ކުޑަކުދިންނަކީ މުސްތަގުބަލު ކަމަށާއި، އެ ކުދިންނަށް ރައްކާތެރިކަން ދީ އަޅާލަން ޖެހޭ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ވިދާޅުވީ ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު ކޮންމެ ކުއްޖަކަށް ވެސް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަހަރެމެންނަށް ކުރެވެން ހުރި ކޮންމެ ކަމެއްވެސް ކުރަންވާނެ ކަމަށެވެ. ކުޑަކުދިން ހެދި ބޮޑުވުމަށް ލޯތްބާއި އަޅާލުމުގެ މާހައުލެއް ހޯދައިދިނުމަށްވެސް ރައީސް ސޯލިހް އެދިވަޑައިގެންފައިވެ އެވެ. "ކުޑަކުދިންނަކީ އަހަރެމެންގެ މުސްތަގުބަލް. އެ ކުދިންނަށް އަޅާލުމާއި ރައްކާތެރިކަން އަހަރެމެން ދޭންވާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލުތަކާއި ޕްރީ ސްކޫލުތަކުގައި މިއަދު ގެންދަނީ ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.