އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުން އަންނަ އާދިއްތަ ދުވަހު އޮންނަ ޖަލްސާގައި ކުރިއަށްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މަސައްކަތް ހޯމަ ދުވަހުގެ ރޭ ނިންމާލާފައިވާއިރު އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓް ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި މަޖިލީހުގެ އިދާރާއަށް ލިބިފައިވާކަމަށެވެ. އަދި މިމަހުގެ 29 ވަނަ ދުވަހު ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސް ފެށުމަށް އެޖެންޑާކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ބަޖެޓްގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު އަންނަ ހަފްތާގައި ބަޖެޓް ފާސްކުރާނެ އެވެ.

ބަޖެޓް ދިރާސާކުރި ކޮމިޓީން ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް މިހާރު އަންދާޒާކޮށްފައިވަނީ 21 ބިލިއަން ރުފިޔާ އެވެ. ކުރިން ބަޖެޓްގައި ހިމަނާފައިވަނީ 17.79 ބިލިއަން ރުފިޔާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށެވެ.

އެބަދަލުތަކާއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 34.92 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.