އިނގިރޭސި ޕްރިމިއަރ ލީގުގެ މިސީޒަނުގެ އެންމެ ފަހު މެޗުގައި އެސްޓަންވިލާ އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ ލީގް ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީއިން ކަށަވަރު ކުރުމާއެކު ކޯޗް ޕެޕް ގާޑިއޯލާގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ.
ލިވަޕޫލްގެ ކުރީގެ ތަރި ސްޓީވެން ޖެރާޑުގެ އިރުޝާދުގެ ދަށުން ކުޅެމުން ދިޔަ އެސްޓަންވިލާއިން މެންޗެސްޓަރ ސިޓީ ޕްރެޝަރަށް ދުއްވާލީ 37 ވަނަ މިނެޓުގައި މެޓީ ކޭޝް އާއި 69 ވަނަ މިނެޓުގައި ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ފިލިޕް ކުޓީނިއޯ ކާމިޔާބު ކުރި ލަނޑުންނެވެ. މިއާއެކު ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅިބަލަން ވަދެ ތިބި އެކްލަބުގެ އެތައްހާސް ސަޕޯޓަރުން މާޔޫސް ކޮށްލިއެވެ.
އެކަމަކު ގާޑިއޯލާ ގެނައި ބަދަލުތަކާއެކު ސިޓީއިން އަލުން މެޗުގެ ތެރެއަށްވަދެ ހިތްވަރު ހޯދީ 76 ވަނަ މިނެޓުގައި، މިމެޗުގައި ސިޓީގެ ބަތަލަކަށްވި ޖަރުމަނުގެ ހުނަރުވެރި މިޑްފީލްޑަރު އީކާ ގުންޑޮގަން ކާމިޔާބު ކުރި ލަނޑުންނެވެ. އޭގެ ދެމިނެޓް ފަހުން ސްޕެއިނުގެ ޑިފެންސިވް މިޑްފީލްޑަރު ޕެޑްރީ އޭރިޔާގެ ބޭރުން ކާމިޔާބު ކުރި ހިތްގައިމު ލަނޑުން ސިޓީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމާއެކު ސިޓީގެ ސަޕޯޓަރުން ކެކި އުތުރި އަރައިގަތެވެ. މުޅި މެޗް ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ ސިޓީއިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ 81 ވަނަ މިނެޓުގައި ކެޕްޓަން ކެވިން ޑިބްރޭނާ އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑި ކައިރީގައި ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގުންޑޮގަން (ފޮޓޯ) އެވެ.
ވަރަށް ޖޯޝުގައި ކުޅެމުންދިޔަ ސިޓީއިން މެޗް ކާމިޔާބު ކުރުމާއެކު ކޯޗް ޕެޕް ގާޑިއޯލާ އުފަލުން ރޮވިފައި ހުރެ އެސިސްޓެންޓް ކޯޗް ގައިގައި ބައްދާލި މަންޒަރަށް މީޑިޔާގެ ސަމާލުކަން ވަރަށް ބޮޑަށް ރޭ ހުއްޓުނެވެ. ސްޕެއިނާއި ޖަރުމަނުގައި އަދި ޕްރިމިއަރ ލީގުވެސް މީގެ ކުރިން 3 ފަހަރު ކާމިޔާބު ކޮށްފައިވާ ގާޑިއޯލާގެ ފަރާތުން މީގެ ކުރިން އެއްވެސް ފަހަރަކު މިވަރަށް އޭނާ ޖަޒްބާތުގައި ޖެހުނު މަންޒަރު ފެނިފައެއް ނުވެއެވެ.
ސިޓީއަށް ރޭ މެޗް ކާމިޔާބު ނުކުރެވުނުނަމަ އެޓީމަށް ޗެމްޕިއަންކަން ނުލިބުނީހެއެވެ. އެއީ ސިޓީއާއެކު ލީގަށް ވާދަ ކުރަމުންދިޔަ ލިވަޕޫލްއިން ރޭ އަމިއްލަ ދަނޑުގައި 3-1 އިން ވުލްވޮސް އަތުން މޮޅުވެފައިވާތީއެވެ. ސިޓީއިން ލީގް ޗެމްޕިއަންކަން ކަށަވަރު ކުރީ 93 ޕޮއިންޓާއެކުއެވެ. ލިވަޕޫލް އޮތީ އެއްޕޮއިންޓް ފަހަތުން ދެވަނައިގައެވެ.
މިއީ ސިޓީއިން ފާއިތުވެދިޔަ ފަސް ސީޒަނުގެ ތެރެއިން ލީގް ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ. މިހަތަރު ފަހަރުވެސް ޗެމްޕިއަންކަން ހޯދީ ގާޑިއޯލާގެ އިރުޝާދުގެ ދަށުންކަން ފާހަގަ ކޮށްލެވެއެވެ. މިއީ ޕްރިމިއަރ ލީގުގެ ތާރިހުަގއި ސިޓީއިން ލީގް ޗެމްޕިއަންކަން ހޯދި 6 ވަނަ ފަހަރެވެ. ސިޓީއަށް ވުރެ ގިނައިން ލީގް ޗެމްޕިއަންކަން ހޯދާފައި ވަނީ މެންޗެސްޓަރ ޔުނައިޓެޑް (13 ފަހަރު) އެކަންޏެވެ.