އެޗްޑީސީގެ ނަމުގައި މީހުނަށް ގުޅައިގެން ފުލެޓް ލިބުނުކަމަށްބުނެ، މަކަރާހީލަތުން މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ހުށަހަޅަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސް އިން ބުނެފިއެވެ.

މިއަދު މޯލްޑިވްސް ޕޮލިސްސާވިސަސް އިން ހާމަކުރިގޮތުގައި މިގޮތަށް ގުޅާމީހުން އެމީހަކަށް މިހާރު ޕޮއިންޓު ލިބިފާވާވަރު ބުނެދެއެވެ. އަދި ފުލެޓް ޔަޤީންކުރުމަށް ޕޮއިންޓު މަދުވާކަމަށް ބުނެ، އަލުން ބެލުމަށްޓަކައި އީމެއިލް އެޑްރެސް ދިނުމަށް އެދެއެވެ. އަދި އީމެއިލް އަށް އެޗްޑީސީގެ ނަމުގައި ލިސްޓެއް ފޮނުވައެވެ. އެއަށްފަހު އޮޅުވާލައިގެން، ލިސްޓުގައި ޕޮއިންޓު ހިމެނުމަށްކަމަށްބުނެ އީމެއިލްއަށް ވަންނަން ބޭނުންވާކަމަށް ގުޅާ މީހާ ބުނެއެވެ.

އީމެއިލް އަށްވަދެވުމުން އެކައުންޓުގައި ހުންނަ ފައިސާ އެމީހުންގެ އެކައުންޓުތަކަށް ފޮނުވާކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރިއެވެ.

އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި، އީމެއިލްއާއި ޒާތީ އެއްވެސް މައުލޫމާތެއް ހާމަ ނުކުރުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކުރެއެވެ.