ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ އަށް ބިރުދައްކައިގެން، ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލުޔެއް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ އިމްރާނަކީ ރައްޔިތުންގެ ފިކުރާއި ވިންދު ވަރަށް ބޮޑަށް އެނގިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ސިޔާސީ ފަރާތްތަކަށް ދެމުންދިޔަ އަނިޔާ ނިމުމަަަކަށް ގެނައުމުގައި މި ސަރުކާރުން އަދާކުރާ މަސައްކަތުގައި އިމްރާނުގެ ދައުރަކީ ކުޑަ ދައުރެއް ނޫންކަމަށެވެ.
އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރަނީ މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އޭނާ އަށް ބިރު ދެއްކުމުގެ ގޮތުން ކަމުގައެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވަމުން މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ސިޔާސީ ފިއްތުމަކާ ހެދި ޖަލުގައި ހުރި ގައިދީއަކު މިނިވަން ނުކުރާނެ ކަމަށެވެ.
ޕީޕީއެމް، ޕީއެންސީއަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ "ﷲގެ ވާގިފުޅާއެކު، އަނިޔާވެރިކަމާއި ބޭއިންސާފާއި ކޮރަޕްޝަންއާއި ފަސާދައިގެ ވަކިތަކުން އަދުލުއިންސާފު ގާއިމްކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރު، ކުޑަ ކަކޫ މައްޗަށް ތިރި ކުރި ދުވަސް މާޒީވެ ހިނގައްޖެ ކަމަށެވެ.