ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާއަށް މިއަދު އަހަރެއްވީ އިރުވެސް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރިއަތް ލަސްވުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

އެ މަޖިލީހުން މިހެން ބުނެފައިވަނީ އެ ހަމަލާއަށް އަހަރުވުމާއި ގުޅިގެން އެ އިދާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ 6 މޭ 2021 އަކީ ދިވެހިރާއްޖެއަށް ކުރިމަތިވި އަނދިރި، ނާމާން ދުވަހެއް ކަމަށެވެ 6 މޭ 2021 ވަނަ ދުވަހުގެ ރޭ ދިން އެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ، ހަމައެކަނި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އިންތިހާބުވި ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއެއް ނޫންކަމަށެވެ. އެ ހަމަލާއަކީ ދިވެހި ދައުލަތާއި މުޅި ދިވެހި މުޖްތަމައާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ. ގާނޫނުގެ ބާރާއި ދީމިގްރާތީ މުއައްސަސާތަަކށް ދިން ހަމަލާއެއްވެސް ކަމަށެވެ. ދިވެހިން ނަގާކޮށް ޖަހާފައިވާ މުޅި އިގްތިސާދަށްވެސް ލޮޅުން އައިސް، ދިވެހި ދައުލަތުގެ ރީތި ނަމާއި ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއާމެދު ދެކޭ ރީތި ގޮތާއި ތަސައްވުރު އެކީއެކަށް ބަދަލުވެދާނެފަދަ ނުރައްކާތެރި ހަމަލާއެއް ކަމަށެވެ. އެ ހަމަލާގެ ސަބަބުން މުޅި ދިވެހިރާއްޖޭގެ އަދި އަންނަންއޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލުއުފެދި ބިރުވެރިކަން ވަނީ އުފެދިފައި ކަމަށެވެ.

“އެ ހަމަލާއަށް މިއަދު އެއް އަހަރު ފުރިގެންދާއިރު، އެ ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ޝަރީއަތް ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޝަރީއަތް ނިމިފައިވަނީ އެންމެ ފަރާތެއްގެއެވެ. އަދި އެ ހަމަލާ ދިނުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ބާކީ ތިބި 8 ފަރާތުގެ ޝަރީއަތް ވަނީ އެކި ސަބަބުތަކާހުރެ ވަރަށްބޮޑަށް މަޑުޖެހިފައެވެ. ” ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ހަމަލާގެ ސަބަބުން އެމަނިކުފާނު މިނިވަންކަމާއެކު ދިރިއުޅުއްވައި އެއްތަނުން އަނެއްތަނަށް ވަޑައިގެންނެވުން ވަނީ ވަރަށްބޮޑަށް ހިފެހެއްޓިފައި ކަމަށާއި އެ ހަމަލާއިން އިންސާފު ލިބިވަޑައިނުގަންނަވާހާ ހިނދަކު، އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުގައި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ހައްގުވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައި ކަމަށެވެ.

އެހެންކަމުން، އެ ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މާލީ ވެރިންނާއި، އެހެނިހެން ފަރާތްތަކުގެ މައްސަލަ ތަހްގީގުކުރުމުގެ މުހިންމުކަން މިހިނދުގައި ފާހަގަކުރާކަމަށާއި ދިވެހިރާއްޖޭގެ ޓެރަރިސްޓް ހަމަލާތައް ދެވޭ މިންވަރު އިތުރުވަމުން އައިސް، ރައީސް ނަޝީދަށް އަމާޒުކޮށް ދިން އެ ހަމަލާއަކީ، ފަހުގެ ތާރީހެއްގައި އެފަދައިން ދިން އެންމެ ބޮޑު ހަމަލާާކަމަށާއި އެފަދަ ހުރިހާ ހަމަލާތަކެއް ތަހްގީގުކޮށް، ޝަރީއަތް ހިންގައި، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ މި ގައުމުގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަމެއްކަންވެސް ފާހަގަކުރާކަމުގައި މަޖިލީހުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

“މިއަދަކީ އެފަދަ ނުރައްކާތަކާމެދު ސަމާލުވެ ތިބުމުގެ މުހިންމުކަން ހަނދާންކުރަންޖެހޭ ދުވަހެކެވެ. މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންނަމަ އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި އެއްބައިވަންތަކަމާއި ސާބިތުކަމާއެކު ދިމިތިބުން މުހިންމެވެ.” މަޖިލީހުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ނުރައްކާތެރި ހަަމަލާއިން ލިބިވަޑައިގެންނެވި ޒަހަމްފުޅުތަކުން ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްކޮށްދެއްވި ކަމަށްޓަކައި ގަދަކީރިތިވަންތަ މާތްﷲ ސުބްހާނަހޫ ވަތައާލާއަށް ހަމްދާއި ޝުކުރުދަންނަވާކަމަށާއި އަދި އެ އުނދަގޫ ވަގުތުގައި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެޔޮދުއާ ކޮށްދެއްވި އެހެންމެހައި ފަރާތްތަކަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.