ދާދި ފަހުން ޒީނާގެ ބައްޕަ އޭނާއަށް ހުޅުމާލޭގެ ނިރޮޅު މަގުގައި ހުޅުވައިދިން ކޮސްމެޓިކްސް ފިހާރަ "ކެމިސްޓްރީ" ގެ ހިސާބު ނިންމާލުމަށްފަހު މާލެ ދިއުމަށްޓަކައި ހިނގައިގަތީ ކުރިމަތިން ފެންނަން އޮތް އަނދިރި ގޯޅިނޑުގައި ޕާކްކޮށްލާފައި އޮތް އޭނާގެ މަޒްދާ ކާރަށް އެރުމަށެވެ. ކޮންމެ ރެއަކުވެސް ހިސާބު ނިންމާލުމަށްފަހު ހުޅުމާލެއިން މާލެއަށް އޭނާއަށް ދެވޭއިރު ހުންނާނީ 11 ޖަހާ ބޮޑުވެފައެވެ.

ޒީނާ ކާރަށް އެރުމަށް ދޮރުފަތް ހުޅުވާލުމާއެކު ފަހަތުން އައި ބަޔަކު އޭނާގެ ކަރުގައި އަޅުވާލާފައި އޮތް ދަބަސް ޖަހައިގަތެވެ. އެއާއެކު ޒީނާއަށް ފެނުނީ އޭނާގެ ކުރިމަތިން އެ ބަޔަކު ދުއްވައިގެން ތަނެވެ. ހީވަނީ މާކުރީއްސުރެ އޭނާއަށް ފާރަލާއިގެން ބަޔަކު ތިބިހެންނެވެ. ޒީނާ އަޑުކޮޅަށް ހަޅޭއްލަވަން ފެށިއެވެ. ގެންފައިވާ ބިރާ އެކުގައެވެ. އެވަގުތު ކޮންމެ ވެސް މީހެއްގެ ކެމެރާގެ ލެންސް އެބަޔަކާ ދިމާއަށް އަމާޒުވެފައިހުރިހެން ޒީނާއަށް ހީވިއެވެ. "ސާޢަތު" ނޫހުގެ ފޮޓޮގްރާފަރ ޒުވާން ޝާފީއަށް އިއްތިފާގުން ނަމަވެސް ފޮޓޯ ސެޝަނެއް ނިންމާލުމަށްފަހު އެތަނަށް ނިކުމެވުނީ އެ ވަގުތުއެވެ.

ޝާފިއުގެ ކެމެރާގެ ލެންސް ވިދާލުމާއެކު އެމީހުން ގޮސް ދިމާކޮށްލީ ޝާފީއާއެވެ. ޝާފީ އެވަގުތު ވެސް ތިން ހަތަރު ޝޮޓެއް އޭނާގެ ކެމެރާއަށް ރައްކާކޮށްލިއެވެ. އެއާއެކު އަތުގައިވާ ކެމެރާ ވައިގެ ތެރެއިން އަންހެން ކުއްޖާއަށް އެއްލިއެވެ. އެކުޑަ ކެމެރާ ޒީނާއަށް ހިފާލެވުނީ ހަމަ ކިރިޔާއެވެ. އެ ބަޔަކު އައިސް ކެމެރާ ޖަހައިގަންނަން މަސައްކަތް ކުރިއެވެ. އޭރު ޒުވާން ޝާފީ ދަބަސް އޮތް މީހާއާ ގަދަ ހިފުމެއް ހިފަނީއެވެ. ޝާފީ އޭނާގެ ބާރުގަދަ މުލައްދަނޑިން ޙަމަލާދޭ ބިޔަ ބީހާ ތަޅާ ތިރިކޮށްލިއެވެ. ދެން ތިބި ދެ މީހުން އޭރު ޒީނާއާ ޙަމަލަ ދެމުން ގެންދިޔައެވެ. ޒީނާ ބިރުންގޮސް އަޑު ބެދުނެވެ. އެހެނަސް އޭނާގެ އަތުގައި އޮތް ކެމެރާގައި ގަދައަށް އޭނާ ހިފަހައްޓައިގެން ހުއްޓެވެ. އެތަނުން އެކަކު އައިސް ޒީނާގެ ފުރަގަހުން އޭނާގެ ހެދުން އިރާލިއެވެ. އަނެއް ދެމީހުން އައިސް ޒީނާގެ ގައިގެ މައްޗަށް ޖެހިގަތެވެ. އެވަގުތު ޝާފީއަށް ހުރެވުނު ގޮތް ވެސް ނޭނގުނެވެ. އަރާފައިވާ ބާރާއެކު އެ މީހުންގެ މައްޗަށް ޖެހިގަތެވެ. އެމީހުންގެ ކިބައިން ޒީނާ ސަލަމަތް ކުރުމަށްޓަކައި އޭނާގެ ހަށީގައި ހުރި ބާރެއްލައި ޙަމަލާ ދެމުން ގެންދިޔައެވެ. މޫނު އަޅާފައި ތިބި ބައެއްކަމުން އެއީ ކޮން ބައެއްކަމެއް މި ދަންވަރަކު އޭނާއަކަށް ނޭނގުނެވެ. އަތާއި ފައިން އޭނާގެ ވަރުގަދަ ޙަމަލަތަކެއްދީ ތިން ހަތަރު މީހަކު އެ ތިރި އަރުވާލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

ޒީނާ ބިރުންގޮސް ހުރީ ވިރިވިރިއެވެ. ގެންފައިވާ ބިރުން އޭނާގެ އަޑުވެސް ބޭރެއް ނުވިއެވެ. އޭނާ އެވަގުތު ހުރި ނިކަމެތި ޙާލު ފެނިފައި ރޮވެން ފެށުނެވެ. އޭނާގެ ހެދުމުގެ ބޮޑު ބައެއް ވަނީ ފުރަގަހުން އިރާލާފައެވެ. ޒީނާ ދުވެފައި ގޮސް ކުރިމަތީގައި ހުރި ޒުވާނާގެ ގައިގައި ބާރަށް ބެއްދިއެވެ. ގެންފައި ހުރި ބިރުން އޭނާ ޝާފީގެ ހަށިގަނޑުން ދޫވެގެންގޮސް ބިންމައްޗަށް ތިރިވާން ދިޔައެވެ. އެވަގުތު ޝާފީ ޒީނާ ނަގާ ހިފެހެއްޓިއެވެ. ޒީނާ ޚަބަރު ހުސްވެގެންގޮސް ދެމުނީ ޝާފީގެ އަތްމައްޗަށެވެ.

ޒީނާއަށް ލޯ ހުޅުވާލެވުމާއެކު ގައި މަތީގައި އަޅާފައިވާ ކްއިލްޓް ގަނޑު ނަގާ އެއް ފަރާތް ކޮށްލިއެވެ. އަދި ދެލޯ ބޮޑުކޮށް ކޮޓަރީގެ ހަތަރު ފާރަށް ބަލައިލިއެވެ. އޭނާއަށް މި އޮވެވުނީ އޭނާގެ ކޮޓަރީގައި ނޫންކަން އެނގުނީ ދެނެވެ. އޭނާގެ ހަށިގަނޑާމެދު ވެސް ވިސްނާލެވުނީ އެ ވަގުތުއެވެ. މީ ހަމަގައިމުވެސް އޭނާގެ ޓީޝާޓެއް ނޫނެވެ. ކުއްލިއަކަށް އޭނާ ހަނދާންވީ ރޭގެ ޙާދިސާ މަތިންނެވެ. ނޭނގޭ ބަޔަކު އޭނާއަށް ދިން ޙަމަލައެވެ. މި ޚިޔާލުގައި އޮވެ ކުއްލިއަކަށް އޭނާ އެނދުން ތެދުވިއެވެ. އެވަގުތު ޝާފީ އައިސް ކޮޓަރިއަށް ވަނެވެ. އަދި ހެނދުނުގެ ސަލާމް ގޮވާލިއެވެ. ޒީނާ ޙައިރާންކަމާއެކު ޝާފީއަށް ބަލަން ހުރެވުނެވެ.

"މިއޮތީ ފައިސާ ދަބަސް.... ޒީނާ އޭގައި ނުހިފާ މަޑުކޮށްލިއެވެ.

"މީ....މީ....ކާކުގެ ޓީޝާޓެއް..... އަހަރެންގެ ހެދުން...؟" ޒީނާ ބުނަން އެއުޅޭ އެއްޗެއް ޝާފީއަށް ވިސްނުނެވެ.

"ރޭ ކަމަނާއަށް ޙަމަލާ ދިން ބަޔަކު އެ ހެދުން ވަނީ ބޭނުން ނުކުރެވޭ ވަރު ކޮށްލާފަ." އަލަމާރީގެ ތެރޭގައި ކޮނޑުގައި އަޅުވާލާފައި އޮތް ހެދުން ދައްކާލުމާއެކު ޒީނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. ތެދެކެވެ. އެ ހެދުންވަނީ ބޭނުން ނުކުރެވޭ ވަރަށް އެތައް މިތަނުން އިރާލާފައެވެ. އެ ހެދުން ލައިގެން އޭނާއަށް ބޭރަކަށް ނިކުންނާކަށް ނުކެރޭނެއެވެ. އެކަމަކު އޭނާގެ ހެދުން ބަދަލު ކުރީ ކާކުބަވައެވެ؟ މި ޚިޔާލު ކުރެވުމާއެކު އޭނާގެ އަމިއްލަ ނަފުސަށް ލަދުވެތިވިއެވެ. އަދި ކުރިމަތީގައި ހުރި ޝާފީއަށް ބަލައިލެވުނީ ލަދުވެތި ނަޒަރަކުންނެވެ. އޭނާއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ހިލޭ ފިރިހެނެއްގެ އޯގާތެރި އަތަކުން އޭނާއަށް މިވަނީ ޙިމާޔަތްތެރިކަން ލިބިފައެވެ. އޭނާގެ އަބުރާއި ޢިއްޒަތް ސަލާމަތް ކޮށްދީފައެވެ. އޭނާގެ ހިތުގައި ޝާފީއަށް ޝުކުރު ނޫން އެއްޗެއް ނެތެވެ. ކިތަންމެ ލަދުން ހުރިނަމަވެސް އޭނާއަށް މިވަރުގެ އިޙުސާންތެރިކަމެއް ފޯރުކޮށްދިން އިންސާނަކަށް ޝުކުރު އަދާކުރަން ބޭނުންވެއެވެ. އޭނާ މަޑުމަޑުން އެއްޗެއް ބުނެވޭތޯ މަސައްކަތްކުރިއެވެ.

"އަޅުގަނޑަށް މިވަރުގެ އިޙުސާންތެރި ކަމެއް ފޯރުކޮށްދިނީތީ ޝުކުރުވެރިވަން. އަޅުގަނޑުގެ ޢިއްފަތްތެރިކަން ވެއްޔާ މޮޑެވިގެންދަނިކޮށް ސަލާމަތް ކޮށްދިނީތީ އެއަށްވުރެ ބޮޑަށް ޝުކުރުވެރިވަން. އެކަމަކު އަޅުގަނޑަށް ޝުކުރު އަދާ މި ކުރެވެނީ ކޮންފަދަ މީހަކަށް ކަމެއްވެސް ނޭނގުނު." ޒީނާ އޭނާގެ ހިތުގައި ޝާފީއަށް އޮތް ލޯބި ފާޅުކޮށްލީ ލަދުވެތިކަމާއެކުގައެވެ.

"ކަމަނާ ސަލާމަތް ކުރުމުގެ ނަޞީބު އަޅުގަނޑަށް ލިބެން އޮތިތީވެ އެވަގުތު އެތަނަށް ނިކުމެވުނީ. އަޅުގަނޑު އެމަގަށް އެޅީ ފޮޓޯ ސެޝަނަކުން ނިމިގެން އައިސް ގެއަށް ވަނުމަށްޓަކާ. އަޅުގަނޑަކީ ޝާޢަތު ނޫހުގެ ފްޓޮގްރާފަރ ޝާފީ. އަޅުގަނޑުގެ މަސައްކަތުގެ ގޮތުންނާއި އިންސާނީ ވާޖިބެއްގެ ގޮތުން ކަމަނާ ސަލާމަތް ކުރުމަކީ އެވަގުތު އަޅުގަނޑަށް އޮތް މަޖުބޫރެއް. ކަމަނާ ހުރި ޙާލު ފެނުމުން އެވަގުތު އަޅުގަނޑު އެކަމާ ކުރިމަތިލީ ކަމަނާގެ އިއްފަތްތެރިކަން ސަލާމަތް ކުރުމަށްޓަކާ. މިވާހަކަތައް ދެކެވޭއިރު އަހަންނަށް މި މުޚާޠަބު ކުރެވެނީ ކޮންފަދަ ވެރިއަކަށް ކަމެއްވެސް ނޭގުނު." ޝާފީ ކަންވީގޮތް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކިޔާލަދީ ނިންމާލިއެވެ.

"އަޅުގަނޑަކީ މުއްސަނދި މަހުޖަނު ޒާހިދުގެ ހުރި ހަމައެކަނި ދަރިފުޅު. އަޅުގަނޑު ހުޅުމާލެ އަށް އައީ އަޅުގަނޑު ދާދި ފަހުން ހުޅުވި ފިހާރަ "ކެމިސްޓްރީ" ގެ ހިސާބު ނިންމާލުމަށްފަހު މާލެ ދިއުމަށް. މިއީ ކޮންމެ ރެއަކު ވެސް މި ގަޑީގައި އަންނަ އައުމެއް. އެކަމަކު މިރޭގެ ސޭލްސްގެ ބެލަންސްގެ މައްސަލައެއް އުޅޭތީ ސިސްޓަމް ރަނގަޅު ކޮށްލަން ފިހާރައިގައި ކުޑަކޮށް މަޑުކޮށްލީ. މައްސަލަ ޙައްލު ކުރެވުނުއިރު 12 ޖަހަން ކައިރިވެފަ ހުރީ. އެހެންވެ މާލެ ދިއުމަށް ނިކުމެ ކާރަށް އަރަން ނިކުތް ގަޑީގައި އެ ބަޔަކު އައިސް ދިމާކޮށްލީ. ތިޔަ ބޭފުޅާއާ ދިމާ ނުވިނަމަ އަޅުގަނޑުގެ ބައްޕައާއި މަންމައަށް ރޭގައި ލިބޭނީ އަޅުގަނޑުގެ ފުރާނަ ނެތް މަސްގަނޑު ކަންނޭނގެ." ޒީނާ ރޭގެ ޙާދިސާ ފެށުނު ހިސާބުން ފެށިގެން ކަންވީގޮތް ޝާފީއަށް ބުނެދިނެއެވެ.

" މި އޮތީ ރޭގެ ފޮޓޯތައް. ކުށްވެރިން ވަނީ އޭގެ ޒިންމާދާރުވެރި ފަރާތާ ޙަވާލު ކުރެވިފަ. މީ ރޭގެ ހަނދާނަކަށް ރައްކާކޮށްލާފައި ބާއްވާލަން ރަނގަޅުވާނެ." ޝާފީ ދިއްކޮށްލި ފޮޓޯތަކުގައި ޒީނާ ހިފިއެވެ. އަދި އެ ފޮޓޯތައް ގަނޑަކަށްފަހު ގަނޑެއް ވަކިވަކިން ބަލައިލިއެވެ. ޝާފީގެ ލެންސުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށްފައިވާ މަސައްކަތް އެ ފޮޓޯތަކުން ދައްކުވައިދެއެވެ. އެވަގުތު ޒީނާގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. ހާދަ ހުޝިޔާރު ޒުވާނެކެވެ. މިފަދަ ޒުވާނަކު އަހަރެންގެ ނަޞީބަކަށްވާނެ ނަމަ ކޮންފަދައެއް ހެއްޔެވެ؟

ޒީނާގެ ޚިޔާލުތައް ފުޑުފުޑުކޮށްލީ މިފަހަރު ވެސް ޝާފީއެވެ.

"އަލަމާރީގައި އަހަރެންގެ ގަމީހާއި ކޯޓް ހުންނާނެ. ކަމަނާ ގެއަށް ދިއުމަށް ހެދުން ބަދަލުކުރަން ބޭނުމިއްޔާ އެ އެއްޗެހީގެ ބޭނުން ހިފިޔަސް އަޅުގަނޑަށް އެންމެ ރަނގަޅު."

ޒީނާއަށް ލައިގެންހުރި ޓީޝާޓާމެދު ވިސްނާ ލެވުނީ އެ ވަގުތުއެވެ. ތެދެކެވެ. ޓީޝާޓެއް ލައިގެން އޭނާއަށް ގެއަށް ދާކަށް ނުކެރޭނެއެވެ. އަދި ޝާފީގެ ޓީޝާޓް ހުރީ ވެސް އޭނާގެ ގަޔަށް ވަރަށް ދޫކޮށެވެ. ހެދުން ބަދަލުކުރުމާމެދު ފުންގޮތަކަށް އޭނާ ވިސްނާލިއެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ އޭނާއަށް މިވަރުގެ ކަމެއް ކޮށްދިން މީހެއްގެ ހަނދާނެއް ވެސް ހިފައިގެން ދިއުމަށެވެ. ޝާފީ ކޮޓަރިން ބޭރަށް ޖެހިލުމުން އޭނާ އެ ބޮޑު އަލަމާރީގެ ދޮރުފަތް ހުޅުވާލިއެވެ. ތަފާތު ކުލަކުލައިގެ ގަމީހާއި ޝޫޓް ފުރާފައި ހުއްޓެވެ. އޭނާއަށް އެންމެ ރީތި ގަމީސް ނަގާ ނޭފަތުގައި ޖައްސާލިއެވެ. މީރު ވަހެއް އޭނާގެ ނޯށުގައި ޖެހުނުހެން ހީވާ ކަހަލަ އިޙުސާސަކާއެކު ލޯ މަރާލައިގެން އެތައް އިރަކު ހުއްޓެވެ.

ތައްޔާރުވެލައިގެން ނިކުތްއިރު ޝާފީ ސިޓިންރޫމްގައި އިނެއެވެ. އޭނާގެ ލޯ ގޮސް ހުއްޓުނީ ޒީނާގެ ރީތި ހަށިގަނޑަށެވެ. އޭނާގެ ހެދުމުގައި ޒީނާ ފެންނަލެއް މާރީތިހެން އޭނާގެ ލޯ ބުނަމުން ދިޔައެވެ. އެ ދެލޮލުގެ ވިދުވަރު ވަރަށް ވެސް އުޖާލާއެވެ. މިހާރު ޒީނާ ލައިގެން އެހުރީ ފިރިހެނެއްގެ ގަމީހެއް ހެން ހީވެސް ނުވެއެވެ. ގަމީހުގެ ތިރިން އުނަގަނޑާ ހަމައިން ވަނީ ބެލްޓަކުން ބަނދެލާފައެވެ. އެހެން ހެދުމުން މިހާރު ޝާފީގެ އެ ރީތި މަޑު ފިޔާ ތޮށި ގަމީސް ފެންނަމުން ދިޔައީ އަންހެން ހެދުމެއްގެ ގޮތުގައެވެ.

"ކާރު އޮންނާނެ މި ގޭ ކުރިމަތީގަ. މި އޮތީ ތަޅުދަނޑި." ޝާފީ ދިއްކޮށްލި ތަޅުދަނޑީގައި ހިފަން އަތް ޖައްސާލިގޮތުން ޒީނާގެ އެ މަޑު އަތްތިލައިގައި ކޮންމެވެސް ވަރަކަށް ބީހިލިއެވެ.

"މި އޮތީ އަޅުގަނޑުގެ އެޑްރެސް. މި ކާޑުން އަޅުގަނޑުގެ ހުރިހައި މަޢުލޫމާތެއް ލިބޭނެ...." ޒީނާ ދިއްކޮށްލި އެޑްރެސް ކާޑުގައި ޝާފީ ހިފިއެވެ. އަދި ޒީނާއަށް ބަލަހައްޓައިގެން ހުރީ ކަޅިވެސް ޖަހާނުލައެވެ. ޒީނާ ގެއިން ނިކުމެގެން ގޮސް ކާރަށް އަރަންދެން ވެސް ޝާފީ އެ ބެލުމުގައި ހުއްޓެވެ. އެ ބެލުމުގައިވަނީ ލޯތްބެވެ. ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައި އުފެދުނު ލޯތްބެކެވެ.

(ނުނިމޭ)