މިހާރު ސަރުކާރުންވަނީ މުވައްޒަފުންގެ މުސާރަ ހަމަމަގަށް އަޅުވައި ރަނގަޅުކުރުމަސްޓަކައި "ޕޭ ހާމަނައިޒޭޝަން"ގެ މަސައްކަތް ފަށާފައިކަމަށާ، މިކަން ނިމޭއިރު ޔުނިވަރސިޓީތަކުގެ ލެކްޗަރާއިންވެސް ހިމެނޭހެން ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރައަށް ރަނގަޅު ކުރިއެރުންތަކެއް އަންނާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ މުޅި ދަޢުލަތުގެ ޕޭ ހާމަނައިޒްކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބޭނުންފުޅުވާގޮތްކަމަށެވެ. އެހެންކަމުން މިހާރު އެމަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ދާދިފަހުން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވީ އެމަސައްކަތުގެ ދަށުންކަމަށާ، އެހެންނަމަވެސް ހުރިހާ ދާއިރާތަކެއްގެ މުސާރަތަކުގެ މަސައްކަތްވެސް ކުރިޔަށްދާކަމަށެވެ.

މީގެ އިތުރުން އެއްހަމަ ޕޭ ފްރޭމްވަރކެއް ހެދުމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މަސައްކަތްކަމަށާ، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފެށުމާ ގުޅިގެން މިހާތަނަށް މުސާރައާއި ޢިނާޔަތް ދެމުންދިޔަގޮތަށް ބަދަލުތަކެއް ގެނެވޭނެކަމަށްވެސް އެބަޔާނުގައިވެއެވެ.

ޓީޗަރުންގެ މުސާރަބޮޑުކުރުމަކީ އަދި މިމަސައްކަތް ނުމުން ނޫންކަމަށާ، ކަނޑައެޅިފައިވާ ޕްރޮސެސްގެ ތެރެއިން މަސައްކަތްތައް ފުރިހަމަކޮށް ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރަތަކަށްވެސް އެދެވޭ ހެޔޮ ބަދަލު އަންނާނެކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.