މިދިޔަ ފިތުރު އީދު ދުވަހު ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް ހާލި ދެރަވިގެން ފަރުވާދެމުން އައި ޒުވާނާ އިތުރު ފަރުވާ އަށް އިންޑިއާ އަށް މިއަދު ފުރުވާލައިފި އެވެ.

ފިތުރު އީދު ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ޑައިވިން އަށް ގޮސް އުޅެނިކޮށް ހާލި ދެރަވެގެން ފަރުވާ ދެމުން އައީ ފުވައްމުލަކަށް ނިސްބަތްވާ މަހުމޫދު ފާއިޒް (ޓޮލްޑޯ)، 19، އަށެވެ. އެ ހާދިސާއާ ގުޅިގެން އޭނާ އަށް ފުވައްމުލަކުން ފަރުވާ ދިނުމަށް ފަހު ފަހުން މާލެ ގެންގޮސް އޭޑީކޭ އާއި ޅ. ކުރެއްދޫ އައިލޭންޑް ރިސޯޓްގެ ޑީކޮމްޕްރެޝަންގައި ވެސް ފަރުވާ ދިނެވެ.

ކުރެއްދޫގައި ދެ ހަފުތާއެއްހާ ދުވަސް ވަންދެން ފަރުވާ ދިނުމަށް ފަހު، މަހުމޫދު އިތުރު ފަރުވާ އަށް އިންޑިއާ އަށް ފުރުވީ މިއަދު ހެނދުނެވެ.

ފިތުރު އީދު ދުވަހަކު އޭނާއާ އެކީ ޑައިވިން އަށް ފޭބި މުހައްމަދު ސައީދު، 40، ގެއްލިފައިވާ އިރު، އޭނާ ހޯދުމުގެ މަސައްކަތް ކުރުމަށް ފަހު ހުއްޓައިލީ މި މަހުގެ 8 ގަ އެވެ.