ދުނިޔޭގެ ވިޔަފާރި ޖަމުއިއްޔާ ޑަބްލިއު ޓީއޯ އިސްލާހު ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާއާއި ޖަރުމަނުވިލާތުން އެއްބަސްވެއްޖެއެވެ. ދެ ގައުމުން ވަނީ ދުނިޔޭގެ ވިޔަފާރި ޖަމްޢިއްޔާގައި ވިޔަފާރީގެ ދެބަސްވުމުގެ މައްސަލަތައް ހައްލު ކުރުމަށް އޮންނަ އިސްތިއުނާފު އިދާރާގެ ދެ ފަންތީގެ މުސްތަޤިއްލުކަން ދެމެހެއްޓުމުގެ މަޤްޞަދުގައި ޑަބްލިއު.ޓީ.އޯ އިޞްލާޙުކުރުމަށް މަސައްކަތް ފަށާފައެވެ. އިންޑިއާގެ ބޮޑު ވަޒިރު ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅުގައި ޑަބްލިއުޓީއޯއާ ގުޅޭ އެހެން ކަންކަމާ މެދުވެސް މަޝްވަރާ ކުރެއްވިއެވެ. އޭގެ ތެރޭގައި ވިލާތު އިއްތިހާދާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާ ލުމަށާއި، ދެ ފަރާތުގެ ވިޔަފާރި ވެރިންގެ އިންވެސްޓްމަންޓްތައް ހިމާޔަތް ކުރުމާ ބެހޭ އެގްރީމަންޓަކާއި، ވަކި ޚާއްސަ ޖިއޮގްރަފިކަލް ސަރަހައްދުތަކުގައި އުފައްދާ އުފެއްދުންތައް ފާހަގަ ޖެހުމާ ބެހޭ އެއްބަސްވުންތައް ޔޫރަޕިއަން ޔޫނިއަންއާއި އިންޑިއާއާ އެކު މަޝްވަރާ ކުރާ އިރު ޖަރުމަނުން ތާއީދު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އިންޑިއާއާއި ޖަރުމަނުން ވަނީ ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމަށް ވެސް އެއްބަސްވެފައެވެ. ޑަބްލިއުޓީއޯ އިސްލާހު ކުރުމާ ބެހެ ގޮތުން ކުރެވުނު މަޝްވަރާގައި އެއީ މަލްޓިލޭޓަރަލް ޓްރޭޑިންގ ނިޒާމުގެ މައި މަރުކަޒަށްވެފައި، ތަރައްޤީވަމުން އަންނަ ޤައުމުތައް ދުނިޔޭގެ ވިޔަފާރީގެ ނިޒާމުގެ ތެރެއަށް ވަނުމުގެ އަސާސަކީ ޑަބްލިއުޓީއޯ ކަމުން، އެޖަމުއިއްޔާ ހަރުދަނާ ކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ. ޑަބްލިއުޓީއީގެ އިސްތިއުނާފީ އިދާރާގެ މަސައްކަތް ވަނީ ހުއްޓިފައެވެ. އިސްތިއުނާފު ކުރާ އިދާރާއަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އިދާރާއެކެވެ. އެންމެ ފަހުން އޮތް އިސްތިއުނާފު އިދާރާގެ މެންބަރުގެ ދައުރު ހަމަވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.