އެކި މިނިސްޓްރީތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހަޅަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ މިނިސްޓްރީތަކުގެ ނަމުގައި މިގޮތަށް ގުޅަނީ ރަށްރަށުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސް މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން އެ އިދާރާއެއްގެ އިސް މުވައްޒަފަށް ގުޅައި، ވަކި މުވައްޒަފަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ބުނާ ކަމަށާއި އަދި އެކަމުގައި ނަސޭހަތްތެރިވުމަށް ފަހު، އެ އިދާރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މައުލޫމާތާއި ފޯނު ނަމްބަރު ހޯދާ ކަމަށް ފުލުހުން ބުނެ އެވެ.

"އެގޮތުން، ހެލްތު މިނިސްޓްރީގެ ނަމުގައިނަމަ ގުޅަމުންދަނީ ހެލްތު ސެންޓަރުގެ މުވައްޒަފުންނަށް. އަދި ސްކޫލެއްގެ މުވައްޒަފެއް ނަމަ ގުޅަނީ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި." ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެގޮތަށް ގުޅައި، އެ މުވައްޒަފާ ވާހަކަ ދައްކައި އޭނާ އާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމަށް ބުނާ ކަމަށާއި އަދި ވާހަކަ ދެއްކުމުގެ ތެރޭގައި މުވައްޒަފުގެ ޒާތީ މައުލޫމާތު ހޯދައި އެ މުވައްޒަފަށް ބިރުދައްކައި ފައިސާ ހޯދާ ކަމަށެވެ.

އެގޮތުން މިގޮތަށް އާންމުކޮށް ގުޅަނީ މަފުށީ ޖަލުންކަން ފުލުހުން ފާހަގަކުރެ އެވެ.

ފުލުހުން ވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.