މިހާރު ކުރިއަށްދާ އެމްޓީސީސީ ދިވެހި ސާފް ލީގު (ރާޅާއެރުމުގެ) ދެވަނަ މުބާރާތުގައި ޖޫނިއާ ގުރޫޕުން ފައިނަލަށް ދިޔައީ ޖުމާން މުޙައްމަދާއި ޝާނިފް ޝަފީގެވެ.

"މުލީކޮޅު ރާޅުގަނޑު" ނަމުގައި ބާއްވަމުން އަންނަ މި މުބާރަތަކީ އެމްޓީސީސީ ދިވެހި ސާފް ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތެވެ. މ. އަތޮޅު މުލީގައި ކުރިއަށްދާ މި މުބާރާތުގެ ޖޫނިއާ ބާގައި 16 ރާޅާ އެޅުންތެރީން ވާދަކުރި އެވެ. އަދި ފިރިހެނުންގެ އޯޕަން ބައިގައި 32 ރާޅާ އެޅުންތރިންވާދަކުރެއެވެ.

މިއަދު އޮތް 18 އަހަރުންދަށުގެ ސެމީފައިނަލުގައި ހީޓް އެކެއްގައި ޖުމާން މުޙައްމަދާއި ޝައިހާން ހުސެއިން ޞަލާހު ވާދަކޮށް 10.67 ޕޮއިންޓުން ކުރި ހޯދީ ޖުމާން މުޙައްމަދެވެ. ޝައިހާން އަށް ލިބުނީ 5.83 ޕޮއިންޓެވެ.

މެންދުރުފަހު އޮތް ސެމީފައިނަލްގެ ދެވަނަ ހީޓްގައި ޝާނިފް ޝަފީގާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ ވާދަކޮށް، ފައިނަލަށް ދިޔައީ ޝާނިފެވެ. ޝާނިފް ފައިނަލަށް ދިޔައީ 11.67 ޕޮއިންޓް ލިބިގެނެވެ. މި ހީޓްގައި ޔޫސްފް ކަޔާން އަށް ލިބުނީ 4.50 ޕޮއިންޓެވެ. ފައިނަލަށް ދިޔަ 2 ބައިވެރިންނަކީވެސް މ. އަތޮޅަށް ނިސްބަތްވާ 2 އެތްލީޓުންނެވެ. ޝާނިފަކީ މި މުބާރާތް އޮންނަ މުލީ ކުއްޖެކެވެ. ޖުމާން އަކީ މ. އަތޮޅު މުލަކު ކުއްޖެކެވެ.

މާލްޑިވްސް ސާފް އެސޯސިއޭޝަނުން އިންތިޒާމުކުރި މި މުބާރާތުގައި ރާއްޖެއިން ބޭރުގެ ޖަޖެއްކަމަށްވާ ސްލައިޑް މާޓިން އިސް ފަނޑިޔާރެއްގެ ގޮތުގައި ބައިވެރިވެއެވެ.

އެމްޓީސީސީ މިއަހަރުގެ ގައުމީ ދެވަނަ ރާޅާ އެޅުމުގެ މުބާރާތް ބަލާލުމަށާއި މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން މުއްޔަށް ޒިޔާރަތްކުރިއެވެ. އޭގެތެރޭގައި ކ. ހިންމަފުށި، ގުޅި، ގުރައިދޫ، ތުލުސްދޫ، ގދ. ގައްދޫ، ވާދޫ އަދި މާލެއިންވެސް ގިނަ އަދަދެއްގެ އެތްލީޓުންނާއި މެހުމާނުން އެ ރަށަށް ޒިޔާރަތްކުރިއެވެ.

ގައުމީ ދިވެހި ސާފް ލީގް މިއަހަރު ރާއްޖޭގެ 5 ސަރަހައްދެއްގައި ބާއްވަން ނިންމާފައިވެއެވެ. ފުރަތަ މުބާރާތް ބާއްވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހު ގދ. ގައްދޫގައެވެ. 2 ވަނަ މުބާރާތް މިހާރު މުލީގައި ކުރިއަށްދާއިރު 3 ވަނަ މުބާރާތް ރ. ކިނޮޅޮހުގައި ޖުލައި 5 އިން 9 އަށް ބާވަން ވަނީ ހަމަޖެހިފައެވެ. 4 ވަނަ މުބާރާތް އޮނަނީ ކ. ހިންމަފުށީގައެވެ. އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރ 4 އިން 8 އަށެވެ. އަދި 5 ވަނަ މުބާރާތްކަމަށްވާ "ރަންނަމާރި ޗެލެންޖް" އޮންނަނީ މާލޭގައި މިއަހަރު ނޮވެންބަރ 18 އިން 25 އަށެވެ.