ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ މެމްބަރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އައްޔަނު ކުރައްވައިފިއެވެ.

ފަނޑިޔާރު ނިޔާޒަށް ޖޭއެސްސީ މެމްބަރުކަމުގެ ލިޔުން އެރުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ފަނޑިޔާރު ނިޔާޒަށް ޖޭއެސްސީ މެމްބަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ޖޭއެސްސީއަށް ފަނޑިޔާރު ނިޔާޒު އައްޔަނުކޮށްފައިވަނީ ޖޭއެސްސީގައި ހައިކޯޓުގެ ފަރާތުން އިންނެވި ފަނޑިޔާރު އަލީ ސަމީރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ފަނޑިޔާރު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.