މަޝްވަރާގެ މޭޒުދޮށަށް އައުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، ޔޫރަޕްގެ އިއްތިހާދަށް ގޮވާލައްވައިފިއެވެ.

ތުރުކީގެ ރައީސް މިކަމަށް މި ގޮވާލެއްވީ، މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުގައި ގުދުރަތީ ގޭސް ހޯދުމަށް ތުރުކީން ކުރަމުންދާ މަސައްކަތާ ގުޅިގެން ތުރުކީއާއި އީޔޫއާ ދެމެދު ބޮޑެތި އަރާރުންތަކެއް ހިނގަމުންދަނިކޮށެވެ.

މައްސަލައިގެ ތެރެއަށް އީޔޫ ވަނީ، ތުރުކީން ގުދުރަތީ ގޭސް ހޯދުމަށް ކޮންނަމުންދާ ކަނޑުގެ ސަރަހައްދަކީ ގްރީސްއިން އެ ސަރަހައްދުގެ މިލްކުވެރިކަމާމެދު ދައުވާކުރާ ސަރަހައްދެއް ކަމަށް ވުމުންނެވެ.

މިކަމުގެ ތެރެއަށް ވަދެ، އީޔޫއިން މިހާރުވަނީ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ. އަދި ގުދުރަތީ ގޭސް ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ވަކިވަކި ފަރުދުންނާ ދެކޮޅަށްވެސް ފިޔަވަޅު އަޅާފައި ވެއެވެ.

ވެރިކަންކުރާ ޕާޓީގެ ކޮންގްރެސްގައި ވީޑިއޯ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ތުރުކީގެ ރައީސް އުރުދުޣާންވަނީ، ތުރުކީއާމެދު ނަފުރަތު އުފައްދާ ހަތިޔާރަކަށް އީޔޫ ނުހެދުމަށް މެމްބަރު ގައުމުތަކަށް ގޮވާލައްވާފައެވެ.

އުރުދުޣާން ވިދާޅުވީ، އީޔޫއިން ތުރުކީއާމެދު ތަފާތުނުކޮށް، ތުރުކީއަށް އަމާޒުކޮށް ނަފުރަތު އުފައްދާ ހަތިޔާރަކަށް އީޔޫ ބޭނުން ނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ވައުދުވެފައިވާ ގޮތަށް އީޔޫއިން ތުރުކީއާމެދު އަމަލުކުރާނެ ކަމަށްވެސް އުންމީދު ކުރައްވާ ކަމަށެވެ.

ތުރުކީގެ ރައީސް ވިދާޅުވީ، ތުރުކީއަކީ ޔޫރަޕަށް ނިސްބަތްވާ ގައުމެއް ނޫން ގޮތެއްގައި ތުރުކީ ނުދެކޭ ކަމަށާއި، ތުރުކީގެ މުސްތަގްބަލް ބިނާކުރުން އޮތީ އީޔޫއާ ގުޅިގެން ކަމަށެވެ.

ތުރުކީން ބުނަމުންދަނީ، ގުދުރަތީ ގޭސް ހޯދުމަށް ތުރުކީން މަސައްކަތް ކުރަމުން ގެންދަނީ އެގައުމަށް ލިބިފައިވާ އިހްތިސާސްގެ ތެރޭގައި ކަމަށެވެ.

މަސްރަހް ވަރަށް ބޮޑަށް ނުތަނަވަސް ވެފައިވާއިރު، ތުރުކީއާއި ގްރީސްއިންވެސް ވަނީ މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދަށް ހަތިޔާރު ޖަމާކޮށްފައެވެ.

އެކަމާހެދި، ދެގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއް ހިނގާފާނެކަމުގެ ކަންބޮޑުވުންތައްވެސް އުފެދިފައި ވެއެވެ.

މިމައްސަލަތާހެދި ތުރުކީއާއި އީޔޫއާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގެ ވާހަކަތައްވެސް ވަނީ ހުއްޓިފައެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވަމުން ގެންދަވަނީ އީޔޫގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ތުރުކީން އަދިވެސް މަސައްކަތް ކުރާނޭ ކަމަށެވެ.

ތުރުކީގެ އެއްފަޅި އޮންނަނީ ޔޫރަޕަށް ވާގޮތަށެވެ. އަނެއްފަޅި އޮންނަނީ އޭޝިޔާއަށް ވާގޮތަށެވެ.

އީޔޫގެ މެމްބަރަކަށް ވުމަށް ތުރުކީން ހުށަހަޅައިގެން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެން ނަމަވެސް، އީޔޫ ހިތްހަމަޖެހޭ އިސްލާހީ ބަދަލުތަކެއް ތުރުކީއަށް ނުގެންނަ ކަމަށްބުނެ މެމްބަރުކަން ދިނުމުގެ މަޝްވަރާތައްވެސް ގެންދަނީ ލަސްކޮށް ފަސްކުރަމުންނެވެ.

އުރުދުޣާން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ތުރުކީއަށް މެމްބަރުކަން ދިނުމުގެ މައްސަލާގައި އީޔޫގެ އިޚްލާސްތެރިކަމެއް ނެތްކަމަށެވެ.