އެސްޓީއޯއިން ވިއްކާ އުފެއްދުންތަކުގައި ރާއްޖޭގެ އެންވަޔަރަންމެންޓް މިނިސްޓްރީން "ހަކަތަރި" ލޭބަލް ޖަހަން ފަށައިފިއެވެ.

ހަކަތަރި ލޭބަލަކީ ކަރަންޓު އާލަތްތަކުގެ، އެނާޖީ އެފިޝެންސީ ދައްކުވައިދިނުމަށް އުފައްދާފައިވާ ޚާއްސަ ލޭބަލެކެވެ. އެސްޓީއޯއިން ވިއްކާ އުފެއްދުންތަކުގައި މިލޭބަލް ޖަހަންފެށީ މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތު ބޭއްވީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައެވެ.

އެސްޓީއޯއިން ވިއްކާ އުފެއްދުންތަކުގައި މިލޭބަލް ޖަހަންފެށުން ފަށްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރާއި އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެެ. މި ލޭބަލްގެ ސަބަބުން ޢާމުން ގޭގޭގައި އެންމެ ގިނައިން ބޭނުންކުރާ ކަރަންޓުގެ އާލާތްތަކަށް ކަރަންޓު ހޭދަވާ މިންވަރު ދެނެގަނެވޭނެއެވެ. މިއީ ފަސް ތަރީގެ މިންގަނޑަކުން އެ އުފެއްދުމެއްގެ އެނާޖީ އެފިޝެންސީ ފެންނަން ހުންނަ ލޭބަލެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ މިއީ މުހިންމު ފެށުމެއްކަމަށެވެ. އަދި މިލޭބަލް ޖެހުމުގެ މައިގަނޑު މަގްސަދަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ބާރުއެޅުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެސްޓީއޯއިން ވިއްކާ އުފެއްދުންތަކުގައި ހަކަތަރި ލޭބަލް ޖެހުމުގެ ހުއްދަ އެންވަޔަރަންމަންޓު މިނިސްޓްރީން ދޫކުރީ މި މަހުގެ 13ވަނަ ދުވަހުއެވެ.