ކުޅިވަރު ކުޅުންތެރިންގެ ތެރެއިން ފާއިތުވެދިޔަ ބާރަ މަސްތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދީ ޕީއެސްޖީ އާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކަން ފޯބްސްއިން މިއަދު ހާމަކުރި މައުލޫމާތުތަކުން ދައްކައިފިއެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން، މުސާރަވެސް ކުޑަކޮށްގެން ޕީއެސްޖީއާއި މިދިޔަ ޖުލައި މަހު ގުޅުނު މެސީއަށް މިދިޔަ ބާރަ މަސް ތެރޭގައި 107 މިލިޔަން ޕައުންޑް އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް ފޯބްސްއިން ހާމަކުރި މައުލޫމާތު ތަކުން ދައްކައެވެ. އާންމުކޮށް މިލިސްޓުގެ އެއްވަނައިގައި އޮންނަ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރޮން ޖޭމްސްއަށް ފާއިތުވެދިޔަ ބާރަ މަސްތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނީ 99 މިލިޔަން ޕައުންޑެވެ. މެސީގެ ފަހަތުން އޭނާ އޮތީ މިލިސްޓުގެ ދެވަނައިގައެވެ. މެސީ އާއި ވާދަވެރި، ޕޯޗުގަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޮތީ މިލިސްޓުގެ ތިންވަނައިގައެވެ. ރޮނާލްޑޯއަށް ފާއިތުވެދިޔަ ބާރަ މަސްތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނީ 94 މިލިޔަން ޕައުންޑެވެ.

މެސީގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެންޑޯސްމަންޓްތަކެވެ. އެންޑޯސްމަންޓަކުން މެސީއަށް 45 މިލިޔަން ޕައުންޑް މިދިޔަ ބާރަ މަސްތެރޭގައި ލިބުނެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ޓުއަރިޒަމް އެމްބެސެޑާގެ ގޮތުގައި މެސީ ހަމަޖެއްސުމުން ލިބުނު އާމްދަނީ ބޮޑު ދައުރެއް އަދާކުރާމަށް ރިޕޯޓުތައް ބުނެއެވެ.