މަސްތުވާތަކެއްޗާދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަން ތަކެއްގައި ރާއްޖޭގެ 3 ރަށަކުން 3 މީހުން ހައްޔަރުކޮށްފިކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއްވިއެވެ.

މި މަސައްކަތުގެ ރެރެއިން ހއ. ދިއްދޫއާއި ނ. ހޮޅުދޫ އަދި އައްޑޫސިޓީ ފޭދޫގައި ހިންގި އޮޕަރޭޝަންތަކުގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއްވީ މިއަދުއެވެ.

ފުލުހުން ހއ ދިއްދޫގައި މިއަދު ހިންގި އޮޕަރޭޝަނަކީ އެރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުންގެ އިދާރާއިން ބުނުއްވިއެވެ. މި އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދުން 28 އަހަރުގެ ފިރިހެނަކު ބަލާ ފާސްކުރިއިރު ފޮށިގަނޑެއްގެތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ.

ނ ހޮޅުދޫގައި އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވިއެވެ. އޭނާ ހައްޔަރުކުރީ އެރަށު މަގުމަތިން ހުއްޓުވައި ބަލާ ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ހުރި 13 ކަރުދާސްކޮޅު ފެނިގެނެވެ.

އައްޑޫސިޓީ ފޭދޫއިން 19 އަހަރުގެ ދިވެހި ފިރެހެނަކު ހައްޔަރުކުރީ އެރަށުގައި މަސްތުވާތަކެތި ވިއްކާކަމުގެ މައުލޫމާތު ލިބިގެން އިއްޔެ ގަން ޕޮލިސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމުގައި ފުލުހުންގެ އިދާރާއިން މައުލޫމާތުދެއްވިއެވެ. އޭނާ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 20 ރަބަރު ޕެކެޓު ފެނިފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ.

މިހާރު މި ހުރިހާމައްސަލަތަކެއްވެސް ފުލުހުންގެ އިދާރާއިން ތަހުގީގު ކުރައްވަމުން ންދާކަަމަށް މައުލޫމާތުދެއްވިއެވެ.