ރޭގައި ހިނގާ މިދިޔަ އެއްވެސް ކަމެއް މުއްސަނދި ޒާހިދަކަށް އެނގިފައެއް ނެތެވެ. އަދި ޒީނާ ގެއަށް ނާންނަ ކަމެއް ވެސް އެދެމަފިރިންނަށް ނޭނގޭ ކަހަލައެވެ. އެދެމަފިރިން އެއްވެސް އިރެއްގައި ޒީނާ އަންނަންދެން ހޭލައެއް ނުތިބޭނެއެވެ. އެއީ ޒީނާ ވެސް ބޭނުންވާ ގޮތެއްނޫނެވެ. ޒީނާއަށް އަބަދުވެސް މައިންބަފައިންގެ އިތުބާރާއި ޔަޤީންކަން އޮވެއެވެ. އެހެންކަމުން ޒީނާ އެހާ ފަސް ގަޑިއެއްގައި ގެއަށް އަންނައިރު ޒާހިދުގެ ދެމަފިރި ކަނބަލުން ގިނަ ރޭރޭ ތިއްބަވާނީ ނިދިކުރައްވާފައެވެ.
ދުވަހު ނޫސް "ޝާޢަތް" ހުޅުވާލުމާއެކު ޒާހިދުގެ ލޯ މުދުނަށް އަރައިގެންދިޔައެވެ. މޫނުމަތި ޞަފުޙާގައި އެވާ ޚަބަރުން ގައިން ހީބިހި ނަގައިގެންދިޔައެވެ. ޒީނާގެ ފުރާނަ ސަލާމަތްވި ގޮތް އެނގުމާއެކު އޭނާއަށް އުފަލުންގޮސް ރޮވުނެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ފުރާނަ ސަލާމަތް ކޮށްދިން ނޫސްވެރިޔާއަށް ހިތާ ހިތުން ޝުކުރު ދެންނެވުނެވެ. އެ މީހަކާ މިވަގުތުން މި ވަގުތަށް ވެސް ބައްދަލުކުރަން އޭނާ ބޭނުންވެއެވެ. ނޫސް ސޯފާ މަތީގައި ބޭއްވުމަށްފަހު ޒާހިދު އޭނާގެ އަނބިމީހާއަށް ގޮވާލިއެވެ. އަދި ނޫހުގައިވާ ޚަބަރު އެއްސެވިންތޯ އަހާލުމާއެކު ނޫސް ދައްކާލިއެވެ. ވަދީފާގެ ލޯ ގޮސް ހުއްޓުނީ ނޫހުގައި ޖަހާފައިވާ އެ މީހުންގެ ދަރިފުޅު ޒީނާގެ ތަޞްވީރަށެވެ. އެއާއެކު ފޭރުނު ތިން މީހުންގެ ފޮޓޯއަށެވެ. ފޮޓޯއަށް ބަލަހައްޓައިގެން ހުއްޓާ ގެއަށް އައިސް ވަން ޒީނާ ފެނުމުން އެމީހުންނަށް ކުއްލި ޙައިރާންކަމެއް ލިބިގެންދިޔައެވެ.
ޒީނާގެ މޫނުމަތިން ފެންނަނީ ހާސް ކަމެވެ. ނުތަނަވަސްކަމެވެ. ރޭގައި ހިނގާދިޔަ ކަންތައްގަނޑުން އަދި އެއަސަރުތައް މުޅިން ނުފިލަނީއެވެ. ޒީނާ ލައިގެން ހުރި ހެދުން ފެނުމުން އެ ދެމަފިރިންނަށް ބެލެމުން ދިޔައީ ހެދުމަށެވެ. އެއީ ދުވަހަކު ވެސް ޒީނާ ލައި އުޅޭ ބާވަތެއްގެ ހެދުމެއްނޫނެވެ. އެހެންކަމުން ކަން މިވީގޮތް އެދެމަފިރިންނަކަށް ނޯޅުނެވެ. ވަދީފާއަށް ޒީނާ ގައިގައި ބައްދާލެވުނީ ވަރަށް ބާރަށެވެ. އެވަގުތު ޒީނާއަށް ރޮވުނެވެ.
"ކީއްވެ ރޭގައި ތި ދިމާވި ކަންތައްގަނޑު މަންމައާއި ބައްޕައަށް އަންގާނުލީ" ފުރަތަމަ ވެސް އެދެމަފިރިން ކުރީ ޝަކުވާއެކެވެ.
"އަންގާލެވޭވަރަށް ވުރެ އަޅުގަނޑުގެ ޙާލަތު ގޯސް. އެ މީހުން އުޅުނީ ފައިސާ ދަބަސް ފޭރިގަންނަން. އެ ޒުވާނާއާ ބައްދަލުނުވިނަމަ........އަޅުގަނޑުގެ ފުރާނަ........ދުއްވާލީސްކަން ޔަޤީން."
"އެއީ ކާކުކަން ދަރިފުޅަށް އެނގޭތަ؟ " ޒާހިދުގެ ސުވާލަށް ޒީނާ ބޯ ޖަހާލިއެވެ.
"އާނ!. އެއީ ޝާފީ ކިޔާ ނޫސްވެރިއެއް. އޭނާއާ ބައްދަލު ނުވިނަމަ ބައްޕައާއި މަންމައަށް އަޅުގަނޑު ދެނެއް ނުފެނުނީސް. އޭނާގެ ރައްކާތެރިކަން ނުލިބުނުނަމަ އަޅުގަނޑަށް ވާނެގޮތް ވިސްނާލާ. އަޅުގަނޑު ބިރުންގޮސް ހޭވެރިކަން ނެތުނު. ރޭގައި އަޅުގަނޑަށް ރައްކާތެރިކަންދީ ބެލެހެއްޓީ އޭނާ." ޒީނާ ރޭގެ ޙާދިސާ އެދެމަފިރިންނަށް އޮޅުންފިލުވައިދިނީ ވީހާ ވެސް ކުރު ގޮތަކަށެވެ.
"ﷲ އަށް ޝުކުރު ހުރި. ތީ ކޮންފަދަ މާތް އިންސާނެއް. އޭނާއަށް ބަރަކާތް ލައްވާށި!" ޒާހިދަށް ވެސް ޝުކުރު ދެންނެވުނީ ޝާފީގެ ކުޅަދާނަކަމާއި ހިތްވަރަށެވެ.
"ތިޔަ ފަދަ މީހަކު ކޮށްދިން އިޙުސާންތެރިކަމުގެ މަސައްކަތް އަގުވަޒަންކުރަންޖެހޭ. ބައްޕަ ބޭނުން އޭނަޔާ ބައްދަލުކޮށްލާ ޝުކުރު ދަންނަވަން. އެކަން ދަރިފުޅަށް ހަމަޖެއްސިދާނެތަ؟"
"އާދެ! އަޅުގަނޑު ތިކަން ހަމަޖައްސައިދޭނަން. އޭނާއަށް މި ގެއަށް އައުމަށް ދަޢުވަތު ދޭނަން." ޒީނާ ބައްޕައަށް ބަލާލުމަށްފަހު ހީލިއެވެ.
އެރޭގެ ޙާދިސާއަށްފަހު ޒީނާ ކޮންމެ ރެއަކު ވެސް ޝާފީއަށް ގުޅައެވެ. ޝާފީގެ އެ ހިތްގައިމު ކުޑަ އެޕާޓްމެންޓަށް ގޮސް އޭނާއާ ބައްދަލު ކުރެއެވެ. ޒީނާ ބައެއް ރޭރޭ ފިހާރައިގެ ކަންތައްތައް ނިންމާލުމަށް ފަހުގައި ވެސް ޝާފީއާއެކު ވަގުތު ހޭދަ ކުރެއެވެ. ޒީނާގެ ހިތުގައި އެރެއަށްފަހު އުފެދިފައިވަނީ ފުން ލޯތްބެކެވެ. ޝާފީގެ ހިތުގައިވެސް ރަނިކަން ކުރަމުންދަނީ ޒީނާގެ ލޯތްބެވެ. އެހެންނަމަވެސް އެކަކު އަނެކަކަށް އިސްނަގާތޯ ފަސް ޖެހެނީއެވެ. ބައެއް ފަހަރަށް ހަމަ ފާޅުގައި ޒީނާ ދެކެ ލޯބިވޭ ބުނަން ވެސް ޝާފީ ބޭނުންވެއެވެ. އެހެންނަމަވެސް ޒީނާގެ ހިތް ނޭނގޭތީ ފާޅުކުރަން ޖެހިލުންވަނީއެވެ. ޒީނާއަށްވާގޮތަކީ ޝާފީ އެކަން ފާޅުނުކުރާތީ އެ ދެމެދުގައިވާ ފާރު ފޫދުއްދާލަން ނުކެރެނީއެވެ. އެންމެފަހުން ޒީނާ އަމިއްލައަށް އެކަން އިސް ނެގިއެވެ. އޭނާގެ ހުރިހާ ޖަޒްބާތެއް ބަންޑުން ޖަހާލިއެވެ. މެސެޖަކުންނެވެ. ޝާފީގެ ފޯނުން ޒީނާގެ އެ މެސެޖު ފެނުމާއެކު އުފަލުން ގޮސް އެ ކިޔާލުމަށް އޭނާގެ ހުރިހާ ޙިއްސެއް އެއް ފަހަރާ ހުޅުވާލިއެވެ. އެލޯބި ލިޔުންކޮޅު ކިޔާލަން ފެއްޓުމުގެ ކުރިން އޭނާގެ ލޮލުގައިވާ އައިނު ހެޔޮވަރުކޮށްލިއެވެ.
"މި ހިތުގެ އުމުގުން ފުރި އުތުރިއަރާ ވަރުގަދަ ލޯތްބެއްގެ އޮއިވަރާ އެކުވެގެން އުފެދޭ އިޝްޤީ ޖަޒްބާތު އާދެ! ނިކަމެތި އަޅާގެ ލޯބި.......އޭގެ މަންޒިލް ކަނޑައްތުކޮށް ތިޔަ މާތް ގުލްޝަނަށް ވެދުންކޮށް ނުހަނު އިޚްލާޞްތެރި ހިތެއްގެ ރަޙުމާއި ހަމްދަރުދީއިން ފުރޭ މުޙައްބަތުގެ ބިންގާ ބަދަހިކޮށް މިއަޅާގެ ލޯބީގެ ފޮނިފޮނި ސަލާމްތައް މި ފޮނުވަނީ ދުނިޔޭގެ ވައިގެ މަޑުމަޑު ފިނިފިނި ރޯޅިތަކާ ޙަވާލުކޮށެވެ.
އަސްތާ! އެ ރެއަށްފަހު ކަލާގެ ޙިމާޔަތް ލިބުނު ހިނދުކޮޅަށްފަހު ތިޔަ ލޯބީގެ އަސަރުގައި އުފާ ޙާޞިލް ކުރެވޭތޯ ނިކަމެތި އަޅާ ކުރި އުއްމީދާއި ޢަޒުމުން ކުޑަވެސް ނަޞީބެއް ނުލިބުނެވެ. މިދެންނެވީ މި ވޭނުގައި އެއް ދުވަހުން އަނެއް ދުވަހަށް މިއަޅާގެ ޖިޝްމާއި ރޫޙު ފިސްފިސްވެ ވޭނީ ލޯބީގައި ނާކާމިޔާބު ވަމުންދިޔަ ވާހަކައެވެ. ވީމާ މިހިތަށް ތަސައްލީއެއް ދޭތޯ ހުރީމެވެ.
ކަލާ ދެކެ ލޯބިވާ
ޒީނާ "