ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހޯދަމުންދާ މުހައްމަދު ބިޝާރު ފުލުހުންނަށް ފިލައިގެން ގދ. ކޮލަމާފުށީގައި ހުއްޓާ ހައްޔަރުކޮށްފިއެވެ.

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން މުހައްމަދު ބިޝާރު ބަންދުކޮށްފައި ވަނިކޮށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްފައިވަނިކޮށް، އޭނާ އަލުން ހައްޔަރުކުރުމަށް ކޯޓުންކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދާކަން ފުލުހުން މިއަދު ވަނީ އާންމުކޮށްފައެވެ.

ފުލުހުން ދެންމެ ބުނީ މުޙައްމަދު ބިޝާރު އިސްމާޢީލް ހައްޔަރުކޮށްފައިވަނީ މިއަދު 15:33 އެހާކަންހާއިރު ގއ. ކޮލަމާފުށިން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަށް އާ ހާވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.

އޭނާގެ މައްޗަށް ވަނީ، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ދެ ދައުވާ އުފުލާފައެވެ. ދައުލަތުން އެންމެ ފުރަތަމަ ދައުވާތައް ހުށަހެޅި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި އެވެ. އެކަމަކު އޭނާ މާލޭ ޖަލުގައި ހުރުމާއި ގުޅިގެން މައްސަލަ އޮންލައިންކޮށް ކުރިއަށްގެންދަން ޖެހޭތީ އެމައްސަލަ ކްރިމިނަލް ކޯޓަށް ބަދަލުކޮށްދިނުމަށް އޭނާގެ ފަރާތުން އެދުނެވެ. އެހެންކަމުން އެ މައްސަލަ އަލުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެ ކޯޓުން ފޮނުވައިލުމަށްފަހު އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުން އަމުރުކުރި އެވެ.

ދައުލަތުން ފަހުން ވަނީ އެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. ބިޝާރުގެ ފަރާތުން އަނިޔާ ލިބުނު ކުއްޖާއަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާތީ މައްސަލަ އަވަސް ކޮށްދިނުމަށްވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުނެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި އެވެ.

އޭގެ ފަހުން ބަންދު މުރާޖާ ކުރި މަޖިލީހެއްގައި ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލަން އަމުރުކުރުމުން އޭނާ އަނެއްކާ ވެސް މިނިވަންވި އެވެ. ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކަކާއެކީ އެވެ.

އެ ނިންމުމާ ހިތްހަމަނުޖެހެގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން ނިންމާފައި ވަނީ އޭނާ ބަންދުން ދޫކޮށްލަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. ހައިކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.