ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި މަހުގެ 6ވަނަ ދުވަހު ދިން ޙަމަލާއާ ގުޅުވައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރާ އެމްޑީޕީގެ މެމްބަރުންނަށް ރައީސް ނަޝީދު ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފިއެވެ.

ވަރަށްބޮޑަށް ޚިޔާޔު ތަފާތުވެ، "ދެބައިވެފައި"ވާ އެމްޑީޕީގެ ރައީސް ޞާލިޙަށް ތާޢީދުކުރާ މެމްބަރުންނަށް ނަޝީދު މިތުހުމަތު ކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕަށް މިރޭ ފޮނުވި މެސެޖެއްގައެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ ކަންކަން ފޮރުވުމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) މަސައްކަތް ކުރައްވާފައިވާކަމަށެވެ.

"ހުސެއިން އަމިއްލައަތަށް ބަލާލާ. ތިބޭފުޅާ އަތުގައި ވަނީ އަޅުގަނޑުގެ ލޭ. ތިޔަ ބޭފުޅުންގެ އަތުގައި މިހާރު ކޭއްތިފައި ތިވަނީ އަޅުގަނޑުގެ ލޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އަވަހަރާކޮށްލަން މާލޭގައި ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން އެ މަނިކުފާނަށް އަދިވެސް އިންސާފު ނުލިބޭކަމަށް ބުނެ އާއިލާއިންވަނީ ދާދިފަހުން ކަންބޮޑުވުން ފާޅުކޮށްފައެވެ. މިޙަމަލާއަށް އަހަރެއްވުމާ ގުޅިގެން ރައީސް ނަޝީދުގެ އާއިލާ އިން ނެރުނު ބަޔާނެއްގައިވަނީ މިހަމަލާއަށް އެއް އަހަރު ފުރުނު ހިނދުވެސް އެ މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީއަތްތައް ދިގުލައިގެން ދާތީ ކަންބޮޑުވާކަމަށެވެ. އަދި ހަމަލާ ދިނުމުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކޮށް ދައުވާ ކުރި ނަމަވެސް ހަމަލާގެ ކުރީގެ ސަފުގައި ފެނިލި މީހުންގެ ފުރަގަހުގައި ތިބި ފަސް ހަނގުރާމަވެރިންނާ މެދު ދައުލަތުގެ އިދާރާތަކުން އަހަންމިއްޔަތު ކަމެއް ދީފައި ނުވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށްވެސް މިބަޔާނުގައި ވެއެވެ. އެގޮތަށް ދިމާވީ މައްސަލައާއި ގުޅޭ ގުޅުންތައް ތަނަވަސް ގޮތެއްގައި ތަހުގީގުކޮށްފައި ނެތުމުން ކަމަށް އާއިލާ އިން ގަބޫލުކުރެއެވެ.

ނަޝީދަށް ދިން ޙަމަލާގައި ސަރުކާރުގެ އިހުމާލުވާކަމަށް ނުރަސްމީކޮށް ނަޝީދުގެ ޢާއިލާއިން ތުހުމަތުކުރެއެވެ.