މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ބާއްވާ "މަޖީދީ ރަން" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވަވާފައި ވަނީ މާލެ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކްގައެވެ. މަޖީދީ ރަން ފަށާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ 21:30 ގައި މަޖީދިއްޔާ ސްކޫލުގެ ދާރުލްޢުލޫމް ހޯލުންނެވެ. މި ދުވުން ފަށްޓަވައިދެއްވީ މަޖީދިއްޔާ ސްކޫލް އެބޭފުޅަކަށް ނިސްބަތްވެވަޑައިގަންނަވާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީންގެ ކާފަދަރިކަލުންކަމަށްވާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި މުޙައްމަދު ޝިހާބެވެ.

އަދި ހަމަ އެރޭ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލިއާގޭގެ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދުވުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މަޖީދީ ރަން ނިންމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މަޖީދީ ރަންގައި ސިންތެޓިޖް ޓްރެކްގައި ދުވެވަޑައިގަންނަވާފައެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދީ ރަން ނިންމެވުމުގެ ގޮތުން މަޖީދީ ރަންގެ ދަންމަރު ނިންވާލައްވާފައެވެ. މަޖީދީ ރަންގައި މިހާތަނަށް ގިނަ ބަޔަކު ބައިވެރިވެފައިވާއިރު މި ރޭ ބޭއްވި ރަން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަޖީދީ ރަންގައި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ ޢިއްޒަތްތެރިންނާއި މަޖީދިއްޔާ ސްކޫލްގެ ގިނަ ޢަދަދެއްގެ މިހާރުގެ ދަރިވަރުންނާއި އިސްދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މަޖީދިއްޔާ ސްކޫލްއަށް 95 އަހަރު ފުރުނީ މިދިޔަ އެޕްރީލްމަހުގެ 19 ވަނަ ދުވަހުއެވެ. ރާއްޖޭގެ ތަޢުލީމީ ނިޒާމު ފެށިގެންދިޔައީ 1927 ވަނަ އަހަރުގެ އޭޕްރިލް 19 ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާ މިހާރުގެ ނަމުންނަމަ މަޖީދިއްޔާ ސްކޫލާއި އެކުއެވެ. މަޖީދިއްޔާ ސްކޫލަކީ ތަޢުލީމު ދިނުމުގެ އިތުރަށް، މީހުން ބިނާކުރުމުގެ ބުރަ ބޮޑު މަސައްކަތްވެސް ފެށުނު ހިސާބެވެ. އެގޮތުން އަޚުލާގާއި ތަރުބިއްޔަތާއި، އިޖްތިމާއީ ކުރިއެރުމަށް ޒުވާނުން ތައްޔާރުކުރުމާއި، ކުޅިވަރާއި އަދަބިއްޔާތުފަދަ ދާއިރާތަކުން މީހުން ބިނާކުރި ސްކޫލެވެ.