ގއ. ވިލިނގިލީ ފަޅަށް ލޯންޗެއް ވަންނަނިކޮށް ނެރުގެ ފައިކަށީގައި ޖެހި ހިނގި އެކްސިޑެޓުންގައި ސީރިއަސް އަނިިޔާތަކެއް ލިބި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި ޒުވާނާ އާއި އެ ހާދިސާގައި އަނިޔާވި އިތުރު ދެ މީހުން ފަރުވާ އަށް މިއަދު މާލެ ގެނެސްފި އެވެ.

ރޭ އިރާކޮޅު ހިނގި މި އެކްސިޑެންޓުގައި ދެ މީހަކު މަރުވެފައިވެ އެވެ. އެއީ ގއ. ވިލިނގިލި، ދޫރެސް، މިސްބާހު ޢަބްދުލްމުޙްސިން، 37، އާއި ނ. ލަންދޫ، އުރަހަ، މުޙައްމަދު ޝާފިއު، 27، އެވެ.

ލޯންޗު އެކްސިޑެންޓުވި އިރު އެއިން ފަސް މީހަކު ދަތުރުކުރި އެވެ. އަދި ތިން މީހަކަށް ސީރިއަސް އަނިޔާ ލިބިފައިވާ އިރު އޭގެ ތެރެއިން އެންމެ ސީރިއަސް އަނިޔާތަކެއް ލިބުނީ މި ހާދިސާގައި މަރުވި މިސްބާހުގެ ކޮއްކޮ މިގުސާދު މުހުސިނަށެވެ.

އެމްއެންޑީއެފްއިން ބުނީ ރޭގެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާ ލިބި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މިގުސާދު ރޭ ފަތިހުގެ އެމްއެންޑީއެފްގެ ޑޯނިޔާ ފްލައިޓުގައި މާލެ ގެނެސްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗު އައީ ކޫއްޑޫން މި ހާދިސާގައި ނިޔާވި މިސްބާހު ގޮވައިގެންނެވެ. އެކްސިޑެންޓިވި ލޯންޗަކީ މިސްބާހުގެ ލޯންޗެއް ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެކްސިޑެންޓު ހިނގި ވަގުތު ލޯންޗު ދުއްވަން އިނީ ވެސް މިގުސާދެވެ.