އިނގިރޭސި ޕްރިމިއަރ ލީގުގައި ދެލަނޑުން ފަހަތުގައި އޮވެ، ދެވަނަ ހާފުގައި ދެއްކި އާދަޔާ ހިލާފް ހިތްވަރުން 2-3 އިން ކްރިސްޓަލް ޕެލަސްގެ މައްޗަށް ރޭ ކުރި ހޯދައި އެވަޓަން ޕްރިމިއަރ ލީގުން މިސީޒަނުގައި ރެލިގޭޓް ނުވާނެކަން ޔަގީން ކޮށްފިއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗުގައި ކްރިސްޓަލް ޕެލަސްއިން ލީޑް ނެގީ މެޗުގެ 21 ވަނަ މިނެޓުގައި ފިލެއްޕެ މަޓޭޓާގެ ލަނޑުންނެވެ. ލީޑް އިތުރަށް ފުޅާކޮށް އެވަޓަން ޕްރެޝަރަށް ވައްޓާލީ ޖޯޑަން އަޔުވް 36 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ.
ޗެލްސީ އާއި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެވަޓަން ދެވަނަ ހާފުގައި ފެނުނީ މުޅިން ތަފާތުކޮށް ގަދަ ހިތްވަރެއް ކުރި މަންޒަރެވެ. އެވަޓަންއަށް އުއްމީދެއް ލިބުނީ މައިކަލް ކީން 54 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ. އެވަޓަންގެ ސަޕޯޓަރުންގެ ތަރުހީބުގެ އަޑުން ގުގުމާފައި އޮތް ދަނޑަށް އުފަލުގެ ކެކި އުތުރިއެރުން އައީ 75 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ރިޗަލްސަން އާއި 85 ވަނަ މިނެޓުގައި އިންގްލެނޑުގެ ފޯވާޑް ކަލްވާޓް ލެވީ ކާމިޔާބު ކުރި ދެލަނޑުން އެވަޓަންއިން ލީޑް ނެގުމުންނެވެ.
މިއީ ޕްރިމިއަރ ލީގުގެ ތާރިހުގައި ދެލަނޑުން ފަހަތުގައި އޮތުމަށްފަހު އެވަޓަނުން މެޗެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ފުރަތަމަ ހާފުގައި ދެލަނޑުގެ ލީޑެއްގައި އޮތުމަށްފަހު ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސް ބަލިވި ފުރަތަމަ ފަހަރެވެ.
އެވަޓަން މޮޅުވެގެން މެޗް ނިމުމާއެކު އުފަލުން ރޮވިފައިތިބި އެވަޓަންގެ އެތައްހާސް ސަޕޯޓަރުން ވަނީ ދަނޑަށް އަރައި އުފާފާޅު ކޮށްފައެވެ.
އަންނަ ސީޒަނުންވެސް ޕްރިމިއަރ ލީގުގެ ޖާގައެއް އެވަޓަން ޔަގީން ކުރުމާއެކު އެކްލަބު ވެފައި ވަނީ އާސެނަލް ފިޔަވައި އިންގްލެންޑުގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތިން ރެލިގޭޓް ނުވެ އެންމެ ގިނަ ދުވަހު އެންމެ މަތީ ފަންތީގައި ހިފަހައްޓަމުން އަންނަ ކްލަބަށެވެ. އިނގިރޭސި ފުޓްބޯޅައިގެ ކްލަބްތައް ވާދަކުރާ އެންމެ މަތީ ފަންތީގެ ނަން އެކި ނަން ނަމަށް ބަދަލުވަމުން އައިނަމަވެސް 68 ސީޒަނުގައި އެވަޓަންއިން ވަނީ ރެލިގޭޓް ނުވެ އެންމެ މަތީ ހަރުފަތުގައި ހިފަހައްޓާފައެވެ. އާސެނަލްގެ ރެކޯޑަކީ 96 އެކެވެ.