްފަ ހުންނަ ތަން. އެކަމުގެ ގޯހަކީ ކޮބާ؟"

ރޫޙާނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އޭނާއަށް މި ކުރެވުނީ ކީއްހެއްޔެވެ؟ ކަންކަން ސާފުނުކޮށް މި ޝައްކުގައި އޭނާ ދެމިހުރީ ކީއްވެހެއްޔެވެ؟ ކިތަންމެ ކުޑަ ގޯހަކުން ވެސް މިސްޓޭކެއް ހެދިދާނެއެވެ. ހުރިހާ ކަމެއް އޭނާއަށް މިހާރު ސާފު ވެއްޖެއެވެ. އުދަރެހުގައި ހުރި ފުސް ވިލާތަށް ކެހިގެން ހިނގައްޖެއެވެ. އޭނާ ރިޔާސާ ކިބައިން މާފަށް އެދުން ނޫން ގޮތެއް ނެތެވެ. އެވަރުގެ ތުހުމަތަކަށް އޭނާ މާފަށް އެދެން ޖެހޭނެއެވެ. ހިތް ސާފުކުރަން ޖެހޭނެއެވެ. އޭނާގެ ކުށް ގަބޫލުކުރިކަން ފާޅުކޮށްދޭން ޖެހޭނެއެވެ. ކިތަންމެ ލަދުން އޮތަސް އޭނާ އެކަމާ ކުރިމަތިލިއެވެ. އެކަން އޭނާ ޤަބޫލުކުރިކަން ބަލައިގަތީ ރިޔާސާ ގެނެސް އޭނާގެ ގަޔާ ބޮނޑިކޮށްލަމުންނެވެ. އެ މެދަށް އެއްވެސް ޝައްކެއް ވަހުމެއް ނުވަންނަ ވަރަށެވެ.

(ނިމުނީ)