"އިންޑިއާ އައުޓް" ކެމްޕޭން ހިންގާ މައްސަލާގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީގެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުހައްމަދު އިސްމާއިލްގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ޖިނާއީ ކުށެއް އޭނާ ކުރި ކަމަށް ފުލުހުންނަށް ހެކި ދެއްކިފައި ނެތުމުން ވަނީ ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.

ޕީޕިއެމަށް ނިސްބަތްވާ އިސްމާއީލް ކޯޓް އަމުރެއްގެ އަލުން ހައްޔަރުކޮށްފައިވަނީ ރޭ ކެފޭއެއްގައި އިންނަވަނިކޮށެވެ. މިދިޔަ ބުދަ ދުވަހު ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން ވަނީ ދޫކޮށްލާފަ އެވެ.

އިސްމާއީލަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ ފައިސާ ގޯނީގައި އުފުއްލެވި ކަމަށް އަމިއްލަ އަށް ވިދާޅުވި ބޭފުޅާ އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރިޔާސީ ގަރާރަކުން މިދިޔަ މަހު ކަނޑައަޅާފައިވެ އެވެ.