ފުވައްމުލައް ސިޓީގައި ޑައިވިންގ އަށް ފޭބި މުހައްމަދު ސައީދު (ސައިޓޭ) ގެއްލުނު ސަރަހައްދުގެ 68 މީޓަރު އަޑިން ޑައިވް ބެލްޓެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ފުވައްމުލަކު ބޭރުން ގެއްލުނު ޑައިވަރު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިއަދު ހަތަރު ޑައިވެއް ނިންމާލާފައިވާ ކަމަށެވެ.

"މިއަދު ކުރެވުނު ޑައިވްއެއްގައި އެ ސަރަހައްދުގެ 68 މީޓަރު އަޑިން ޑައިވް ބެލްޓެއް ވަނީ ފެނިފައި". އެމްއެންޑީއެފުން ބުނެ އެވެ.

މީގެ ކުރިން ކޯސްޓްގާޑް ޑައިވަރުން އެ ސަރަހައްދު ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު އަޑިން އޭނާ މަސްހިފުމަށް ބޭނުންކުރި ކަމަށް ލަފާކުރެވޭ އާލާތެއް ވެސް ފެނިފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ސައީދު ހޯދުމިގެ އޮޕަރޭޝަނަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ހިންގަމުންދާ މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އޭނާއާ އެއްވެސް ޚަބަރެއްވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް ވެސް އެދިފަ އެވެ. އަދި ސައީދާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައިދޭން ވެސް އެދިފައިވެ އެވެ.