ދެ ދޯންޏެއް ފަރަށް އަރައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ 8 މީހުންނާއެކު ކ.މާލެއިން ފުރައިގެން ލ.އަތޮޅަށް ދަތުރުކުރަމުންދިޔަ "މާވަހަރު ސްޓަރ" ނަމަކަށް ކިޔާ ބޯޓެއް މ.މުއްޔާއި މ.ކޮޅުފުށްޓާ ދެމެދުން ފަރަކަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

އަދި 16 މީހުންނާއެކު މަސްވެރިކަމަށް ނިކުމެއުޅުނު "އުފާ" ނަމަކަށް ކިޔާ މަސް ދޯންޏެއް، ތ.ގާދިއްފުށި ކައިރިން ފަރަކަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

މިއިން އެއްވެސް ހާދިސާއެއްގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މިދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރެކެވެ.