ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މީހަކަށް ދައުވާ ކޮށްފިއެވެ.

ޕީޖީ އޮފީހުން މިމައްސަލައިގައި ދައުވާ ކޮށްފައިވަނީ ނ. މިލަދޫ، ފަތަގުމާގެ، އަބްދުﷲ ޝުހާދު އަހުމަދުގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ނ. މިލަދޫ، ފަތަގުމާގެ، އަބްދުﷲ ޝުހާދު އަހުމަދު 18 ފެބުރުވަރީ 2022 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މިލަދޫ، މާގަސްދޮށުގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.

މި މައްސަލައިގައި އަބްދުﷲ ޝުހާދު އަހުމަދުގެ މައްޗަށް މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ 06 އެޕްރީލް 2022 ދުވަހު ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މިމައްސަލައިގައި ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވެސް އާންމުވިއެވެ.