ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް ޝައިހް ޚަލީފާ ބިން ޒައިދު އާލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހްގެ ނިންމެވުމާ ގުޅިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ހުންނާނީ ބައިދަނޑިއަށް ތިރިކުރެވިފައި ކަމަށެވެ. ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހް މިއަދު ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ޔޫއޭއީގެ ޝާހީ އާއިލާއާއި ޔޫއޭއީގެ ރައްޔިތުންނަށް ތައުޒިޔާ ވެސް ވިދާޅުވެފަ އެވެ.ރައީސް ސޯލިހް ވިދާޅުވީ ޝައިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަކީ ދުރުވިސްނިވަޑައިގަންނަވާ ހަރުދަނާ ޝަހްސިއްޔަތެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.ޔޫއޭއީގެ ރައީސް މިއަދު އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އުމުރުފުޅުން 73 އަހަރުގަ އެވެ.ޝައިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާންގެ ބައްޕާފުޅު އަދި ޔޫއޭއީގެ ފުރަތަމަ ރައީސް ޝައިހް ޒައިދް ބިން އަލް ސުލްތާން އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން ޝައިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާން ޔޫއޭއީގެ ރައީސް ކަމާ ހަވާލުވެވަޑައިގަތީ 2004 ވަނަ އަހަރު އެވެ.