ޔަހޫދީ ދައުލަތް ގާއިމް ކުރިތާ 74 ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މަސްޖިދުލްއަގްސާގައި ޔަހޫދީ ގައުމުގެ ދިދަ ނެގުމަށް އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ ޒަޔަނިސްޓް ވަޒަން ވެރިން ކުރި މަސައްކަތް ފަލަސްތީނު މީހުން ނާކާމިޔާބު ކޮށްފިއެވެ.
މަސްޖިދުލްއަގްސާގެ ދިފާއުގައި ފަލަސްތީނުގެ ޖަމާއަތްތަކުން ގޮވާލި ގޮވާލުމަށް އިޖާބަ ދިނުމުގެ ގޮތުން މެންދަމުން ފެށިގެން ފަލަސްތީނު މީހުން ތިބީ މަސްޖިދުލް އަގްސާގައެވެ.
ފަލަސްޠީނުގެ މެޑިކަލް މަސްދަރުތަކުން ބުނީ އަޤްޞާގެ މައިދާނުގައާއި، ކައިރި ހިސާބުގައި މިއަދު ހެނދުނުން ފެށިގެން ހިނގި ކުރިމަތިލުންތަކުގައި 12 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ފަލަސްޠީނުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން އަލްއަޤްޞާގެ ހަރިއްމަ ތެރޭން ގާތްގަނޑަކަށް ފަލަސްޠީނުގެ 50 ޒުވާނުން ހައްޔަރުކޮށްފައިވެއެވެ.
އިޒްރޭލުގެ ޔަހޫދީ ޓެރަރިސްޓް ޖަމާއަތްތަކުން ވަނީ މަސްޖިދުލްއަގްސާގެ ތެރޭގައި މިނިވަން ދުވަސް ފާހަގަކުރުމަށް ގޮވާލައި، އިސްރާއީލުގެ ދިދަތައް އުފުލައި، އިސްރާއީލުގެ ގައުމީ ސަލާމް އިއްވައި ހެދުމަށް ނިންމާފައެވެ.
ފަލަސްތީނު މީހުން ޔަހޫދީން އަލްއަގްސާއަށް ވެދިޔަ ނުދިނުމުން އިޒްރޭލުގެ ޕާލަމެންޓްގެ މެމްބަރަކު ބުނެފައި ވަނީ މަސްޖިދުލްއަގްސާގެ ހަރިއްމައިގައި ޔަހޫދީންނަށް ފައްޅިއެއް އެޅުމުގެ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ.
މަސްޖިދުލްއަގްސާގެ ވަގްފު އިދާރާއިން ބުނީ މެންދުރާ ހަމައަށް އިޒްރޭލުގެ ޒަޔަނިސްޓް ވަޒަންވެރިންގެ 792 މީހަކު މިސްކިތަށް ވަންނަން މަސައްކަތް ކުރި ކަމަށެވެ.
ފަލަސްތީނަށް ބިކަ ހާލުގައި ޔޫރަޕުން ވަން ފަގީރު ޔަހޫދީންނަށް ބޯހިޔާ ވަހިކަމާއި އުނުއަނުން ދީ ފަލަސްތީނު މީހުން އެހީތެރިވުމުން އެމީހުން ވަނީ ފަލަސްޠީނުގެ ތާރީޚީ ބިންތަކުގެ ބޮޑުބައެއް ހިފައި، 750،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން އެމީޙުންގެ އަމިއްލަ ގެއާއި ބިންތަކުން ބޭރުކޮށް ލާފައެވެ. އެއަށްފަހު ހަތިޔާރުއެޅި ޒަޔަނިސްޓް ޓެރަރިސްޓް ގޭންގުތަކުން ހަނގުރާމަކުރުމަށް ފަހު، 1948 ވަނަ އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހު އިޒްރޭލު ދައުލަތް އުފެއްދިއެވެ.
މސްޖިދުލްއަގްސާގެ އިމާމް ޝައިޚް އިކްރިމާ ސަބްރީ ވިދާޅުވީ އިސްރާއީލުގެ ދިދަތައް ޙަރަމް ތެރެއަށް ގެނައުމަށް ޒަޔަނިސްޓް ސެޓްލަރުން ރޭވި ރޭވުން ނާކާމިޔާބުވެފައިވާ ކަމަށެވެ.
އިސްލާމިކް ރެސިސްޓެންޓް މޫވްމަންޓް ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވިދާޅުވީ، އަލްއަޤްޞާގައި މިއަދު ހިނގާދިޔަ ކަންތައްތަކުން ކަށަވަރުކޮށްދެނީ، މި ހަނގުރާމައަކީ ވަކި ކަމެއްގެ މައްޗަށް ބިނާވެފައިވާ ހަނގުރާމައެއް ނޫން ކަމަށާ، މިއީ މުޅި ފަލަސްތީނުގެ ބިމުގައި ވަގުތެއް ނެތް ގޮތަށް ހިނގާ ހަނގުރާމައެއް ކަމަށެވެ.
އިސްލާމީ ޖިހާދާއި ފަތަޙަ ޖަމއަތުންވެސް ހަމާސް އެކޭ އެއްފަދައިން އަލްއަގްސާގެ ދިފާއުގައި މިއަދު ބައިވެރިވިއެވެ.