ދުނިޔޭގެ އެންމެ ވަރުގަދަ ޖަނަރޭޓަރުސެޓް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑްގެ ޓެކްނޮލޮޖީ ގްރޫޕް ވާޓްސިލާ ކުންފުނިން ސްޓެލްކޯއަށް ތައުރީފްކޮށްފިއެވެ. އެކުންފުނިން ސްޓެލްކޯއަށް ތައުރީފްކޮށްފައިވަނީ ސްޓެކްކޯއާއެކުގައި މަސައްކަތް ކުރާތާ މިއަހަރަށް 30 އަހަރުފުރުމާއި ގުޅިގެން ޒަމާންވީ މިގުޅުން ފާހަގަކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

ވާޓްސިލާގެ ޖަނަރޭޓަރުސެޓްތައް އެންމެ ފުރުތަމަ ރާއްޖެއަށް ގެނެސްފައިވަނީ 1990 ވަނަ އަހަރުގައި މާލޭ އިންޖީނުގެއަށް. އަދި މި ޖަނަރޭޓަރުސެޓްތައް މިއަދާހަމައަށްވެސް ބޭނުންކުރެވެމުން ދާކަން ފާހަގަކޮށް ވާޓްސިލާއިން ވަނީ މި ޖަނަރޭޓަރުތަކުގެ މެއިންޓަނެންސް ބެލެހެއްޓުމުގައި، ސްޓެލްކޯގެ ގާބިލް އަދި ތަޖުރިބާކާރު އިންޖިނިއަރުންގެ މަސައްކަތް ފާހަގަކޮށް، އެމަސައްކަތަށް ތައުރީފްކޮށްފައެވެ. އާންމުގޮތެއްގައި ޑީސަލް ޖަނަރޭޓަރެއްގެ އުމުރަކީ 25 އަހަރުކަން ފާހަގަ ކޮށްލެވެއެވެ. ވާޓްސިލާއިން ރާއްޖެއަށް 1990 ގައި ފޮނުވި 2 ޖަނަރޭޓަރުސެޓުގެ އިތުރުން، މާލޭ އިންޖީނުގެއަށް އިތުރު 6 ޖަނަރޭޓަރުސެޓެއް ގެނެސްފައިވެއެވެ. އަދި ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓް އިންޖީނުގޭގައި ބޭނުން ކުރަމުންދަނީވެސް ވާޓްސިލާގެ 6 ޖަނަރޭޓަރު ސެޓްކަން ފާހަގަކޮށްލެވެއެވެ. އެއާއެކު ވާޓްސިލާގެ އިންޖީނުތަކުގެ ކެޕޭސިޓީ ޖުމްލަ 100މެގަވޮޓަށް އަރައެވެ.

ޖަނަރޭޓަރުސެޓް ފޯރުކޮށްދިނުމުގެ އިތުރުން ވާޓްސިލާ ލައިފްސައިކަލް ސަރވިސަސްގެ ހިދުމަތުގެ ދަށުން ވާޓްސިލާއިން ގެންދަނީ ސްޓެލްކޯގެ އިންޖިނިއަރުންނަށް އަބަދުވެސް ތަމްރީނުތައް ދެމުންނެވެ. މީގެ އިތުރުން ވާޓްސިލާގެ އެންމެފަހުގެ އުފެއްދުންކަމަށްވާ ސްޓޭޓް އޮފް ދަ އާޓް އިންޖިން ކޮންޓްރޯލް އެންޑް މޮނިޓަރިން ސިސްޓަމް މިހާރު ސްޓެލްކޯގައި ދަނީ ބޭނުން ކުރަމުންނެވެ. މިއީ ޖަނަރޭޓަރުސެޓްތަކުން ކަރަންޓު އުފައްދަން ބޭނުންވާ ތެލުގެ މިންވަރު ކުޑަކޮށް، ވައި ތަގައްޔަރުވާ އިންސައްތަ މަދުކުރުމަށް އުފައްދާފައިވާ ސިސްޓަމެކެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަހްމަދު ޝަރީފް ވިދާޅުވީ ރާއްޖެފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެގެންވާ އަދި ފަތުރުވެރިކަމުގެ ސިނާއަށް ބަރޯސާވާ ގައުމަކަށް ކަރަންޓު ފޯރުކޮށްދޭންޖެހޭ ނިޒާމު ތަފާތުވިކަމުގައި ވީނަމަވެސް ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭކަމަށެވެ. އަދި އެއީ ވާޓްސިލާ ކުންފުނީގެ ޓެކްނިލަކް ގާބިލްކަމާއި، އެފަރާތުން ދެއްވާ ކަސްޓަމަރ ސަރވިސްގެ ފުރިހަމަކަމުން ކަމަށް ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން، 1990 އަހަރު ބޭނުންކުރަންފެށި ޖަނަރޭޓަރުސެޓްތަށް މިއަދާ ހަމައަށް އެހާ ފުރިހަމަށް މަސައްކަތްކުރުމަކީ ފާހަގަކުރަންޖެހޭ ކަމެއްކަމަށާއި، ވާޓްސިލާ ކުންފުނިން ސްޓެލްކޯއަށް ވެދެއްވާފައިވާ، އަދި މިހާރު ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މުސްތަގްބަލުގައި އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުވުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގައި ވާޓްސިލާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ވާޓްސިލާ އެނާޖީގެ ދެކުނު އޭޝިއާގެ ޑިރެކްޓަރ ހެންރީ ވޭން ބޮކްސްޓެލް ވިދާޅުވީ ދެ ކުންފުނީގެ ދެމެދުގައި ދިގު މުއްދަތަކަށް ދިމެގެން މިދާ ވަރުގަދަ ގުޅުމަކީ ވަރަށް ފާހަގަކޮށްލެވޭ ގުޅުމެއް ކަމަށާއި، 30 އަހަރު ވަންދެން ޖަނަރޭޓަރުތަކުން ކަރަންޓު ފޯރުކޮށްދެވުމުން އެނގެނީ ސްޓެލްކޯގެ އިންޖީނިއަރުންގެ ގާބިލްކަމާއި، މެއިންޓެނެންސްގެ މަސައްކަތުގެ ފުރިހަމަކަންކަމަށެވެ. އަދި ވާޓްސިލާ ގުރޫޕްގެ އުއްމީދަކީ އެކުންފުންޏާއި، ދިވެހި ސަރުކާރާއި، ސްޓެލްކޯއާ އޮންނަ ގުޅުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރާ މަރުހަލާގައިވެސް މިގޮތުގައި ދެމިއޮތުން ކަމަށެވެ.

ސްޓެލްކޯއަކީ ރާއްޖޭގެ އިންޖީނިއަރިންގ ދާއިރާގައި އެންމެ ތަޖުރިބާކާރު އަދި ގާބިލް އިންޖީނިއަރުންގެ ޕޫލް އޮތް ކުންފުނިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިންޖީނިއަރިންގ ފީލްޑްގައި 600 އަށްވުރެ ގިނަ މުވައްޒަފުން ސްޓެލްކޯގައި މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ވާޓްސިލާއަކީ ކަރީލިއާ (މިހާރުގެ ފިންލެންޑް އަދި ރަޝިއާގެ ސަރަހައްދުތައް ހިމެނޭ ޤައުމެއް) ގައި 1834 ވަނަ އަހަރު ވަޑާމުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން އުފެއްދި ކުންފުންޏެކެވެ. 180 އަހަރު ވީ މިކުންފުނިން 1959 ގައި ފުރަތަމަ ޖަނަރޭޓަރުސެޓް އުފައްދާފައިވާއިރު ބައިންލްއަގުވާމީ ގޮތުން ޖަނަރޭޓަރުސެޓްގެ ހިދުމަތްތައް ފުޅާކޮށްފައިވަނީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވާޓްސިލާގެ އޮފިސްތަކުގައި ޔޫރަޕާއި އޭސިއާ އަދި އެމެރިކާ ހިމެނޭހެން 17،000 ވުރެން ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދެއެވެ. އެ ކުންފުނީގެ މިހާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ތިމާވެއްޓާ ރައްޓެހި އިއާދަކުރަނިވި ހަކަތަ ފުޅާދާއިރާއެއްގައި އުފެއްދުމެވެ.