ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، ޑީ.ކެޓަގަރީގައި ހިމެނޭ 32 ފްލެޓް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައިފިއެވެ.

މި 32 ފްލެޓަކީ، ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓުގެ ތެރެއިން ކުރިން، ވިއްކާ ގޮތަށް ބެހެއްޓި 32 ފްލެޓެވެ. ސޯޝަލް ހައުސިންގ ސްކީމްގެދަށުން ކުރިން ވެސް ހައުސިންގ ޔުނިޓް ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް މި 32 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލީ ހިތަދޫ ރައްޔިތުންނާއި ހިތަދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މަރަދޫ، މަރަދޫފޭދޫ، ފޭދޫ ރައްޔިތުންނަށެވެ.

މި ފްލެޓްތަކަށް އިއުލާން ކުރުމުން ފްލެޓަށް އެދި ފޯމު ހުށަހެޅީ 835 ފަރާތަކުންނެވެ. ޝަރުތުހަމަވީ 732 ފަރާތެކެވެ. މި 732 ފަރާތުގެ ތެރެއިން 48 ޕޮއިންޓުން މަތިން މާކްސް ލިބިގެން 19 ފަރާތެއް ވަނީ ގުރުއަތަކާ ނުލައި ފްލެޓް ލިބިފައެވެ. 48 ޕޮއިންޓް ލިބިގެން ޕޮއިންޓްގެ ގޮތުން އެއްވަރުވި 19 ފަރާތުގެ ތެރެއިން 13 ފަރާތް ހޮވީ ގުރުއަތުންނެވެ.