މިސިޒަނަށްފަހު ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާ އެކްލަބަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހުނަރުވެރި ވިންގަރ ޕައުލޯ ޑައިބަލާ ބުނެފިއެވެ.
2015 ވަނަ އަހަރުން ފެށިގެން ޔުވެންޓަސްއަށް ކުޅެމުން އަންނަ ޑައިބަލާ ބުނީ ޔުވެންޓަސް ދޫކޮށްލަން ނިންމަން ޖެހުނު ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި އެކަމަކު މިއީ ކެރިޔަރަށް މުހިއްމު ނިންމުމެއް ކަމަށެވެ.
ޑައިބަލާ އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ސަޕޯޓަރުންނާއި ހިއްސާކުރި އަސަރުގަދަ ވަދާއީ މެސެޖުގައި ބުނެފައި ވަނީ ކުޅުންތެރިއެއްގެ ގޮތުގަޔާއި އާންމު ފަރުދެއްގެ ގޮތުގައި ގިނަ ކުރިއެރުންތަކެެއް ލިބި ގިނަ ކަންތައްތަކެއް ދަސްވެގެންދިޔައީ ޔުވެންޓަސްގައި ކަމަށެވެ. އަދި މުޅި ކެރިޔަރު ޔުވެންޓަސްގައި ހޭދަކުރަން ބޭނުންވި ކަމަށާއި އެކަމަކު ތަގްދީރު ދެއްކީ އެހެން މަގެއް ކަމަށެވެ.
ޑައިބަލާ،28، އަކީ މިސީޒަނަށްފަހު ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާކަން އިއުލާން ކުރި ދެވަނަ ކުޅުންތެރިޔާއެވެ. އަނެއް ކުޅުންތެރިޔަކީ ތަޖުރިބާކާރު ޑިފެންޑަރު ޗިއެލިނީއެވެ.
ޑައިބަލާ ގެންދަން ޝައުގުވެރިވާ ކްލަބުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އިނގިރޭސި ޕްރިމިއަރ ލީގުގެ އާސެނަލް އާއި ޓޮޓެންހަމްއެވެ. މީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑުގެ ޝައުގުވެރިކަންވެސް އޭނާއަށް ހުރި ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން ޑައިބަލާ ކުރިއަށް އޮތް ސީޒަނުގައި ފެނުމުގެ ފުރުސަތު އެންމެ ބޮޑީ ފްރާންސްގެ ޕީއެސްޖީއިންނެވެ. އެއީ މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ ކިލިއަން އެމްބައްޕޭ މިސީޒަނަށްފަހު ރެއާލް މެޑްރިޑަށް ބަދަލުވެއްޖެނަމަ އެތަން ފޫބައްދަން ޕީއެސްޖީއިން ބޭނުންވާ ކުޅުންތެރިޔަކީ ޑައިބަލާ ކަމަށް ވާތީއެވެ. އަނެއްކޮޅުން އިޓަލީގެ ބައެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން އިންޓަމިލާނުން ޑައިބަލާ ފެނުމުގެ ފުރުސަތުވެސް ކުޑައެއް ނޫނެވެ.