އެފްރިކާއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ސްޓޭޖުގައި 14 ލަނޑު ޖަހައިގެން ޗެލްސީ އާއި އައިވަރީކޯސްޓުގެ ކުރީގެ އެއްވަނަ ފޯވާޑް ޑިޑިއެ ޑްރޮގްބާ ދަހަމައްޓަމުން ދިޔަ ރެކޯޑް ލިވަޕޫލްއަށް ކުޅެމުން އަންނަ ސެނަގާލްގެ ހުނަރުވެރި ވިންގަރ ސާޑިއޯ މާނޭ ރޭ މުގުރާލައިފިއެވެ.
ޑްރޮގްބާގެ ރެކޯޑް މާނޭ މުގުރާލީ ޗެމްޕިއަންސް ލީގް ސެމީފައިނަލުގެ ދެވަނަ ލެގުގައި ރޭ ވިޔަރެއާލް އަތުން ފަހަތުން އަރައި 3-2 އިން ލިވަޕޫލް މޮޅުވި މެޗުގައި ލަނޑު ޖަހައިގެންނެވެ. މާނޭ ކާމިޔާބު ކުރީ ތިންވަނަ ލަނޑެވެ. މިއާއެކު އޭނާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ސްޓޭޖުގައި ކާމިޔާބު ކުރި ލަނޑުގެ އަދަދު 15 އަށް އެރީއެވެ.
މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން މާނޭގެ ރެކޯޑް މުގުރާލުމާއި އެންމެ ކައިރީގައި ހުރި ކުޅުންތެރިޔަކީ އޭނާއެކު ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހެވެ. ޗެމްޕިއަންސް ނޮކައުޓް ސްޓޭޖުގައި މިހާތަނަށް 11 ލަނޑު ކާމިޔާބު ކޮށްފައިވާ ސަލާހަކީ އެފްރިކާއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ޗެމްޕިއަންސް ލީގް ނޮކައުޓް ސްޓޭޖުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.
2017-18 ސީޒަނުން ފެށިގެން ޗެމްޕިއަންސް ލީގް ނޮކައުޓް ސްޓޭޖުގައި މާނޭއަށްވުރެ ގިނަ ލަނޑު ކާމިޔާބު ކޮށްފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ނުރައްކާތެރި ފޯވާޑް އަދި ކެޕްޓަން ކަރީމް ބެންޒެމާ (16 ލަނޑު) އެވެ.