މަޝްހޫރު ރެއާލް މެޑްރިޑުން ހުށަހަޅާފައިވާ ކޮންޓްރެކްޓަށް ނޫނެކޭ ބުނެ ޕީއެސްޖީގައި މަޑު ކުރަން ނުރައްކާތެރި ވިންގަރ ކިލިއަން އެމްބައްޕޭ ނިންމައިފި ކަމަށް ސްކައި އިޓާލިއާ އިން މިއަދު ބުނެފިއެވެ.
ރެއާލްއަށް އެމްބައްޕޭ ނޫނެކޭ ބުނެފިކަމަށް މީޑިޔާ ރިޕޯޓުތައް ބުނަން ފަށާފައި މިވަނީ އެމްބައްޕޭ ގެންދިޔުމަށް މީގެ ތިން ސީޒަން ކުރިން ފެށިގެން ރެއާލްއިން ކުރަމުން އަންނަ މަސައްކަތް މިފަހަރު ކާމިޔާބު ކުރާނެކަމަށް ބެލެވިފައި ވަނިކޮށެވެ.
ސްކައި އިޓާލިއާއިން ބުނެފައި ވަނީ ފްރެންޗް ލީގް ފަހު މެޗުގައި މިރޭ އަމިއްލަ ދަނޑުގައި އެފްސީ މެޓްޒްއާ ދެކޮޅަށް އެއްބައްޕޭ ކުޅޭނެ ކަމަށާއި، ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރަން ނިންމައި މިވަގުތު އޭނާ ހުރީ ޕީއެސްޖީ ޓީމް ކޭމްޕް ކޮށްފައިވާ ހޮޓެލް ރެނައިސެންސްގައި ކަމަށެވެ.
އަނެއްކޮޅުން ސްޕެއިނުގެ މަޝްހޫރު ބައެއް މިޑިޔާތަކުގެ ޚަބަރުތަކުގައި މިއަދު ބުނެފައި ވަނީ އެމްބައްޕޭ ރެއާލްއާ ނުގުޅޭނެކަން އެކްލަބުގެ ރައީސް ފްލެރޮންޓީނޯ ޕެރޭޒް އެކްލަބުގެ ކުޅުންތެރިން ކައިރީ ބުނެފައިވާ ކަމަށެވެ.
ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއްކުޅުންތެރިޔާގެ ގޮތުގައި ހުރި އެމްބައްޕޭއަށް ރެއާލް އާއި ޕީއެސްޖީންވެސް ހުށަހަޅާފައި ވަނީ އަހަރަކަށް 50 މިލިޔަން ޔޫރޯއެވެ. ރެއާލް އާއި ޕީއެސްޖީގެ ހުށަހެޅުމުގައި ހުރި އެންމެ ބޮޑު ތަފާތަކީ ޕީއެސްޖީއިން ލޯޔަލްޓީ ބޯނަހެއްގެ ގޮތުގައި 150 މިލިޔަން ޔޫރޯ ދިނުމަށް ހުށަހަޅާފައިވާ ވުމެވެ.