އިޒްރޭލާއި ރަޝިޔާ ބަހުގެ ހަނގުރާމައެއް ފަށައިފިއެވެ. އިޓަލީ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލާވްރޯވް ވިދާޅުވީ ހިޓްލަރަކީ ޔަހޫދީ ނަސްލުން އައިސްފައި ހުރި މީހެއް ކަމަށެވެ.

އިޒްރޭލު ބޮޑު ވަޒީރު ޔާއީރް ލެބީޑް ވިދާޅުވީ މިއީ މާފް ނުކުރެވޭ ވަރުގެ ވާހަކައެއް ކަމަށެވެ.

ލާވްރޯވް ވިދާޅުވީ ރަޝިޔާއިން ޔުކްރެއިންގައި މަސައްކަތް ކުރަނީ ނާޒީން އެފަސް ގަނޑުން ފޮހެލާށެވެ. އަދި އިޒްރޭލުން ޔުކްރެއިންއަށް އެހީވަނީ ނަމަ އެއީ ނާޒީންނަށް ވެދެވޭ އެހީއެއް ކަމަށެވެ.

ޔުކްރެއިންގެ ރައީސް ޒެލެންސްކީއަކީ ޔަހޫއްޖެކެވެ.

ލާވްރޯވް އިތުރަށް ވިދާޅުވީ ޔަހޫދީންނާ އެންމެ ދެކޮޅުވެރި ބަޔަކީވެސް ޔަހޫދީން ކަމަށެވެ. މި ވާހަކައަށް ފަހު އިޒްރޭލުގައި މީހުން ދަނީ އުޑުގައި ޖެހި ބިމުގައި ޖެހި އުތުރި އަރަމުންނެވެ.

ލާވްރޯވް ވިދާޅުވި ހިޓްލަރަކީ ޔަހޫދީ ނަސްލުގެ މީހެއްކަމަށް ބުނާ ވާހަކައަކީ އޭގައި ތާރީޚީ ބުރަދަނެއް ހުރި ވާހަކައެކެވެ. އެތައް ޒަމާނެއް ވަންދެން، ހިޓްލަރުގެ ބައްޕަގެ ގޮތްނޭނގޭ ކާފައކީ ޔަހޫދީއެއް ކަމަށް ބުނެ، ހިޓްލަރުގެ ގާނޫނީ ވަކީލު ހޭންސް ފްރޭންކް ހެކިބަސް ދީފައި ވެއެވެ. އޭނާ ވަނީ 1953 ވަނަ އަހަރު ޝާއިޢުކުރެވުނު އޭނާގެ ޑައިރީގައި މިވާހަކަ ލިޔެފައެވެ. އަދި ހިޓްލަރު ޔަހޫދީ ނަސްލަށް ނިސްބަތްވާކަން އިތުރަށް ތަޙުޤީޤުކުރުމަށް ހިޓްލަރ އެންގި ކަމަށްވެސް ބުނެފައި ވެއެވެ. މި ހޯދުންތަކުގެ އަލީގައި އެނގުނީ ހިޓްލަރުގެ ކާފައަކީ ހަމަ ހަގީގަތުގައިވެސް ޔަހޫދީއެއް ކަމަށެވެ. ނަމަވެސް އިޒްރޭލަށް މިއިން ހިތް ބުރަކަމެއް ކުރިމަތި ވެދާނެތީ މިކަން ވަނީ އެހެން ނޫންކަމަށް ސާބިތު ކޮށްދިނުމަށް މަސައްކަތް ކުރެވިފައެވެ.