އެމްޓީސީސީ ދިވެހި ސާފް ލީގު "މުލީކޮޅު ރާޅުގަނޑު" ނިމުން ފާހަގަކުރަމަށް މުލީގެ އިސް ރަށްވެހީން ދިވެހީން އިހު، ރާޅާ އަޅާ އުޅުނުގޮތް ކަމަށްވާ ބަނޑުފިލާގައި ރާޅާ އެޅުން ދައްކާލައިފިއެވެ.

ބަނޑުފިލާގައި މުލީ އިސް ރަށްވެހީން ދައްކާލި ރާޅާ އެޅުމަކީ ގިނަ ބަޔަކު ބަލާހިތްވި މަންޒަރަކަށް ވިއެވެ. މިގޮތަށް ރާޅާ އަޅަނީ ފިލާގައި އޮށޯވެ އޮވެއެވެ. ސާފުއެސޯސިއޭޝަނުން މުބާރާތް ހުށަހަޅައިދެއްވި މެންބަރު ބުނުއްވީ މިއީ ވަރަށް ހިތްގައިމު މަންޒަރެއްކަމުގައެވެ. މިހާތަނަށް އެއްވެސް ރަށަކުން ރާޅާ އެޅުމުގެ މުބަރާތެއްގައި މިފަދަ ހިތްގައިމު މަންޒަރެއް ނުފެންނަ ކަމަށެވެ.

ބަނޑުފިލާގައި ރާޅާ އެޅި އިސް ރަށްވެހީން ރާޅާ އެޅުމަށް ތައްޔާރުވެގެން، ފޮޓޯ: މުލީން

ރާޅާ އެޅުމަކީ ޒަމާނުއްސުރެ ރާއްޖޭގައި، އެފުރުޞަތު ލިބިފައިވާ ރަށްރަށުގައި ކުރާކަމެކެވެ. ޚާއްޞަކޮށް ޅަފުރައިގެ ކުޑަ ކުދިންނާއި ޒުވާނުން ވަރަށް ބޮޑަށް ޝައުޤުވެރިވާކަމެކެވެ. އިހުގައި ދިވެހީން ރާޅާ އަޅާ އުޅުނީ ލަކުޑި މަޅުގައެވެ. ކުޑަކުދީން އާންމުގޮތެއްގައި ބޭނުންކުރަމުންދިޔައީ ނިދާ އެނދުގެ މަޅެވެ.

ކުޅިވަރެއްގެ ގޮތުގައި މިކަން ކުރި މީހުން ބޭނުންކުރީ ބަނބުކެޔޮ ފިލައިން ހަދާފައި ހުންނަ މަޅުފޮތްޗެވެ. އެ ޒަމާނުގައި މިހާރު މި ގެންގުޅޭކަހަލަ ސްކޭޓް ބޯޑާއި، ބޫގީބޯޑާއި، އިކްވިޕްމެންޓް ސާފް ބޯޑެއް ނުހުރެއެވެ.

މިއަދު މުލީގައި އޮތް އިސް ރަށްވެހީންގެ ރާޅާ އެޅުމުގައި ބައިވެރިވި މުލީ ހަވީރީގޭ މުހައްމަދު ނައީމް (ދޮންބެ) ބުނީ ރާޅާ އެޅުމަކީ ވަރަށް ކުޑައިރުއްސުރެ ކުރާ ކަމެއް ކަމަށެވެ. "1977 އަދި 78 ގެ ދުވަސްވަރު މަދަރުސާ ނިންމާ ގޮތަށް ސޯފާ އެނދުގެ ފިލާ ހިފައިގެން ދަނީ ރާޅާ އަޅަން. ގިނަ ފަހަރަށް ގޭގެ މީހުނަށް ނުވެސް އެނގޭނެ މަޅު ގެންދާ ކަމެއްވެސް" ދޮންބެ ބުންޏެވެ. މިހާރު ފަންސާހުގެ ފަހުއަހަރުތައް ގުނަމުންދާ ދޮންބެ ބުނީ އަދިވެސް އެ ބުންވަރު އެބަހުރުކަމަށެވެ. "ދޮންބެއަކީ އަބަދުވެސް މޫދުގައި އުޅޭ މީހަކަށްވާތީ މިހާރުވެސް ރާޅާ އެޅުމަކީ ވަރަށް ފަސޭހަކަމެއް " ދޮންބެ ބުންޏެވެ.

ބަނޑުފިލާގައި ރާޅާ އެޅި އިސް ރަށްވެއްސެއްކަމަށްވާ މުހައްމަދު ނައީމް (ދޮންބެ) ފޮޓޯ: އެފްބީ

މުލީގެ އިސް ރަށްވެހީން ޅަ އިރެކޭ އެއްގޮތަށް އެ ބުންވަރުގައި ފަރިތަކަމާއެކު ރާޅާ އެޅޭނެކަން މިއަދުގެ ޖީލަށް ދައްކާލައިފިއެވެ. އެމީހުން އެ ގެންގުޅުނު މަޅުގަ އެވެ. ހަމަ އެ ޖޯޝާއި ފޯރީގައެވެ. "މުލީކޮޅު ރާޅުގަނޑު" ގެ ސަބަބުން މުލީގެ އިސް ރަށްވެހީންނަށް އެމީހުންގެ ޅަފުރައިގެ ދުވަސްވަރު ހަނދާން އާ ވިއެވެ. ފުރާވަރު ދުވަސްވަރު އެ އުޅުނު ސަކަ މަންޒަރުތައް ލޯމަތީން ސިފަވެގެން ދިޔައެވެ. އެ ދިރިއުޅުން އަލުން ތަޖުރިބާ ކުރެވުނެވެ.

ބަނޑުފިލާގައި ރާޅާ އެޅި ބައެއް، އިސް ރަށްވެހީން ރާޅާ އެޅުމަށް ތައްޔާރުވަނީ، ފޮޓޯ: އެފްބީ

މިއަދު ނިމުނު ގައުމީ ރާޅާ އެޅުމުގެ މުބާރާތް "މުލީކޮޅު ރާޅުގަނޑު" ފުރިހަމަކަމާއެކު ނިންމާލެވުނީ މުލީގެ އިސް ރަށްވެހީންގެ ބުރަ މަސައްކަތުން ކަމުގައި މުލީ ކައުންސިލުން ފާހަގަ ކުރެއެވެ. މި މުބާރާތް ފުރިހަމަކަމާއެކު ނިންމާލެވުނު ކަމުގެ ހެއްކަކީ އަންނަ އަހަރުވެސް ރާޅާ އެޅުމުގެ ގައުމީ މުބާރާތެއް މުލީގައި ބޭވުމަށް މިއަދުގެ ރަސްމިއްޔާތުގައި ސާފް އެސޯސިއޭޝަނުން އިއުލާނުކުރުމެވެ.

މުލީގެ އިސް ރަށްވެހީންނަކީ އިޖުތިމައީ، ގައުމީ ކަންކަމުގައި ފަސްނުޖެހި، ރެއެއް ދުވާލެއް ނުބަލާ މަސައްކަތްކުރާ ބައެކެވެ. މިއީ އަދުގެ ޒުވާނުން، މި ޖީލުގެ ޅަކުދީން ނަމޫނާއަކަށް ބަލަންވީ އިސް ރަށްވެހީންނެވެ.